
ސަހުލާ އަޙްމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ފެމިލީ ހެލްތް ވަރކަރގެ މަގާމުގައި 9 ސެޕްޓެންބަރު 1981 ގައެވެ. ސަހުލާ އަޙްމަދު ވަނީ، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތާއި، ސެންޓަރ ފޮރ ކޮމިއުނިޓީ ހެލްތް އެންޑް ޑިޒީސް ކޮންޓްރޯލްގެ އާއިލާގެ އެހީތެރިޔާގެ މަގާމާއި، ސެންޓަރ ފޮރ ކޮމިއުނިޓީ ހެލްތް އެންޑް ޑިޒީސް ކޮންޓްރޯލާއި މުލަކަތޮޅު ވޭވަށު ކައުންސިލުގެ އިދާރާއާއި، ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި، ވޭވަށު ޞިއްޙީ މަރުކަޒުގެ ފެމިލީ ހެލްތް އޮފިސަރުގެ މަގާމު އަދާކުރައްވައިފައެވެ.
ސަހުލާ އަޙްމަދު، ދައުލަތުގެ ޚިދުމަތުގައި މިހާތަނަށް 43 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވައިފައި ވެއެވެ. ސަހުލާ އަޙްމަދު، ޚިދުމަތް ކުރައްވަން ފެށްޓެވި ދުވަސްވަރަކީ، ރަށްރަށުގެ ރައްޔިތުންގެ މެދުގައި ޞިއްޙީ ހޭލުންތެރިކަން ވަރަށް ކުޑަ ދުވަސްވަރެއްކަމުން، ވޭވަށުގެ ރައްޔިތުން ޞިއްޙީގޮތުން ހޭލުންތެރި ކުރުވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ސަހުލާ ކުރައްވައިފައި ވެއެވެ. އެގޮތުން، އާންމު ޞިއްޙަތު ކުރިއެރުވުމުގެ ގޮތުން މީހުން ހޭލުންތެރި ކުރުވުމާއި، ގައިންގަޔަށް އަރާބަލިތަކާއި، ގައިންގަޔަށް ނާރާބަލިތައް ކޮންޓްރޯލް ކުރެއްވުމުގެ މަސައްކަތާއި، ރަށުތެރޭގެ ސާފުތާހިރުކަން ބެއްލެވުމާއި، ގޭގެއަށް ވަޑައިގެން ގޭގެއާއި ގޯތިތެރޭގެ ސާފުތާހިރުކަން ބައްލަވައި ސާފުތާހިރުކަން ބަހައްޓަންވީގޮތުގެ މައުލޫމާތާއި އިރުޝާދު ދެއްވުމާއި، މެލޭރިޔާ ބަލީގެ ޢަލާމާތްތައް ހުންނަ މީހުންގެ ސާމްޕަލްނެގުން ފަދަ މަސައްކަތްތައް ސަހުލާ އަޙްމަދު ކުރައްވައިފައި ވެއެވެ. މީގެއިތުރުން، މާބަނޑު މީހުން ބައްލަވައި އެމީހުންނަށް ދިމާވާ ޞިއްޙީ މައްސަލަތަކަށް ފަރުވާ ދެއްވައި އިރުޝާދު ދެއްވުމާއި، ކުޑަކުދީންގެ ބަރުދަން ބެއްލެވުމާއި، އެކުދީންނަށް ފައިދާހުރި ކާނާ ދެއްވުމަށް ބެލެނިވެރީންނަށް އިރުޝާދު ދެއްވުންފަދަ މަސައްކަތްތައްވެސް ސަހުލާ އަޙްމަދު ކުރައްވައިފައި ވެއެވެ.
ސަހުލާ އަޙްމަދަކީ، ވޭވަށުގެ ޞިއްޙީ ނިޒާމު ހަރުދަނާ ކުރެއްވުމަށްޓަކައި އިސްނަންގަވައިގެން ފަރުވާތެރިކަމާއެކުގައި ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި އަދި މިހާރުވެސް އެ ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެއްކަން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން ޖެހެއެވެ.
ސަހުލާ އަޙްމަދު ވަނީ އެލައިޑް ހެލްތް ސަރވިސް ޓްރެއިނިންގ ސެންޓަރުގެ ފަރާތުން 22 ސެޕްޓެންބަރު 1981ގައި 4 މަސްދުވަހުގެ މުއްދަތަށް ހިންގެވި ފެމިލީ ހެލްތު ވަރކަރ ކޯހާއި، 29 ޖުލައި 1991ގައި ހިންގެވި ހެލްތް ވަރކަރ އަޕްގްރޭޑިންގ ކޯސް ފުރިހަމަ ކުރައްވައިފައެވެ.