
ޙަބީބާ އާދަމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 24 މޭ 1981 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ފެމިލީ ހެލްތް ވަރކަރެއްގެ މަގާމެވެ. އޭގެ ފަހުން، ސެންޓަރ ފޮރ ކޮމިއުނިޓީ ހެލްތް އެންޑް ޑިޒީސް ކޮންޓްރޯލްގެ ޢާއިލާގެ އެހީތެރިޔާގެ މަގާމު އަދާކުރެއްވިއެވެ. އަދި ބ. ފެހެންދޫ ޞިއްޙީ މަރުކަޒާއި، ސެންޓަރ ފޮރ ކޮމިއުނިޓީ ހެލްތް އެންޑް ޑިޒީސް ކޮންޓްރޯލާއި، ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި، ބ. ފެހެންދޫ ޞިއްޙީ މަރުކަޒުގެ ފެމިލީ ހެލްތް އޮފިސަރުގެ މަގާމު އަދާކުރައްވައިފައި ވެއެވެ.
ފާއިތުވި 43 އަހަރަށްވުރެ ދިގު މުއްދަތުގައި ޚިދުމަތްކުރެއްވިއިރު، ކުރެއްވި މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ބަލި މީހުން ބައްލަވައި ފަރުވާ ދެއްވުމާއި، ގައިން ގަޔަށް އަރާ ބަލިތައް ކޮންޓްރޯލްކުރުމަށް މަސައްކަތް ކުރެއްވުމާއި، އާންމު ޞިއްޙަތު ރައްކާތެރިކުރުމާގުޅޭ ޕުރޮގުރާމުތައް ރަށުފެންވަރުގައި ރާއްވަވައި ހިންގެވުމާއި، ރަށުގައި ރޯގާއެއް ފެތުރޭނަމަ އެ ރޯގާއެއް ކޮންޓްރޯލްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުން ހިމެނެއެވެ. މީގެ އިތުރުން، އޭ.އެން.ސީ. ކްލިނިކް ހިންގެވުމާއި، ކުޑަކުދިންގެ ބަރުދަން ބެއްލެވުމާއި، ވިޓަމިންއޭ އާއި ފަނީބޭސް ދިނުމުގެ ކަންކަން އިންތިޒާމުކުރެއްވުމާއި، ޢާއިލާ ރޭވުމުގެ މައުލޫމާތު ދެއްވުމާއި، ބޭނުންކުރާ ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެގޮތުން ފެންވަޅުތައް ކްލޮރިނޭޓް ކުރުންފަދަ ކަންކަން ވެސް ކުރައްވައިފައި ވެއެވެ. އަދި ހަމައެހެންމެ، ނުރައްކާތެރި ބަލިތައް ކޮންޓްރޯލްކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ޓީ.ބީ.އަށް ޝައްކުކުރެވޭ މީހުންގެ ސާމްޕަލް ނެންގެވުމާއި، ފައިލޭރިޔާ އަދި މެލޭރިޔާއަށް ޝައްކުކުރެވޭ މީހުންގެ ލޭގެ ސާމްޕަލް ނަންގަވައި ފޮނުއްވަންޖެހޭ ތަންތަނަށް ފޮނުއްވުމާއި، ސްކޫލު ކުދިންނަށް ޞިއްޙީ މައުލޫމާތު ފޯރުކޮށްދިނުމުގެ ޕުރޮގުރާމުތައް ހިންގެވުމަށް ގޭގެއަށް ޒިޔާރަތް ކުރެއްވުމާއި، ފިހާރަ، ކެފޭ، ހޮޓާފަދަ ތަންތަން ބަލައި ފާސްކުރެއްވުމުގެ މަސައްކަތްވެސް، ޙަބީބާ އާދަމް ކުރައްވައިފައި ވެއެވެ.
މިކަންކަމުގެ އިތުރުން، ޞިއްޙީ މަރުކަޒުން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރައްވައި ފޮނުއްވުމުގެ މަސައްކަތާއި، ވެކްސިން ދިނުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ހަމަޖައްސަވައި ވެކްސިން ދިނުމުގެ ކަންކަން ކުރިޔަށް ގެންދެވުމާއި، މަދިރި މަދުކުރުންފަދަ ޕުރޮގުރާމުތައް ރާއްވަވައި ހިންގެވުމުގެ މަސައްކަތްވެސް ކުރައްވައިފައި ވެއެވެ.