
އަޙްމަދު ސަލީމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ޕަބްލިކް ހެލްތް ޑިވިޜަންގެ، ފެމިލީ ހެލްތު ވަރކަރގެ މަގާމުގައި 7 މޭ 1980 ގައެވެ. 45 އަހަރު ދައުލަތަށް ޚިދުމަތް ކުރެއްވުމަށްފަހު، ރިޓަޔަރ ކުރެއްވީ 7 މޭ 2025 ގައެވެ. އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ޢާއިލާގެ އެހީތެރިޔާގެ މަގާމާއި، މަރޮށީ ޞިއްޙީ މަރުކަޒުގެ ޢާއިލާގެ އެހީތެރިޔާގެ މަގާމާއި، ފެމިލީ ހެލްތު އޮފިސަރުގެ މަގާމާއި، ސެންޓަރ ފޮރ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީޒް ކޮންޓްރޯލާއި، މަރޮށީ ކައުންސިލުގެ އިދާރާއާއި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ފެމިލީ ހެލްތު އޮފިސަރުގެ މަގާމު ހިމެނެއެވެ. ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، މަރޮށީ ޞިއްޙީ މަރުކަޒުގެ ފެމިލީ ހެލްތު އޮފިސަރުގެ މަގާމުގައެވެ.
އަޙްމަދު ސަލީމު، ޚިދުމަތް ކުރެއްވި ދިގު މުއްދަތުގައި ހީވާގިކަމާއެކުގައި، އިސްނަންގަވައިގެން ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ. އެގޮތުން، އާންމު ޞިއްޙަތު ކުރިއެރުވުމުގެގޮތުން މީހުން ހޭލުންތެރި ކުރުވުމާއި، ގައިންގަޔަށް އަރާބަލިތަކާއި، ގައިންގަޔަށް ނާރާބަލިތައް ކޮންޓްރޯލްކުރުމުގެ ޤައުމީ ޕުރޮގުރާމުގެ ދަށުން ރަށުފެންވަރުގައި ކުރައްވަންޖެހޭ އެންމެހައި މަސައްކަތްތައް ކުރެއްވުމާއި، ޤައުމީ އިމިއުނިޒޭޝަން ޕުރޮގުރާމާއި، ނިއުޓްރިޝަން ޕުރޮގުރާމުގެ ދަށުން ރަށުފެންވަރުގައި ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދެއްވުމާއި، އުފަންވެނި ޞިއްޙަތުގެ ޤައުމީ ޕުރޮގުރާމުގެ ދަށުން ރަށުފެންވަރުގައި ހަރަކާތްތައް ހިންގަވައި ލުއިފަސޭހަގޮތެއްގައި އެ ޚިދުމަތްތައް ލިބޭނެގޮތަށް ޕުރޮގުރާމުތައް ރާއްވަވައި ހިންގެވުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށްޓާ ގުޅުންހުރި ޞިއްޙީ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް ކުރަންޖެހޭ މަސައްކަތްތައް ރަށުފެންވަރުގައި ހިންގެވުމާއި، އާންމު ޞިއްޙަތުގެ ޤާނޫނުގެ ދަށުން ރަށުފެންވަރުގައި ތަންފީޒުކުރަންޖެހޭ ކަންކަން ތަންފީޒުކުރެއްވުމުގެ މަސައްކަތް، އަޙްމަދު ސަލީމު ކުރައްވައިފައި ވެއެވެ. މިގޮތުން ރަށުގެ އާންމު ސާފުތާހިރުކަން ބެއްލެވުމުގެގޮތުން އާންމުން އެއްވެ އުޅޭ ސަރަހައްދު ތަކަށާއި ގޭގެއަށް ވަޑައިގެންނެވުމާއި، ރަށުގައި ފެތުރޭ މޫސުމީ ރޯގާތައް ކޮންޓްރޯލް ކުރެއްވުމަށް މަސައްކަތް ކުރެއްވުމާއި، ކުޑަކުދީންގެ ބަރުދަން ބެއްލެވުމާއި، އެކުދީންނަށް ރަނގަޅު ކާނާ ފޯރުކޮށްދިނުމަށް ބެލެނިވެރިންނަށް އިރުޝާދު ދެއްވުންފަދަ ކަންކަންވެސް އަޙްމަދު ސަލީމް ކުރައްވައިފައި ވެއެވެ.
2004ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ކުރިމަތިވި ކުއްލި ޙާލަތުން އަރައިގަތުމަށް ރަށުގެ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދެއްވުމުގައި އެންމެ އިސްބޭފުޅެއްގެ ގޮތުގައި އަޙްމަދު ސަލީމް، ޚިދުމަތް ކުރެއްވިއެވެ. އަދި ހަމައެހެންމެ، ކޮވިޑްގެ ބަލިމަޑުކަމުގެ ޙާލަތުގައި ޕަބްލިކް ހެލްތު ޔުނިޓުން ކުރިޔަށްގެންދިޔަ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން ރަށުގެ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދެއްވުމުގައި އިސް ދައުރެއް އަދާކުރައްވައިފައިވާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.
އަޙްމަދު ސަލީމު، ދައުލަތަށް ޚިދުމަތްކުރައްވަމުން ގެންދަވާތާ މިވީ ދިގު މުއްދަތުގެ ތެރޭގައި، ވަޒީފާ އަދާކުރުމުގައި ހެދިފައިވާ ގަވާއިދަކާ ނުވަތަ އުސޫލަކާ ޚިލާފުވެވަޑައިގެންފައި ނުވާކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި އަޙްމަދު ސަލީމަކީ، ހާޒިރީއަށް ފަރުވާތެރި ބޭފުޅެއްވެސް މެއެވެ.