އަލްފާޟިލް ޢަލީ ނަޖީބު
ފައިވްރޯސް، ކ. ގުރައިދޫ

ޢަލީ ނަޖީބު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ކޮންޓްރޯލް އޮފް ކޮމިއުނިކެބްލް ޑިޒީޒަސް ޑިވިޜަންގައި، ކ. ގުރައިދޫ ލެޕްރަސީ ކްލިނިކްގެ މަސައްކަތު މީހެއްގެ ގޮތުގައި 22 މާރިޗު 1972 ގައެވެ. ދައުލަތަށް ޚިދުމަތް ކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ މަސައްކަތު މީހެއްގެ މަގާމާއި، ފީލްޑް ވަރކަރ (ޓީ.ބީ. އެންޑް ލެޕްރަސީ ކޮންޓްރޯލް ޕްރޮޖެކްޓް)ގެ މަގާމާއި، ފީލްޑް ވަރކަރ (ޓީ.ބީ. އެންޑް ލެޕްރަސީ ކޮންޓްރޯލް ޕްރޮޖެކްޓް އެމް.އޭ.ވީ.ބީ.ވީ.އެމް. 001) ގެ މަގާމާއި، ފީލްޑް އޮފިސަރުގެ މަގާމާއި، ސީނިއަރ ފީލްޑް އޮފިސަރުގެ މަގާމާއި، ކ. ގުރައިދޫ ޞިއްޙީ މަރުކަޒުގެ ސީނިއަރ ފީލްޑް އޮފިސަރުގެ މަގާމާއި، އެސިސްޓެންޓް ޕަބްލިކް ހެލްތު އޮފިސަރުގެ މަގާމާއި، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ސީނިއަރ ފީލްޑް އޮފިސަރުގެ މަގާމާއި، އެސިސްޓެންޓް ޕަބްލިކް ހެލްތު އޮފިސަރުގެ މަގާމު އަދާކުރައްވައިފައިވެއެވެ. ޢަލީ ނަޖީބު ރިޓަޔަރ ކުރެއްވިއިރު ހުންނެވީ ކ.ގުރައިދޫ ޞިއްޙީ މަރުކަޒުގެ ޕަބްލިކް ހެލްތު އޮފިސަރުގެ މަގާމުގައެވެ.

ޢަލީ ނަޖީބު، ވަޒީފާ އަދާކުރެއްވިއިރު، ދިވެހިރާއްޖޭގައި ލެޕްރެސީ ކޮންޓްރޯލް ކުރުމަށްޓަކައި ކޮންމެ އަހަރަކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުން ކުރައްވަމުން ގެންދެވި ސަރވޭ ދަތުރުތަކުގައި މެދުކެނޑުމެއްނެތި ބައިވެރިވެވަޑައިގެން، ދިވެހިރާއްޖެއިން ލެޕްރެސީ ނައްތާލުމަށް ސަރުކާރުން ކުރައްވަމުން ގެންދެވި މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން މުހިންމު ދައުރެއް އަދާކުރައްވައިފައި ވެއެވެ. އަދި ކ.ގުރައިދޫ ޞިއްޙީ މަރުކަޒުގައި މަސައްކަތް ކުރައްވަމުން ގެންދެވިއިރު ކ.ގުޅިއާއި، ކ.މާފުށްޓާއި، ގުރައިދޫ ރައްޔިތުންނަށް ދިމާވި އެކިއެކި ޞިއްޙީ ހާލަތްތަކާއި، ޢާންމު އެކިއެކި ބަލިތަކަށް ފަރުވާ ދެއްވުމަށްޓަކައި ރެޔާއި ދުވާލު ކަނޑު ހުރަސްކޮށް ދަތުރުކުރައްވައި، އިޚުލާޞްތެރިކަމާއެކުގައި، ޞިއްޙީ ރޮނގުން ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

ޢަލީ ނަޖީބު ފާހަގަކުރެވިފައިވަނީ، ވަޒީފާ އަދާކުރެއްވުމުގައި މަސައްކަތަށް އިސްކަން ދެއްވައިގެން ފަރުވާތެރިކަމާއެކުގައި ޚިދުމަތް ކުރައްވަމުން ގެންދެވި، އަދި ކަންކަން ނިންމެވުމުގައި ގަވާއިދުތަކާއި އުސޫލުތަކަށް ޙުރުމަތްތެރިކޮށް ހިއްތަވައިގެން، އެއާ އެއްގޮތަށް އަބަދުވެސް މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.

ޢަލީ ނަޖީބަކީ، މެދުނުކެނޑި 10 އަހަރެއްހާ ދުވަހު، ޚިތާނުކުރުމުގެ މަސައްކަތް ކުރައްވައިފައިވާ ބޭފުޅެއްވެސް މެއެވެ. 44 އަހަރަށްވުރެ ގިނަދުވަހު ދައުލަތަށް ޚިދުމަތް ކުރެއްވުމަށްފަހު، ރިޓަޔަރ ކުރެއްވީ 21 އެޕްރީލް 2016 ގައެވެ.