
މަރްޔަމް ރަޝީދާ، ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ، ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ވަގުތީ ކާތިބާއެއްގެ ގޮތުގައެވެ. އޭގެ ފަހުން، އެ މަރުކަޒުގެ 2 ނަންބަރު ކާތިބާކަމުގެ މަގާމާއި، ސެކްރެޓެރީ ކަމުގެ މަގާމާއި، ސީނިއަރ ސެކްރެޓެރީކަމުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. ބ. އަތޮޅު ތަޢުލީމީ މަރުކަޒުގައި 43 އަހަރަށްވުރެ ދިގުމުއްދަތެއްވަންދެން ޚިދުމަތްކުރެއްވުމަށްފަހު ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، އެ މަރުކަޒުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމުގައެވެ.
ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި މަރްޔަމް ރަޝީދާއަށް މަގާމުގެ ކުރިއެރުންތައް، ލިބިވަޑައިގެންފައިވަނީ، އިޚުލާޞްތެރިކަމާއެކުގައި ކުރެއްވި މަސައްކަތާއި، މަސައްކަތަށް ބެހެއްޓެވި ލޯތްބާއި، ލިބިވަޑައިގެންފައިވާ ހުނަރާއި ތަޖުރިބާއާއި، މަސައްކަތަށް ދެއްވި އަހަންމިއްޔަތެއްގެ ސަބަބުންނެވެ. އަދި، އެކުގައި މަސައްކަތް ކުރެއްވި އެހެން މުވައްޒަފުންނާ ބެހެއްޓެވި ގާތްކަމާއި، އެ މުވައްޒަފުންގެ އެއްބާރުލެއްވުމާއި، މެނޭޖްމަންޓުން ދެއްވި އެއްބާރުލެއްވުމުގެ ސަބަބުންވެސް މެއެވެ.
މަރްޔަމް ރަޝީދާ މައިގަނޑުގޮތެއްގައި ކުރެއްވީ، ބަޖެޓާ ގުޅުން ހުރި މަސައްކަތްތަކެވެ. ސްކޫލްގެ ބަޖެޓަށް ލިބޭ ފައިސާ މެނޭޖްކުރައްވައި، ފައިސާ ހޭދަކުރެއްވުމުގައި ގެންގުޅުއްވި ދެފުށް ފެންނަ ހަމަތަކާއި، އެހެން މީހުންގެ އިތުބާރު ހިފެހެއްޓެވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވިކަން ފާހަގަކޮށްލަން ޖެހެއެވެ. ސްކޫލަށް ލިބޭ ބަޖެޓުން ދަރިވަރުންނާއި މުވައްޒަފުންގެ ބޭނުންތައް ފުއްދަވައިދެއްވުމަށްޓަކައި، ވަސީލަތްތައް ފައިދާހުރި ގޮތެއްގައި ބެހިފައިވާކަން ކަށަވަރުކޮށްދެއްވައިފައި ވެއެވެ. އެހެންކަމުން، ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ބަޖެޓު ބެލެހެއްޓެވިއިރު، ސްކޫލް ހިންގުމުގައި މަރްޔަމް ރަޝީދާގެ މާލީ ތަޖުރިބާގެ ދައުރު ވަރަށް ބޮޑެވެ. މަރްޔަމް ރަޝީދާވަނީ، ޚަރަދުތައް ކުރެއްވުމުގެ ކަންކަން ފަރުވާތެރިކަމާއެކުގައި މޮނިޓަރކުރައްވައި ބަލަހައްޓަވައިފައެވެ. އަދި، ވަޒީފާގައި ހޭދަކުރެއްވި މުއްދަތުގެ ތެރޭގައި ވަނީ، މަސައްކަތާގުޅޭ ތަމްރީނުތައްވެސް ފުރިހަމަ ކުރައްވައިފައެވެ. އޭގެތެރޭގައި، އޮފީސް މެނޭޖްމަންޓާއި، ބަޖެޓާއި، ފައިސާ ބެލެހެއްޓުމާގުޅޭ ތަމްރީނުތައް ހިމެނެއެވެ.
ބަޖެޓު ބެލެހެއްޓެވުމުގެ މަސްއޫލިއްޔަތުތަކުގެ އިތުރުން، ސްކޫލްގެ ވަސީލަތްތަކާއި، ގޯތިތެރެ އާއި، އިމާރާތްތައް ބެލެހެއްޓެވުމުގައި މަރްޔަމް ރަޝީދާގެ ދައުރު ވަރަށް ބޮޑެވެ. އަދި ސަޕޯޓް ސްޓާފުންގެ މަސައްކަތް ސުޕަވައިޒް ކުރައްވައި، މުވައްޒަފުން ކުރާ މަސައްކަތް ގާތުން ބައްލަވައި، ޢަމަލީގޮތުން މަސައްކަތުގައި ބައިވެރިވެވަޑައިގެން، އެ މުވައްޒަފުން ހީވާގިކަމާއެކުގައި ކުރެއްވި ބުރަ މަސައްކަތުގެ އަގުވަޒަންކުރެވޭނެކަން ކަށަވަރު ކޮށްދެއްވިއެވެ.
ސްކޫލުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވި ފަހުންވެސް ސްކޫލުން އެދިވަޑައިގަންނަވާ ކަންކަމުގައި މަރްޔަމް ރަޝީދާ އެހީތެރިވެވަޑައިގަންނަވަމުން ގެންދަވާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. މަރްޔަމް ރަޝީދާ، ދައުލަތުގެ ޚިދުމަތުން ރިޓަޔަރކުރެއްވީ 19 ޑިސެންބަރު 2023 ގައެވެ.