އަލްފާޟިލް އިބްރާހީމް ޙުސައިން
މަޚުމާގެ، ނ. މިލަދޫ

އިބްރާހީމް ޙުސައިން، ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 13 ނޮވެންބަރު 1980 ގައެވެ. ހަތަރު މަހެއްހާ ދުވަހުގެ މެދުކެނޑުމަކާއެކުގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިވީ 43 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ސަރުކާރުގެ ތިން އިދާރާއެއްގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. އިބްރާހީމް ޙުސައިން އަދާކުރައްވައިފައިވާ ވަޒީފާތަކުގެ ތެރޭގައި، ޕަބްލިކް މެއިންޓެނަންސް ޑިވިޜަންގެ މަސައްކަތު މީހެއްގެ މަގާމާއި، މާލޭ މުނިސިޕަލްޓީގެ ސަލްޓަން ޕާކު މަސައްކަތު މީހެއްގެ މަގާމާއި، އިސްލާމީ މަރުކަޒާއި، އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޢާމިލުގެ މަގާމާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މަސައްކަތު މީހެއްގެ މަގާމު ހިމެނެއެވެ. އިބްރާހީމް ޙުސައިން މިހާރު ހުންނެވީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އޮފީސް އެސިސްޓެންޓުގެ މަގާމުގައެވެ.

އިބްރާހީމް ޙުސައިން، ދައުލަތުގެ ވަޒީފާއާ ގުޅިވަޑައިގެން މަގާމުގެ ހައިސިއްޔަތުން ކުރެއްވީ، ސަލްޓަން ޕާކުގެ ބަގީޗާ ބެލެހެއްޓެވުމާއި، އިސްލާމީ މަރުކަޒުގެ މަރާމާތާ ގުޅޭ މަސައްކަތްތަކާއި، މިނިސްޓްރީގެ ފަރާތުން ދައުލަތުގެ އޮފީސްތަކަށް ފޮނުވަންޖެހޭ ސިޓީއާއި، ޕާރުސަލްފަދަ ތަކެއްޗާއި، ފައިސާއާ ގުޅޭގޮތުން ހަވާލުކުރަންޖެހޭ ލިޔެކިޔުންތައް ހަވާލުކުރެއްވުމުގެ މަސައްކަތެވެ.

އިބްރާހީމް ޙުސައިން ކުރައްވައިފައިވާ ޚާއްޞަ މަސައްކަތްތަކުގެ ތެރޭގައި، މާލޭ މުނިސިޕަލްޓީގައި ވަޒީފާ އަދާކުރެއްވި ދުވަސްވަރު ސަރުކާރުގެ މުވައްޒަފުން މާލޭގެ މަގުތައް ހެދުމަށް ކުރެވުނު ޚާއްޞަ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން މަސައްކަތް ކުރެއްވުމާއި، މާލޭގެ 4 އަވަށުގައި ވެލިފުނިޖެހުމަށް ކުރެވުނު މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވެވަޑައިގަތުމާއި، އިސްލާމީ މަރުކަޒު ރީތިކޮށް ބެލެހެއްޓުމުގެ ގޮތުން ކުރެވޭ ޚާއްޞަ މަސައްކަތްތަކާއި، އިސްލާމީ މަރުކަޒުގެ ޓެކްނިކަލް ބައެއް މަސައްކަތްތަކާއި، ރަށްރަށުގައި އިމާރާތްކުރާ މިސްކިތްތަކުގެ ޤިބުލަ ފާހަގަ ކުރުމުގެގޮތުން މިނިސްޓްރީގެ ފަރާތުން ކުރައްވާ ދަތުރުތަކުގައި އެހީތެރިއެއްގެގޮތުން ބައިވެރިވެވަޑައިގެންފައިވުން ހިމެނެއެވެ.

އުމުރުން އެންމެ 17 އަހަރުގައި، ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވި އިބްރާހީމް ޙުސައިނަކީ، މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ކަމަށްކަމޭހިއްތަވައިގެން ޒިންމާދާރުކަމާއެކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ، ހާޒިރީއަށް ފަރުވާތެރި ބޭފުޅެއްކަން ފާހަގަކޮށްލަން ޖެހެއެވެ.