އަލްފާޟިލް ޢަބްދުﷲ ނަޢީމް
ކިނާރާ، މ. ވޭވަށް

ޢަބްދުﷲ ނަޢީމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، މުލަކަތޮޅު ވޭވަށު އޮފީހުގެ ކާތިބުކަމުގެ މަގާމުގައި 15 އޮކްޓޫބަރު 1981 ގައެވެ. ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި ވޭވަށު އޮފީހުގެ ކާތިބުކަމުގެ މަގާމާއި، ސީނިއަރ ކުލާކުގެ މަގާމާއި، އެސިސްޓެންޓް ސެކްރެޓެރީގެ މަގާމާއި، ވޭވަށު ކަތީބުކަމާއި، ބޮޑުކަތީބުކަމާއި، ވޭވަށު ކައުންސިލުގެ އިދާރާގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމު އަދާކުރައްވައިފައި ވެއެވެ.

ވޭވަށު އޮފީހުގައި ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، ވޯކީޓޯކީގެ ޒަރީއާއިން އެކިއެކި ފަރާތްފަރާތަށް ފޮނުވަންޖެހޭ މެސެޖް ފޮނުއްވުމާއި، ލިބޭ މެސެޖް ނެންގެވުމާއި، އެކިއެކި ފަރާތްފަރާތަށް ފޮނުވަންޖެހޭ ސިޓީ ލިޔުއްވައި ފޮނުއްވުމާއި، ކޮންމެ މަހަކު އަތޮޅުއޮފީހަށް ފޮނުވަންޖެހޭ ރިޕޯޓުތައް ތައްޔާރުކޮށް ފޮނުއްވުމުގެ މަސައްކަތް ހިމެނެއެވެ. އަތޮޅުއޮފީހަށް ފޮނުއްވާ ރިޕޯޓުތަކުގެ ތެރޭގައި، މަސްރިޕޯޓާއި، ފަޅުރަށްރަށުން ލިބޭ ކާށީގެ ރިޕޯޓާއި، ދަނޑުވެރިކަމުގެ ރިޕޯޓާއި، ރަށުގައި އިންދައި ހައްދާ ރުއްގަހުގެ ރިޕޯޓާއި، މުވައްޒަފުންގެ ހާޒިރީ ރިޕޯޓާއި، ރ.ކ. ކޮމިޓީގެ އިދާރީ ކަންކަމާގުޅޭ ރިޕޯޓު ހިމެނެއެވެ. ރަށުއޮފީހުގެ ފައިސާގެ ހިސާބުތައް ބެލެހެއްޓެވުމާއި، އިދާރީ މަސައްކަތްތަކުގެ އިތުރުން، ރަށުއޮފީހުގެ ފަރާތުން ހިންގަވާ ރަށްވެހިކަމުގެ މަސައްކަތްތަކުގައްޔާއި، ރަށުގެ ތަރައްޤީއަށްޓަކައި ސަރުކާރުން ހިންގަވާ މަސައްކަތްތައް ރައްޔިތުންނާ ގުޅިގެން ކުރެއްވުމުގައި ރަށުއޮފީހުގެ ފަރާތުން އިސް ދައުރެއް ޢަބްދުﷲ ނަޢީމް އަދާކުރައްވައިފައި ވެއެވެ. މިގޮތުން، ރަށުގައި ލަފައިފުރުމުގައިހުރި ދަތި ކަންތައްތަކަށް ޙައްލެއް ހޯދައިދިނުމުގެގޮތުން، ރަށުގެ ޒުވާނުން އިސްނަގައިގެން ރަށުއޮފީހާ ގުޅިގެން ބިނާކުރި 575 ފޫޓު ދިގުމިނުގެ ގާ ފާލަން ހެދުމުގެ މަސައްކަތުގައި އޮފީހުގެ ފަރާތުން އިސް ދައުރެއް އަދާކުރެއްވިކަން ފާހަގަކޮށްލަން ޖެހެއެވެ.

ޢަބުދުﷲ ނަޢީމް ވަނީ، ވޭވަށު ކަތީބުކަމާއި، ބޮޑުކަތީބުކަމުގައި ހުންނަވައިގެންވެސް ރަށުގެ ކުރިއެރުމާއި، ތަރައްޤީއަށްޓައި ގިނަގުނަ ޚިދުމަތްތަކެއް ކުރައްވައިފައެވެ. އެކަންކަމުގެ ތެރޭގައި، ރަށުއޮފީހުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް ކުރެއްވި މަސައްކަތްތަކާއި، ވަޒީފާތަކަށް ފެންވަރު ރަނގަޅު ތަޢުލީމީ ޒުވާނުން ހޯދުމަށް ބާރުއަޅުއްވައި ކުރެއްވި މަސައްކަތްތަކާއި، މުވައްޒަފުން ރަށުއޮފީހުގެ ވަޒީފާއަށް އަހުލުވެރި ކުރުވައި މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އިތުރުކުރުމަށް ކުރެއްވި މަސައްކަތްތައް ހިމެނެއެވެ. މީގެ އިތުރުން ލަފައިފުރުމަށް ފަޅުގެ ދަތިކަން ހުރި ރަށްރަށަށް އަމާޒުކޮށްގެން ސަރުކާރުން ހިންގެވި މަޝްރޫޢެއްގެ ދަށުން ވޭވަށު ފަޅުން ފުންކޮށްދެއްވި 200 ފޫޓް 150 ފޫޓްގެ ސަރަހައްދުގައި، ބަނދަރެއްގެ ގޮތަށް ތޮށިލުމުގެ މަސައްކަތް، ސަރުކާރާއި، ހެޔޮއެދޭ ފަރާތްތަކާ ގުޅިގެން ކުރެއްވުމުގައްޔާއި، ވޭވަށުގައި ސަރުކާރުން އިމާރާތް ކުރެއްވި 37 ފޫޓް 57 ފޫޓްގެ އާ މިސްކިތް، ރައްޔިތުންގެ އެހީތެރިކަމާއެކުގައި ކޮށް ނިންމުމުގައިވެސް ޢަބްދުﷲ ނަޢީމް، އިސްދައުރެއް އަދާކުރައްވައިފައި ވެއެވެ.

ވޭވަށު ކައުންސިލްގެ އިދާރާގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައި ހުންނަވައިގެން މައިގަނޑު ގޮތެއްގައި ކުރައްވައިފައި ވަނީ، ކައުންސިލުން ނިންމަވާ ނިންމެވުންތައް ތަންފީޒުކުރެއްވުމުގެ މަސައްކަތެވެ. ޢަބްދުﷲ ނަޢީމް މިހާރު ކުރައްވަމުން ގެންދަވަނީ، ކައުންސިލްގެ އިދާރާގެ ކޯޕަރޭޓިވް ސެކްޝަންގެ އިސްވެރިއެއްގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތްތަކެވެ. އޭގެތެރޭގައި ސެކްޝަންގެ މުވައްޒަފުންގެ ކަންކަން ރަނގަޅު ކުރެއްވުމަށާއި، މުވައްޒަފުން ކުރައްވާ މަސައްކަތްތައް ހަލުއިކަމާއެކުގައި ކުރެވޭނެ ގޮތަކަށް ކަންކަން ހަމަޖެއްސެވުމުގެގޮތުން ކުރައްވާ މަސައްކަތްތައް ހިމެނެއެވެ.

ޢަބްދުﷲ ނަޢީމް ވަނީ، ރާއްޖޭގައި ތިބި ލިޔަންކިޔަން ނުދަންނަ މީހުންނަށް، ލިޔަންކިޔަން ދަސްކޮށްދިނުމުގެގޮތުން 1980 ގެ އަހަރުތަކުގެ ތެރޭގައި ސަރުކާރުން ހިންގެވި އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ ދަށުން ރަށުގައި ތިބި ލިޔަންކިޔަން ނުދަންނަ މީހުންނަށް، އަސާސީ ތަޢުލީމުގެ މުޤައްރަރާ އެއްގޮތަށް ލިޔަންކިޔަން ދަސްކޮށްދެއްވުމުގެ މަސައްކަތް ހިލޭސާބަހަށް ކޮށްދެއްވައިފައެވެ.

ވޭވަށުގައި އިމާރާތް ކުރެވުނު ސްކޫލު ޢިމާރާތް ކުރުމުގެ މަސައްކަތުގައްޔާއި، 1993ވަނަ އަހަރު ރަށުގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ކުރެވުނު މަސައްކަތްތަކުގައި ރަށުއޮފީހުގެ ފަރާތުން ޢަބްދުﷲ ނަޢީމް އަދާކުރެއްވި އިސް ދައުރުވެސް ފާހަގަކޮށްލަން ޖެހެއެވެ. މީގެއިތުރުން، 2004ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ރަށުގެ ރައްޔިތުންގެ ތެރެއިން ހާލުގައި ޖެހުނު މީހުންނަށް ވަގުތީގޮތުން މ. މުލަކުން ބޯހިޔާވަހިކަން ހަމަޖައްސަވައިދެއްވުމަށް ކުރެއްވި މަސައްކަތްތަކާއި، ސުނާމީއަށްފަހު ރައްޔިތުން އާންމު ޙާލަތަކަށް ގެނައުމުގޮތުން ސަރުކާރާ ގުޅިގެން ކުރެވުނު މަސައްކަތްތަކުގައިވެސް ޢަބްދުﷲ ނަޢީމް އަދާކުރައްވައިފައިވާ ދައުރުވެސް ފާހަގަކޮށްލަން ޖެހެއެވެ.

ދިވެހި ދައުލަތަށް 43 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރައްވައިފައިވާ، އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ޢަބްދުﷲ ނަޢީމް މިހާރު ހުންނެވީ، މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވްގެ މަގާމުގައެވެ.