
އިބްރާހީމް ސިރާޖް، ދިވެހި ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ކާތިބުކަމުގެ މަގާމުގައި 6 ފެބުރުވަރީ 1980 ގައެވެ. އެ މިނިސްޓްރީގައި ކުރެއްވީ، ސަރުކާރުގެ އެކިއެކި އޮފީސްތަކަށް ފޮނުވަންޖެހޭ ސިޓީ ލިޔުއްވައި ފޮނުއްވުމާއި، އިދާރީ މަސައްކަތްތަކެވެ. ދެ އަހަރެއްހާ ދުވަހު ޚިދުމަތްކުރެއްވުމަށްފަހު 9 ފެބުރުވަރީ 1982 ގައި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ ގުޅިވަޑައިގަތެވެ. އެ ކުންފުނީގައި ފުރަތަމަ އަދާކުރެއްވީ، ކާތިބުކަމުގެ މަގާމެވެ. އޭގެފަހުން، ސެކްރެޓެރީކަމުގެ މަގާމާއި، ސީނިއަރ ސެކްރެޓެރީގެ މަގާމާއި، މެނޭޖަރުގެ މަގާމާއި، ސީނިއަރ މެނޭޖަރުގެ މަގާމު އަދާކުރެއްވިއެވެ. އިބްރާހީމް ސިރާޖް މިހާރު ހުންނެވީ، ޓްރާންސްޕޯޓް ޑިޕާޓްމަންޓުގެ ސެކްޝަން މެނޭޖަރުގެ މަގާމުގައެވެ.
އިބްރާހީމް ސިރާޖް ވަނީ، އެމް.ޓީ.ސީ.ސީ.ގެ ތަފާތު ޑިޕާޓްމަންޓު ތަކުގައި ޚިދުމަތް ކުރައްވައިފައެވެ. މިގޮތުން، ކޮންސްޓްރަކްޝަން ޑިޕާޓްމަންޓުގައްޔާއި، ސޯމިލުގައްޔާއި، ސޭލްސް ޑިޕާޓްމަންޓުގައްޔާއި، ރެންޓަލްސް އެންޑް އޮކްޝަން ޑިޕާޓްމަންޓުގައްޔާއި، މެއިންޓެނަންސް ޑިޕާޓްމަންޓުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ.
އިބްރާހީމް ސިރާޖް އަދާކުރެއްވި މަގާމުތަކުގެ މަސްއޫލިއްޔަތުގެގޮތުން ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، މަސްދޯނިފަހަރުގައި އިންޖީނު އެޅުމާބެހޭ އިދާރީ މަސައްކަތްތައް ބެލެހެއްޓެވުމާއި، ހެންވޭރު ސޯމިލުގެ ކީހުމާއި ވަޑާމުގެ އިދާރީ މަސައްކަތާއި، މާލޭގައި އިމާރާތްކުރެވުނު ބައެއް އިމާރާތްތަކުގެ މަސައްކަތް ހިންގަވައި ބެލެހެއްޓެވުމުގައި އިސްކޮށް އުޅުއްވުން ހިމެނެއެވެ. މީގެއިތުރުން، ކާސްޓްރޯލް އަޑީތެލާއި، ސިގްމާ ދަވާދާއި، ޔަންމާ އިންޖީނު މާރކެޓް ކުރުމަށް، ރާއްޖޭގެ ގިނަ ރަށްރަށަށް ދަތުރުކުރައްވައި ވިޔަފާރީގެ ކަންކަން ބެލެހެއްޓެވުމާއި، ގެދޮރުވަޑާމަށް ބޭނުންވާ ހުރިހާ އެއްޗެއްގެ ވިޔަފާރީގެ ކަންކަން ބެލެހެއްޓެވުމާއި، އިމާރާތްކުރުމުގައި ބޭނުންކުރާ ތަކެތި ކުއްޔަށް ދޫކުރުމުގެ މަސައްކަތް ހިންގަވައި ބެލެހެއްޓެވުން ހިމެނެއެވެ. އަދި ކުންފުނީގެ އެތެރޭގެ މަރާމާތުގެ ހުރިހާ މަސައްކަތެއް ހިންގެވުމުގައިވެސް އިސްކޮށް ހުންނަވައިގެން ކުރެއްވި ޚިދުމަތްތައް ފާހަގަކޮށްލަން ޖެހެއެވެ. މިހާރު ހުންނެވި، ޓްރާންސްޕޯޓް ޑިޕާޓްމަންޓުގައި ކުރައްވައިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ވިލިނގިލީ ފެރީއާއި، ތިލަފުށީ ފެރީއާއި، ގުޅީފަޅު އަދި ހުޅުމާލެ ފެރީގެ ދަތުރުތައް ރާއްވަވައި ހިންގަވައި ބެލެހެއްޓެވުމުގެ މަސައްކަތް ހިމެނެއެވެ. މިހާރު ކުރައްވަމުން ގެންދަވަނީ، ރާއްޖޭގެ 20 އަތޮޅުގެ އާންމު ފެރީ ދަތުރުތަކުގެ ޚިދުމަތްތައް ހިންގަވައި ބެލެހެއްޓެވުމުގެ މަސައްކަތެވެ. އިބްރާހީމް ސިރާޖަކީ، ޤައުމަށް ދިމާވި ޤުދުރަތީ އެކިއެކި ކާރިސާ ތަކުގައި ކުންފުނިން ދީފައިވާ ޚިދުމަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެއްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.
އިބްރާހީމް ސިރާޖް، ދައުލަތަށް ޚިދުމަތްކުރެއްވި 45 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، އެންމެ ގިނަދުވަހު ޚިދުމަތް ކުރެއްވީ އެމް.ޓީ.ސީ.ސީ.ގައި ކަމަށްވުމުން، ސިރާޖުގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެގޮތުން ކުންފުނިން ދެއްވި ހަނދާނީ ފިލައާއި ލިޔުންތައް ސިރާޖަށް ލިބިވަޑައިގެންފައި ވެއެވެ.