އަލްފާޟިލް މުޙައްމަދު ތައުފީޤު
ހަވާނާ، ލ. މާވަށް

މުޙައްމަދު ތައުފީޤު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ޕަބްލިކް ހެލްތު ޑިވިޜަންގެ ފެމެލީ ހެލްތު ވަރކަރެއްގެ މަގާމުގައި، 1 ސެޕްޓެންބަރު 1979 ގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 44 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ޢާއިލާގެ އެހީތެރިޔާގެ މަގާމާއި، ލ. މާވަށު ޞިއްޙީ މަރުކަޒުގެ ޢާއިލާގެ އެހީތެރިޔާގެ މަގާމާއި، ފެމިލީ ހެލްތު އޮފިސަރުގެ މަގާމާއި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ފެމިލީ ހެލްތު އޮފިސަރުގެ މަގާމާއި، ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާގެ ފެމިލީ ހެލްތު އޮފިސަރުގެ މަގާމު އަދާކުރައްވައިފައި ވެއެވެ.

މުޙައްމަދު ތައުފީޤު، ޚިދުމަތް ކުރެއްވިއިރު، ހީވާގިކަމާއެކުގައި، އިސްނަންގަވައިގެން މަސައްކަތް ކުރައްވައިފައި ވެއެވެ. ރަށުގައި ރޯގާގެ އަދި އެ ނޫންވެސް ބަލިމަޑުކަމެއް ފެތުރޭނަމަ، އެކަން ކޮންޓްރޯލް ކުރެއްވުމަށް ޕަބްލިކް ހެލްތު ޔުނިޓުގެ ކޮމިއުނިޓީ ހެލްތު އޮފިސަރުންގެ އިރުޝާދާ އެއްގޮތަށް މަސައްކަތް ކުރައްވައި، ގޭގެއަށް ޒިޔާރަތްކުރައްވައި، ރަށުގެ އާންމު ޞިއްޙީ ހާލަތު ރަނގަޅު ކުރެއްވުމަށް މަސައްކަތް ކުރައްވައިފައި ވެއެވެ.

ޢާއިލާ ރޭވުމުގެ ޕުރޮގުރާމުގެ މަސައްކަތް ހިންގަވައި، ބެލެހެއްޓެވުމާއި، އެ ޕުރޮގުރާމަށް މީހުން ޝައުޤުވެރިކުރުވުމަށް މަސައްކަތް ކުރެއްވުމުގެ އިތުރުން، ރަށުގައި ތިބޭ މާބަނޑު މީހުންގެ ހާލަތު ދެނެގަނެ، ވިހައިގެން ތިބޭ މީހުންގެ ގާތަށް ޒިޔާރަތްކުރައްވައި، މައިމީހާއާއި، ކުޑަދަރިފުޅުގެ ހާލަތު ބައްލަވައި، އެ ފަރާތްތަކުގެ ދުޅަހެޔޮކަމަށް ލަފަޔާއި އިރުޝާދު، މުޙައްމަދު ތައުފީޤު ދެއްވަމުން ގެންދަވައިފައި ވެއެވެ. ރަށުގައި ތިބޭ 5 އަހަރުން ދަށުގެ ކުދިންނަށް ކުލިނިކު ހިންގެވުމާއި، ކުލިނިކުގައި ކުދިން ރަޖިސްޓަރީކުރުމާއި، ބަރުދަން ރަނގަޅު ނޫން ކުދިންނަށް، ޞިއްޙީ ދުޅަހެޔޮކަން ރަނގަޅު ކުރުމުގެ ގޮތުން ހޭލުންތެރިކަން އިތުރުކުރުވުމުގެ މަސައްކަތްވެސް މުޙައްމަދު ތައުފީޤު ކުރައްވައިފައި ވެއެވެ.

މުޙައްމަދު ތައުފީޤު ވަނީ، ޤައުމީ އިމިއުނައިޒޭޝަން ޕުރޮގުރާމާއި، ނިއުޓްރިޝަނާ ބެހޭ ޤައުމީ ޕްރޮގުރާމު، އަދި ގައިންގަޔަށް އަރާ ބަލިތަކާއި، ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރެއްވުމަށް، ރަށު ފެންވަރުގައި މަސައްކަތް ކުރައްވައިފައެވެ. މުޙައްމަދު ތައުފީޤު ދިގު މުއްދަތެއް ވަންދެން މި މަސައްކަތްތައް ކުރެއްވިއިރު، އޮފީހުގެ އެއްވެސް އުސޫލަކާއި އަދި ގަވާއިދަކާ ޚިލާފުވެވަޑައިގެންފައި ނުވާކަން ފާހަގަކޮށްލަން ޖެހެއެވެ.

މުޙައްމަދު ތައުފީޤު ފާހަގަކުރެވިފައިވަނީ، ވަޒީފާ އަދާކުރެއްވުމުގައި މަސައްކަތްތަކަށް އިސްކަން ދެއްވައިގެން، ފަރުވާތެރިކަމާއެކުގައި، ޚިދުމަތް ކުރެއްވި ނަމޫނާ މުވައްޒަފެއްގެ ގޮތުގައެވެ. މުޙައްމަދު ތައުފީޤު، ދައުލަތުގެ ޚިދުމަތުން ރިޓަޔަރ ކުރައްވައިފައިވަނީ 7 ޖަނަވަރީ 2024 ގައެވެ.