
ޙުސައިން އަޙްމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 2 މޭ 1981 ގައެވެ. ފުރަތަމަ އަދާކުރެއްވީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ 2 ނަންބަރު ކާތިބު ކަމުގެ ވަޒީފާއެވެ. މިނިސްޓްރީ އޮފް ހޯމް އެފެއާޒް އެންޑް ސޯޝަލް ސަރވިސަސްގެ 2 ނަންބަރު ކާތިބު ކަމުގެ މަގާމާއި، ސީނިއަރ ކްލާރކް ކަމުގެ މަގާމުވެސް އަދާކުރެއްވިއެވެ. އެ މިނިސްޓްރީގައި ޚިދުމަތްކުރެއްވި މުއްދަތުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ކުރެއްވީ، މިނިސްޓްރީން އެހެން ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔުންތައް ލިޔުއްވުމާއި، ފިލްމު ސެންސަރު ބޯޑަށް ފޮނުއްވާ ފިލްމު ތަކުގެ ސްޓޮކް ބެލެހެއްޓެވުމުގެ މަސައްކަތެވެ.
މިނިސްޓްރީ އޮފް ހޯމް އެފެއާޒްގައި ޚިދުމަތްކުރެއްވުމަށްފަހު 14 މޭ 1987ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ބަދަލުވެވަޑައިގަތެވެ. އެ އޮފީހުގެ ކްލެރިކަލް އެސިސްޓެންޓް ކަމުގެ މަގާމާއި، ސީނިއަރ ކްލެރިކަލް އެސިސްޓެންޓް ކަމުގެ މަގާމު އަދާކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރެއްވީ، އެ އޮފީހުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓެވުމުގެ މަސައްކަތެވެ. އޭގެ ފަހުން، ރ. އަތޮޅު ތަޢުލީމީ މަރުކަޒަށް ބަދަލުވެވަޑައިގެން، އެ ސްކޫލްގެ ސެކްރެޓެރީ ކަމުގެ މަގާމާއި، ސީނިއަރ ސެކްރެޓެރީ ކަމުގެ މަގާމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމު އަދާކުރެއްވިއެވެ.
ރ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، ބަޖެޓާއި، ފައިސާއާބެހޭ މަސައްކަތްތަކާއި، އިދާރީ މަސައްކަތްތައް ހިމެނެއެވެ. އޭގެތެރޭގައި، ސްކޫލުގެ ބޭނުމަށް ހޯދާ ތަކެއްޗަށް ބަޖެޓުން ފައިސާ ދޫކުރެއްވުމާއި، ތިޖޫރީ ބެލެހެއްޓެވުމުގެ މަސައްކަތާއި، ތަންތަނަށް ފޮނުއްވަންޖެހޭ ސިޓީއާއި، މެސެޖާއި، ބަޔާންތަކާއި، ހަނދާނީ ލިޔުމާއި، ސެޓްފިކެޓް ފަދަ ލިޔުންތައް އަތުން ލިޔުއްވައި ފޮނުއްވުމުގެ މަސައްކަތް ހިމެނެއެވެ. މީގެއިތުރުން، ސްކޫލުގައި ބާއްވާ އޯލެވެލްއާއި، އޭލެވެލް އިމްތިޙާނާ ގުޅިގެން ކުރަންޖެހޭ އިދާރީ އެންމެހައި މަސައްކަތްތައްވެސް ކުރައްވައިފައި ވެއެވެ. މިހާރު ކުރައްވަމުން ގެންދަވަނީ، ޕްރޮކިއުމަންޓްގެ މަސައްކަތެވެ. އޭގެތެރޭގައި، ލިޔެކިޔުމަށް ބޭނުންވާ އެކިއެކި ތަކެތި ހޯއްދެވުމާއި، ސްޓޮކް ބެލެހެއްޓެވުމުގެ މަސައްކަތް ހިމެނެއެވެ.
ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި ޙުސައިން އަޙްމަދު، ޚިދުމަތް ކުރައްވައިފައިވަނީ، ވަޒީފާ އަދާކުރުމުގެ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ވަރަށްބޮޑަށް އިސްކަން ދެއްވައިގެންކަން ފާހަގަކޮށްލަން ޖެހެއެވެ. ހަމައެއާއެކު، އެކި ކަންކަމުގައި އޮފީހަށް އަންނަ ފަރާތްތަކަށްވެސް އެކަމުގައި ޢަމަލު ކުރެވެން އޮންނަގޮތް އޮޅުންފިލުވައި ދެއްވައި، ކުރިއަށްދާންވީ ގޮތުގެ އިރުޝާދު ދެއްވަމުން ގެންދަވައެވެ. ޙުސައިން އަޙްމަދަކީ، ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ އަދި އެހެން މުވައްޒަފުންނަށް ރީތި މިސާލެއް ދައްކަވަމުން ގެންދަވާ ނަމޫނާ ޚިދުމަތްތެރިއެއްވެސް މެއެވެ.
ޙުސައިން އަޙްމަދު މިހާރު ހުންނެވީ، ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމުގައެވެ.