އަލްފާޟިލް ޢަލީ އިބްރާހީމް
ނިޝާން، އއ. ތޮއްޑޫ

ޢަލީ އިބްރާހީމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 12 ސެޕްޓެންބަރު 1979 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ތޮއްޑޫ ކޯޓުގެ ކާތިބުކަމުގެ ވަޒީފާއެވެ. އޭގެފަހުން، ތޮއްޑޫ ކޯޓުގެ ސީނިއަރ ކްލާކްގެ މަގާމާއި، އެސިސްޓެންޓް ސެކްރެޓެރީގެ މަގާމާއި، ސެކްރެޓެރީގެ މަގާމާއި، ސީނިއަރ ސެކްރެޓެރީގެ މަގާމު އަދާކުރައްވައިފައި ވެއެވެ.

ތޮއްޑޫ ކޯޓުގައި ހިނގަމުންދާ ޝަރީޢަތްތަކުގައި ނެގޭ ބަޔާންތަކާއި، މަޙުޟަރު ބަޔާންތަކާއި، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ފަދަ ލިޔުންތައް، ޢަލީ އިބްރާހީމް ފަރުވާތެރިކަމާ އެކުގައި އަތުން ލިޔުއްވައި، ކޯޓުގެ އެހެނިހެން ލިޔެކިޔުންތައްވެސް ލިޔުއްވައި ބަލަހައްޓަވައިފައި ވެއެވެ. އޭގެތެރޭގައި ދުވަސްވީ ލިޔުންތައްވެސް ހިމެނެއެވެ. ހަމައެއާއެކު، ރަށަށް ޒިޔާރަތް ކުރާ ޝަރުޢީ ބައެއް ވަފުދުތަކާއި، ކޯޓުހިމެނޭ ދާއިރާގެ ރަށާ ހަވާލުވެވަޑައިގެން އަތޮޅަށް ވަޑައިގަންނަވާ ބޭފުޅުންނާއި، އަދި ޚާއްޞަ މައްސަލަތައް ބެއްލެވުމަށް ވަޑައިގަންނަވާ ބޭފުޅުންނާ ގުޅިވަޑައިގެން ކުރައްވަން ޖެހުނު ކަންކަންވެސް، ވަރަށް ފަރުވާތެރިކަމާ އެކުގައި ކުރައްވައިފައި ވެއެވެ. މީގެ އިތުރުން، ކޯޓުގެ ފައިސާއާބެހޭ އެންމެހައި ކަންތައްތަކާއި، މުވައްޒަފުންނަށް މުސާރަ ދެއްވުމާއި، އިދާރީ މަސައްކަތްތައްވެސް ޢަލީ އިބްރާހީމް ކުރައްވައިފައި ވެއެވެ. އަދި ކޯޓުގެ މަރާމާތުގެ މަސައްކަތްތަކާއި، އެ މަސައްކަތްތައް ހިނގާނުހިނގާގޮތް ބައްލަވައި ސުޕަވައިޒް ކުރެއްވުމުގެ މަސައްކަތްތައްވެސް ޢަލީ އިބްރާހީމް ކުރައްވައިފައި ވެއެވެ.

ޢަލީ އިބްރާހީމަކީ، އއ. ޖުޑީޝަލް ދާއިރާގެ ޗީފް އެޑްމިނިސްޓްރޭޓަރުގެ މަސްއޫލިއްޔަތު އުފުއްލަވައި، އއ. ޖުޑީޝަލް ދާއިރާގެ ބިޑް ކޮމިޓީގެ މެންބަރުކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. ޢަލީ އިބްރާހީމަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެކުގައި މަސައްކަތް ކުރައްވާ އެހެން މުވައްޒަފުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވައިފައި ވެއެވެ.

ޢަލީ އިބްރާހީމް، ދިވެހި ދައުލަތަށް އަދި ޝަރުޢީ ދާއިރާއަށް 44 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރެއްވުމަށްފަހު ރިޓަޔަރ ކުރައްވައިފައިވަނީ، 11 ޖޫން 2024 ގައެވެ.