އަލްފާޟިލް އަޙްމަދު ނަޖީބު
ދެތަޑިމާގެ، އއ. މަތިވެރި

އަޙްމަދު ނަޖީބު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 6 ސެޕްޓެންބަރު 1980 ގައެވެ. ފުރަތަމަ އަދާކުރެއްވީ، އއ. މަތިވެރީ އޮފީހުގެ ފެމިލީ ހެލްތު ވަރކަރ ކަމުގެ ވަޒީފާއެވެ. އެ ވަޒީފާ އަދާކުރެއްވީ، 12 މޭ 1986 އާ ހަމައަށެވެ. އެއަށްފަހު، 13 މޭ 1986 ގައި އއ. މަތިވެރީ މެޖިސްޓްރޭޓް ކޯޓުގެ ކާތިބު ކަމުގެ ވަޒީފާއަށް ބަދަލުވެވަޑައިގަތެވެ. މިހާރު އއ. މަތިވެރީ މެޖިސްޓްރޭޓް ކޯޓުގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ 38 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. އެއާއެކު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވާތާ 44 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ.

މި ވޭތުވެދިޔަ މުއްދަތުގައި އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި، އއ. މަތިވެރީ އޮފީހުގެ ފެމިލީ ހެލްތު ވަރކަރ ކަމާއި، އއ. މަތިވެރީ މެޖިސްޓްރޭޓް ކޯޓުގެ ކާތިބު ކަމާއި، ސީނިއަރ ކުލާކް ކަމާއި، އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމުގެ މަގާމު ހިމެނެއެވެ.

އަޙްމަދު ނަޖީބު، ފެމިލީ ހެލްތު ވަރކަރގެ މަގާމުގައި ހުންނަވައިގެން ކުރެއްވި މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ރަށުގެ ޢާންމުޞިއްޙަތު ކުރިއެރުވުމަށްޓަކައި، ރައްޔިތުން ހޭލުންތެރި ކުރުވުމާއި، ސާފުތާހިރުކަން ބެއްލެވުމަށްޓަކައި ގޭގެއަށް ޒިޔާރަތް ކުރައްވައި މަދިރި އުފެދޭ ތަންތަން ހުރިތޯ ބައްލަވައި އެތަންތަން ނައްތައިލުމަށް ބާރުއެޅުއްވުމާއި، ބަލިމީހުންނަށް ބޭސް ދެއްވުމާއި، ރަށު ފެންވަރުގައި ޞިއްޙީގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރެއްވުން ހިމެނެއެވެ.

އަޙްމަދު ނަޖީބު، ޝަރުޢީ ދާއިރާގެ އެކިއެކި މަގާމުތަކުގައި ހުންނަވައިގެން އއ. މަތިވެރީ މެޖިސްޓްރޭޓް ކޯޓުގައި ޝަރުޢީ މަސައްކަތާއި، ފައިސާއާގުޅޭ މަސައްކަތާއި، އިދާރީ މަސައްކަތް ކުރައްވައިފައި ވެއެވެ. ޝަރުޢީ މަސައްކަތުގެ ތެރޭގައި ހިމެނެނީ، ކޯޓަށް ހުށަހެޅޭ ޖިނާއީ އަދި މަދަނީ މައްސަލަތަކާއި، ޢާއިލީ މައްސަލަތައް ބަލައިގަތުމާއި، މައްސަލަތައް ހިންގުމަށްޓަކައި ކުރަންޖެހޭ އިދާރީ އެންމެހައި ކަންތައްތައް ކުރެއްވުމެވެ. އޭގެއިތުރުން، މަޙްޟަރު ބަޔާންތައް ލިޔުއްވުމާއި، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ލިޔުއްވުން ފަދަ ކަންކަމާއި، ކޯޓަށް ހުށަހެޅޭ ކައިވެނިތައް ކޮށްދިނުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރެއްވުންވެސް ހިމެނެއެވެ.

ކޯޓުގެ ފައިސާއާބެހޭ މަސައްކަތުގެ ތެރޭގައި، ޚަރަދުގެ ފައިސާއާއި، ކޯޓަށް ލިބޭ އާމްދަނީގެ ފައިސާއާއި، ސާބިތު ދަރަނީގެ ފައިސާ ބަލައިގަނެ ރަސީދު ތައްޔާރު ކުރައްވައި، ފައިސާ ލިބެންވާ ފަރާތްތަކަށް އެ ފައިސާއެއް ރައްދުކުރެއްވުމުގެ މަސައްކަތާއި، ކޮންމެ މަހަކު މުވައްޒަފުންގެ މުސާރަ ޝީޓް ތައްޔާރުކުރައްވައި ފޮނުއްވުމާއި، ކޯޓަށް ހޯދާ ތަކެތީގެ ބިލުތަކަށް ދައްކަންޖެހޭ ފައިސާ، އެ ފައިސާއެއް ލިބެންޖެހޭ ފަރާތްތަކަށް ހަވާލުކުރުމުގެ މަސައްކަތް ކުރެއްވުން ހިމެނެއެވެ. ކޯޓުގެ އިދާރީ މަސައްކަތުގެ ތެރޭގައި ހިމެނެނީ، ދުވަހުން ދުވަހަށް ޔައުމިއްޔާ ލިޔުއްވުމާއި، ކޯޓަށް ލިބޭ ހުރިހާ ލިޔުންތައް އެންޓްރީ ކުރެއްވުމާއި، ޖަވާބު ދޭންޖެހޭ ސިޓީއާއި މެސެޖުތަކަށް ޖަވާބު ތައްޔާރު ކުރައްވައި، އެފަރާތްތަކަށް ފޮނުއްވުމުގެ މަސައްކަތެވެ.

25 މާރިޗު 2012 އިން ފެށިގެން އަޙްމަދު ނަޖީބު ފުރުއްވަމުން ގެންދަވަނީ، އއ.މަތިވެރީ މެޖިސްޓްރޭޓް ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމުގެ މަގާމެވެ.