އަލްފާޟިލް ޙުސައިން ރަޝީދު މޫސާ
ގ. އާސާނި

ޙުސައިން ރަޝީދު މޫސާ، ދިވެހި ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ، ޕަބްލިކް ހެލްތު ޑިވިޜަންގެ ފެމިލީ ހެލްތު ވަރކަރގެ މަގާމުގައި 1 މޭ 1979 ގައެވެ. އޭރު ޚިދުމަތްކުރެއްވީ، އުފަން ރަށް ވ. ރަކީދޫ ގައެވެ. މި މަގާމުގައި އެރަށުގައި ހޭދަކުރެއްވި 3 މަހެއްހައި ދުވަހުގެ ތެރޭގައި ކުރެއްވީ، އޭރުގެ ޙާލަތަށް ރިޢާޔަތްކޮށް، ޅަފަތުގައި ތުއްތު ކުދިންނަށް ދެވޭ ވެކްސިންތައް ފުރިހަމަކުރުމަށް ބާރު އަޅުއްވައި، ގައިންގަޔަށް އަރާ ބަލިތަކަށް އާންމުންގެ ހޭލުންތެރިކަން އިތުރު ކުރުމުގެ މަސައްކަތެވެ. އޭގެފަހުން، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ޑޮމިސިލިއަރީ ވަރކަރގެ މަގާމަށް ބަދަލުވެވަޑައިގެން، މެލޭރިޔާ ކޮންޓްރޯލުކުރުމަށް ސަރުކާރުން ފަށްޓަވައިގެން ކުރިއަށް ގެންދެވި ޕުރޮގުރާމުގައި ރާއްޖޭގެ އެކިއެކި ކަންކޮޅުތަކަށް ދަތުރުކުރައްވައި، ރާއްޖެއިން މެލޭރިޔާ ނައްތާލުމުގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ޖަމާޢަތުގެ ޞިއްޙީ އެހީތެރިޔާ ނަންބަރު 2 ގެ މަގާމުގައި ހުންނެވިއިރު ކ. ގުރައިދުއާއި، މަހިބަދުއާއި، ވިލުފުށްޓާއި، ބ.އަތޮޅާއި، ތ.ގުރައިދޫ ޞިއްޙީ މަރުކަޒުގައި އާންމު ޞިއްޙަތު ކުރިއެރުވުމަށާއި، ގައިންގަޔަށް އަރާ (ޓީ.ބީ.، ޖުޒާމްބަލި، ފައިލޭރިޔާ، މެލޭރިޔާ ފަދަ) ބަލިތަކަށް ރައްޔިތުން ހޭލުންތެރިކުރައްވައި، އެ ބަލިތަކުން ރައްކާތެރި ކުރުވުމަށް ކުރަންޖެހުނު ގިނަގުނަ މަސައްކަތްތަކުގައްޔާއި، ކުޑަކުދިންގެ ޞިއްޙީ ޙާލަތު ބައްލަވައި، މާބަނޑު މީހުން ވިހެއުމުގައި ދިމާވާ މައްސަލަތައް ފާހަގަކުރައްވައި، ބޭނުންވާ ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމުގެ މަސައްކަތްތައް ޙުސައިން ރަޝީދު މޫސާ ކުރައްވައިފައި ވެއެވެ.

ކ. ގުރައިދޫ ޞިއްޙީ މަރުކަޒުގައި ޙުސައިން ރަޝީދު މޫސާ މަސައްކަތްކުރެއްވި ދުވަސްވަރު ރާއްޖެއިން ޖުޒާމްބަލި ނައްތައިލުމަށް ސަރުކާރުން ފުރަތަމަ ފެށްޓެވި މަލްޓި ޑްރަގް ތެރަޕީ ފެށުމުގެ ޚާއްޞަ މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެން، ދައުލަތުގެ ބެއްލެވުމުގެ ދަށުގައި ތިބޭ މީހުންގެ މަރުކަޒުގައި ތިބޭ ޖުޒާމް ބަލީގެ މީހުންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދެއްވުމާއި، މަރުކަޒުގައި ތިބޭ މެންޓަލް ހެލްތުގެ ބަލިމީހުންނަށް ދޭންޖެހޭ ބޭސްދެއްވުމާއި، އެފަރާތްތަކުގެ ޙާލަތު ވަޒަންކުރައްވައި، މައުލޫމާތު ހިއްސާކުރަންޖެހޭ ފަރާތްތަކަށް މައުލޫމާތު ހިއްސާކުރެއްވުމުގެ މަސައްކަތް ކުރައްވައިފައި ވެއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ޞިއްޙީ ދާއިރާގެ މާސްޓަރ ޕްލޭނެއް އެކުލަވައިލެއްވުމުގެގޮތުން ސަރުކާރުން ބޭއްވެވި ބައްދަލުވުމުން ފާހަގަކުރެވުނު، ކުޑަކުދިންގެ ޞިއްޙީ މައްސަލަތަކަށް އަމާޒުކޮށްގެން، ސްކޫލް ހެލްތު ޕްރޮގްރާމްގެ ހަރަކާތްތައް ސްކޫލުތަކުގައި ފެށްޓެވުމަށް ސަރުކާރުން ނިންމެވުމާ ގުޅިގެން، މާލޭގެ ދެ ސްކޫލެއްގައި ތަޖުރިބާކުރުމުގެ ޢަމަލީ މަސައްކަތް ފެށްޓެވުމުގެ ޒިންމާ ޙަވާލު ކުރެއްވި ދެބޭފުޅުންގެ ތެރޭގައި ޙުސައިން ރަޝީދު މޫސާ ހިމެނިވަޑައިގެންނެވިއެވެ. ޖަމާލުއްދީން ސްކޫލުގެ ހެލްތު އެސިސްޓެންޓެއްގެ ހައިސިއްޔަތުންނާއި، ސީނިއަރ ހެލްތު އެސިސްޓެންޓުގެ ހައިސިއްޔަތުން ޙުސައިން ރަޝީދު މޫސާ ގިނަ މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ. އަދި އެ މަސައްކަތް ކާމިޔާބުކަމާއެކުގައި ނިންމަވައިލެއްވުމުގެ ނަތީޖާއެއްގެގޮތުން، އެމަސައްކަތް އިތުރަށް ފުޅާކޮށް ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގައި ސްކޫލް ހެލްތު ޕުރޮގުރާމު ކުރިއަށް ގެންދެވުމަށްޓަކައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން އެ މަސައްކަތް ބަލަހައްޓަވައި ކޯޑިނޭޓް ކުރެއްވުމުގެ މަސައްކަތްވެސް ޙުސައިން ރަޝީދު މޫސާ ކުރައްވައިފައި ވެއެވެ.

މިނިސްޓްރީ އޮފް ހެލްތުގެ ފަންނީ އެހީތެރިކަމާއެކުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހިންގަވާ ސްކޫލު ހެލްތު ޕްރޮގުރާމުގެ ތެރެއިން، ޅަފަތުގައި ކުދިންނަށް ވެކްސިން ދިނުމުގެ މުހިންމުކަން ބެލެނިވެރިންނަށް އަންގަވައިދެއްވައި، ސްކޫލު މަރުހަލާ ފެށުމުގެ ކުރިން ދަރިވަރުން ވެކްސިން ފުރިހަމަކޮށްފައިވޭތޯ ކަށަވަރުކުރުމާއި، ސްކޫލު އުމުރުފުރައިގައި ދަރިވަރުން ފުރިހަމަކުރަންޖެހޭ ވެކްސިންތައް ފުރިހަމަކުރުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރައްވައިފައި ވެއެވެ. މީގެ އިތުރުން، ރާއްޖޭގެ ސްކޫލުތަކަކީ، ދަރިވަރުންނާއި މުވައްޒަފުންނަށް ހުރިހާގޮތަކުންވެސް ސަލާމަތާއި ރައްކާތެރި މާހައުލެއް ގާއިމު ކުރެވިފައިވާ ތަނަކަށް ހެދުމަށާއި، ކުއްލި ހާލަތްތަކުގައި ސްކޫލުތަކުން ޢަމަލުކުރަންވީ ގޮތުގެ "ސްކޫލު އިމަރޖެންސީ އޮޕަރޭޝަން ޕްލޭން ގައިޑު" އަތްމަތީފޮތް ތައްޔާރު ކުރައްވައި، ސްކޫލުތަކުގެ މުވައްޒަފުން ތަމްރީނު ކުރައްވައި، ޑްރިލްތައް ހިންގުމަށް ކުރެވޭ މަސައްކަތްތައްވެސް ކުރައްވައިފައި ވެއެވެ.

ޙުސައިން ރަޝީދު މޫސާ އިސްވެ ހުންނަވައިގެން ކުރެއްވި މަސައްކަތްތަކުގެ ސަބަބުން މިއަދު ސްކޫލު ހެލްތު ޕުރޮގުރާމަކީ، ޕުރޮގުރާމަކަށްވުރެ ފުޅާވެ، ތަޢުލީމީ މަންހަޖުގައި ވަކި މާއްދާއެއްގެ ގޮތުގައި (ހެލްތު އެންޑް ފިޒިކަލް އެޑިޔުކޭޝަންގެ ނަމުގައި) ސްކޫލުތަކުގައި ކިޔަވައިދޭ މާއްދާއެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅުއްވައި، ދިވެހިރާއްޖޭގެ ތަޢުލީމާބެހޭ ޤާނޫނުގައި، ސްކޫލު ހެލްތު އެންޑް ސޭފްޓީގެ މަސައްކަތް ހިމެނި، ތަޢުލީމީ ނިޒާމުގެ ބައެއްގެ ގޮތުގައި ސްކޫލު ހެލްތު ހަމަޖެހިގެން ދިޔުމަކީ، ޙުސައިން ރަޝީދު މޫސާ ކުރެއްވި މުހިންމު މަސައްކަތުގެ ފޮނި ނަތީޖާކަން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން ޖެހެއެވެ.

ދަރިވަރުންގެ ކިޔެވުމަށް ހުރަސް އެޅޭ އަދި ހުރަސް އެޅިދާނެ ޞިއްޙީ މައްސަލަތައް ދެނެގަނެ، ދުޅަހެޔޮ ޞިއްޙަތެއްގައި ތިބެ، ސްކޫލު ދައުރު ފުރިހަމަކުރުމަށް ބާރުއެޅުމުގެގޮތުން ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގެ ދަރިވަރުންގެ ހެލްތު ސްކްރީނިންގ ހެދުމަށް ކޮންމެ އަހަރަކު ހިންގާ މުހިންމު މަސައްކަތުގެ އެންމެ އިސް މޭސްތިރިއަކީވެސް ޙުސައިން ރަޝީދެވެ. އަދި އިމަޖެންސީ ހާލަތްތަކުގައި ތަޢުލީމީ ދާއިރާއިން ޢަމަލުކުރަންވީގޮތުގެ "އެޑިޔުކޭޝަން ސެކްޓަރ އިމަޖެންސީ އޮޕަރޭޝަން ޕްލޭން" އެކުލަވައިލައްވައި، މި ޕްލޭން ތަންފީޒުކުރުމަށް ކުރެވޭ މަސައްކަތުގައި ޙުސައިން ރަޝީދު މޫސާ މުހިންމު ދައުރެއް އަދާކުރައްވައިފައިވާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިނިސްޓްރީ އޮފް ހެލްތާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަން އަދި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ.) އާ ގުޅިގެން 2021 ސެޕްޓެންބަރުގައި ކ. ފޭދޫފިނޮޅުގައި ބޭއްވި ފުރަތަމަ ސައުތު އީސްޓް އޭޝިޔާގެ "ސްކޫލު ހެލްތު ޖަންބަރީ" ގެ ކަންކަން ކޯޑިނޭޓް ކުރައްވައި، މި ޖަންބަރީއަކީ ކާމިޔާބު ޖަންބަރީއަކަށް ހެދުމަށް ހެލްތު މިނިސްޓްރީއާއި، ޑަބްލިޔު.އެޗް.އޯ. އާއި، އެޑިޔުކޭޝަން މިނިސްޓްރީގެ ޓީމާ ގުޅިގެން ކުރެއްވި މަސައްކަތަކީވެސް ސްކޫލު ހެލްތު ދާއިރާގައި ކުރެވުނު ފާހަގަކޮށްލަންޖެހޭ މަސައްކަތެކެވެ.

ޙުސައިން ރަޝީދު މޫސާ، ދިވެހި ދައުލަތަށް މިހާތަނަށް 43 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވައިފައިވާއިރު މިހާރު ހުންނެވީ، ތަޢުލީމީ ވުޒާރާގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މަގާމުގައެވެ. އަދި އެ ވުޒާރާގެ ސްކޫލް ހެލްތު އެންޑް ސެނިޓޭޝަން ސުޕަވައިޒަރުގެ މަގާމާއި، ކޯޑިނޭޓަރުގެ މަގާމާއި، ސީނިއަރ ކޯޑިނޭޓަރުގެ މަގާމާއި، ޑިރެކްޓަރުގެ މަގާމާއި، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލްގެ މަގާމުވެސް އަދާކުރައްވައިފައި ވެއެވެ.