
ޙަސަން ޢަލީ މަނިކު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 12 ސެޕްޓެންބަރު 1960ގައި މަޙްކަމަތުއްޝަރުޢިއްޔާގެ ވަގުތީ 2 ނަންބަރު ކާތިބުގެ މަގާމުންނެވެ. ޙަސަން ޢަލީ މަނިކު، ދައުލަތުގެ ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި، މަޙްކަމަތުއްޝަރުޢިއްޔާ (ހ)ގެ ވަގުތީ 2 ނަންބަރު ކާތިބުގެ މަގާމާއި، މަޙްކަމަތުއްޝަރުޢިއްޔާ(ވ) އާއި، ވަޒީރުލްއަޢުޡަމުގެ އޮފީސް(ށ)ގެ ދަރުމަވަންތަ ރަސްގެފާނު މިސްކިތުގެ މުދިމުގެ މަގާމާއި، ޕެންޝަން އެންޑް ރިލިޖަސް އެންޑް ފަންކްޝަންސް ޑިވިޜަންގެ މިސްކިތު މުދިމުގެ މަގާމާއި، ޑިޕާޓްމަންޓް އޮފް ރިލިޖަސް އެފެއާޒްގެ އިމާމުކަމާއި، މުސާޢިދުގެ މަގާމާއި، މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާޒްގެ އިމާމުގެ މަގާމާއި، އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އިސް އިމާމުގެ މަގާމު ހިމެނެއެވެ. މީގެ އިތުރުން، އަމީނިއްޔާ ސްކޫލުގެ ޤުރްއާން މުދައްރިސްގެ މަގާމާއި، މުދައްރިސްގެ މަގާމާއި، ޢިމާދުއްދީން ސްކޫލުގެ މުދައްރިސްގެ މަގާމުވެސް އަދާކުރައްވައިފައިވެއެވެ.
ޙަސަން ޢަލީ މަނިކު ވަނީ، މިސްކިތުގެ އިމާމުކަމުގެ އިތުރުން، އަމީނިއްޔާގެ ދަރިވަރުންނަށް، ކީރިތި ޤުރްއާނާއި، އިސްލާމް މާއްދާ އުނގަންނައިދެއްވައި، ޢިމާދުއްދީން ސްކޫލުގެ ދަރިވަރުންނަށްވެސް އިސްލާމް މާއްދާ އުނގަންނައިދެއްވައިފައެވެ. މިގޮތުން، އެ މާއްދާތައް އުނގަންނައި ދެއްވުމުގައި ބެހެއްޓެވި ފަރުވާތެރިކަމުގެ ސަބަބުން ޙަސަން ޢަލީ މަނިކަކީ، ދަރިވަރުންނާއި ބެލެނިވެރިންގެ މަޤުބޫލު ކަމާއި ލޯބި ހޯއްދަވައިފައިވާ ބޭފުޅެއްވެސް މެއެވެ.
ޙަސަން ޢަލީ މަނިކު ވަނީ، މާލޭ ހުކުރުމިސްކިތުގައްޔާއި، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމުގައި، މެންދަމުން އަލިވުމުން މުނާޖާގޮވުމުގެ މުހިންމު މަސައްކަތްވެސް 6 އަހަރަށްވުރެ ގިނަދުވަހު ފަރުވާތެރިކަމާއެކުގައި ކުރައްވައިފައެވެ. އަދި ވިޔަފާރިވެރިންގެ އެދުމުގެމަތީން، ބަންޑާރަ މިސްކިތުގެ އިމާމުކަންވެސް ކުރައްވައިފައި ވެއެވެ.
ޙަސަން ޢަލީ މަނިކަކީ، ގޭގެއަށް ވަޑައިގެންނާއި، އަމިއްލަފުޅު ގޭގައިވެސް ކުދިންނަށް ކީރިތި ޤުރްއާން އުނގަންނައި ދެއްވި ބޭފުޅެއްވެސް މެއެވެ. އަދި، މަދްރަސަތުލް ޢާލިޔާގައިވެސް ޤުރްއާން މުދައްރިސެއްގެ ގޮތުގައި ޚިދުމަތްކޮށްދެއްވައިފައި ވެއެވެ.
ދައުލަތަށް ޚިދުމަތް ކުރެއްވުމުގައި ޙަސަން ޢަލީ މަނިކު ފާހަގަ ކުރެވިފައިވަނީ، ވަގުތަށް ކަމޭހިއްތަވައިގެން ފަރުވާތެރިކަމާއެކުގައި ޚިދުމަތްކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. 16 އޮގަސްޓު 2009 ގައި ވަޒީފާއިން ވަކިވެވަޑައިގެންނެވީ 43 އަހަރަށްވުރެ ގިނަދުވަހު ދައުލަތަށް ޚިދުމަތް ކުރައްވައިފައެވެ.