
މުޙައްމަދު ސަލީމް ޙުސައިން، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ށ. މަރޮށީ ކޯޓުގައި ކާތިބެއްގެ މަގާމުގައި، 23 ސެޕްޓެންބަރު 1979 ގައެވެ. ދައުލަތުގެ ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، މަރޮށީ ކޯޓުގެ 2 ނަންބަރު ކާތިބުގެ މަގާމާއި، ސީނިއަރ ކްލާކުގެ މަގާމާއި، އެސިސްޓެންޓް ސެކްރެޓެރީގެ މަގާމާއި، ސެކްރެޓެރީގެ މަގާމާއި، ސީނިއަރ ސެކްރެޓެރީގެ މަގާމާއި، މަރޮށީ މެޖިސްޓްރޭޓް ކޯޓުގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމު އަދާކުރައްވައިފައި ވެއެވެ.
މުޙައްމަދު ސަލީމް ޙުސައިން، މަރޮށީ މެޖިސްޓްރޭޓް ކޯޓުގައި ޚިދުމަތް ކުރެއްވިއިރު މައިގަނޑުގޮތެއްގައި ކުރައްވައިފައިވަނީ، ކޯޓުގެ އިދާރީ މަސައްކަތްތަކާއި ޝަރީޢަތާގުޅޭ އިދާރީ މަސައްކަތްތަކެވެ. އޭގެ ތެރޭގައި، މަޙްޟަރު ބަޔާން ލިޔުއްވުމާއި، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް ލިޔުއްވުމާއި، ކައިވެންޏާ ބެހޭ މަސައްކަތްތަކާއި، ޝަރުޢީ މައްސަލަތަކާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތަކާއި، ފައިސާއާބެހޭ މަސައްކަތްތައްވެސް ހިމެނެއެވެ.
މުޙައްމަދު ސަލީމް ޙުސައިން ވަނީ، އިޖުތިމާޢީ ގޮތުންވެސް ރަށަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައެވެ. އެގޮތުން، ރ.ކ. ކޮމިޓީގެ މެންބަރު ކަމާއި، ސެކްރެޓެރީ ކަމާއި، ރައީސް ކަމުގެ މަގާމު ހީވާގި ކަމާއެކުގައި އަދާކުރައްވައި، ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކުރައްވައިފައި ވެއެވެ. މީގެއިތުރުން، ސްކޫލުގެ ޕީ.ޓީ.އޭ.ގެ ސެކްރެޓެރީ ކަމާއި، ޚަޒާންދާރު ކަމާއި، ނައިބު ރައީސްގެ ހައިސިއްޔަތުން ރަށުގެ ތަޢުލީމު ކުރިއެރުވުމަށް ހިންގޭ ތަފާތު ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން، ގިނަގުނަ ޚިދުމަތްތަކެއް ކުރައްވައިފައި ވެއެވެ.
މަރޮށީގެ ޖަމުޢިއްޔާއެއް ކަމުގައިވާ "ނާދިލްމުއްތަޙިދީން" ހިންގެވުމުގައްޔާއި، އެ ޖަމުޢިއްޔާއިން ރަށުގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހިންގުނު މަސައްކަތުގައްޔާއި، ރަށުގެ ތަރައްޤީއަށްޓަކައި ހިންގޭ ކޮންމެ ހަރަކާތެއްގައި، އެންމެ އިސްސަފުގައި މުޙައްމަދު ސަލީމް ޙުސައިން ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ.
މުޙައްމަދު ސަލީމް ޙުސައިން ފާހަގަކުރެވިފައިވަނީ، ވަޒީފާ އަދާކުރެއްވުމުގައި ފަރުވާތެރިކަމާއެކުގައި، މަސައްކަތަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދެވި، ނަމޫނާ މުވައްޒަފެއްގެ ގޮތުގައެވެ. އަދި، ކަންކަން ނިންމެވުމުގައި ގަވާއިދުތަކާއި އުސޫލުތަކަށް ޙުރުމަތްތެރިކޮށް ހިއްތަވައިގެން، އެއާ އެއްގޮތަށް މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައިވެސް މެއެވެ.
ޝަރުޢީ ދާއިރާއަށް 35 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައިވާތީ، އެކަމުގެ އަގުވަޒަން ކުރުމުގެގޮތުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ދެއްވި "ހަނދާނީ ފިލާ" 2023 ވަނަ އަހަރު، މުޙައްމަދު ސަލީމް ޙުސައިނަށް ލިބިވަޑައިގެންފައި ވެއެވެ. މުޙައްމަދު ސަލީމް ޙުސައިން، ދައުލަތުގެ ޚިދުމަތުން ރިޓަޔަރ ކުރައްވައިފައި ވަނީ 1 ޖުލައި 2024 ގައެވެ.