
އަޙްމަދު ރަފީޢު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 29 ސެޕްޓެންބަރު 1981 ގައެވެ. ފުރަތަމަ އަދާކުރެއްވީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް، ފަހުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ޝިޕިންގގެ 2 ނަންބަރު ކާތިބުގެ ވަޒީފާއެވެ. އޭގެ ފަހުން، އޯޑިޓް އޮފީހުގެ އެސިސްޓެންޓް އެކައުންޓެންޓުގެ މަގާމާއި، އެސިސްޓެންޓް އޯޑިޓް އެކައުންޓެންޓުގެ މަގާމާއި، އޯޑިޓް އެކައުންޓެންޓުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. އޯޑިޓް އޮފީހުގައި މައިގަނޑު ގޮތެއްގައި ކުރެއްވީ، ދައުލަތުގެ އިދާރާތައް އޯޑިޓް ކުރެއްވުމުގެ މަސައްކަތެވެ. އޭގެފަހުން، ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓަރުގެ މަގާމާއި، ފ. އަތޮޅު އޮފީހުގެ ސެކްރެޓެރީގެ މަގާމާއި، ސީނިއަރ ސެކްރެޓެރީގެ މަގާމާއި، އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމާއި، އަތޮޅުވެރިޔާގެ އިސްއެހީތެރިޔާގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. އަޙްމަދު ރަފީޢު މިހާރު ހުންނެވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުގެ އިދާރާގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވްގެ މަގާމުގައެވެ.
އަޙްމަދު ރަފީޢު މެދުނުކެނޑި ދައުލަތަށް ޚިދުމަތްކުރައްވަމުން ގެންދަވާތާ މިވީ 43 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި މައިގަނޑުގޮތެއްގައި ކުރައްވައިފައިވަނީ، ފައިސާއާ ބެހޭ މަސައްކަތްތަކާއި، މީހުން ބިނާ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތެވެ. އެގޮތުން، މުވައްޒަފުންގެ މުސާރައާބެހޭ ކަންތައްތައް ބެލެހެއްޓުމާއި، ބަޖެޓު ތައްޔާރުކުރެއްވުމާއި، ބަޖެޓުގެ ރިޕޯޓުތައް ތައްޔާރު ކުރެއްވުމާއި، ކުރިޔަށް އޮންނަ އަހަރަށް ލަފާކުރާ ބަޖެޓު ތައްޔާރުކުރެއްވުމާއި، ކޮންމެ އަހަރެއްގެ މާލީ ބަޔާން ތައްޔާރުކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވައިފައި ވެއެވެ. މީގެއިތުރުން، ރަށްރަށުގެ ރަށު ކައުންސިލު އިދާރާތަކުގެ ފައިސާގެ ހިސާބުތައް އަހަރުން އަހަރަށް ބައްލަވައި، މުވައްޒަފުންނަށް ދޭންޖެހޭ އިރުޝާދުތައް ދެއްވުމާއި، ފައިސާއާ ބެހޭ ދާއިރާތަކުން އަތޮޅު ކައުންސިލާއި، ރަށު ކައުންސިލް އިދާރާތަކުގެ މުވައްޒަފުންނަށް ތަމްރީނު ދެއްވުމުގެ މަސައްކަތްތައްވެސް ކުރައްވަމުން ގެންދަވައިފައި ވެއެވެ. އަތޮޅުގެ ގިނަ ރަށްރަށުގައި މިހާރުވެސް ފައިސާއާ ބެހޭ މަސައްކަތްތައް ކުރަމުން ގެންދަނީ، އަޙްމަދު ރަފީޢުގެ ފަރާތުން ތަމްރީނު ލިބިފައިވާ މުވައްޒަފުންކަން ފާހަގަކޮށްލަންޖެހެއެވެ. އަޙްމަދު ރަފީޢަކީ، ފައިސާއާބެހޭ މަސައްކަތްތައް ކުރިއަށް ގެންދެވުމުގައި ތަޖުރިބާއާއި، ހުނަރު ލިބިވަޑައިގެން ހުންނެވި ބޭފުޅަކަށްވުމުން، ފައިސާއާ ބެހޭގޮތުން އަތޮޅުގެ ރަށްރަށުންނާއި، އެހެން ބައެއް އަތޮޅުތަކުގެ ރަށްރަށުން އެދޭ ކަންތައްތައް އޮޅުންފިލުވައިދެއްވައި ކަންކަން ގެންދަންވީ ގޮތުގެ އިރުޝާދުތައް ދެއްވަމުން ގެންދަވައިފައިވެސް ވެއެވެ. އަޙްމަދު ރަފީޢުގެ ޚިދުމަތުން ފާހަގަކޮށްލަންޖެހޭ އެންމެ މުހިންމު އެއްކަމަކީ، ފައިސާއާ ގުޅޭ މަސައްކަތްތައް ކުރެއްވުމުގައި ހޭދަކުރެއްވި ދިގު މުއްދަތުގައި ފައިސާއާބެހޭ އެއްވެސް މައްސަލައެއް ޖެހިފައި ނުވާކަމެވެ.
އަޙްމަދު ރަފީޢުއަކީ، ސުލޫކު ރަނގަޅު، ތެދުވެރި ކަމާއި، އަމާނާތްތެރިކަމާއި، ކަމަށް ކަމޭހިއްތަވައިގެން، އޮފީހުގެ މަސައްކަތުގައި ރެއާއި ދުވާލުގެ ގިނަ ވަގުތުތަކުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ހަމައެއާއެކު އަޙްމަދު ރަފީޢުއަކީ، ވަޒީފާގެ ދިގު ޙަޔާތުގައި ލިބިވަޑައިގެންފައިވާ ޢިލްމާއި، ހުނަރު ގިނަ ބަޔަކަށް ފޯރުކޮށްދެއްވައިފައިވާ، ވަޒީފާ އަދާކުރެއްވި ކޮންމެ މުއައްސަސާއެއްގެ މުވައްޒަފުންނަށާއި، އެކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަދި އަތޮޅުގެ ރައްޔިތުންނަށް ނަމޫނާ ދައްކައިފައިވާ ބޭފުޅެއްވެސް މެއެވެ.