
މުޙައްމަދު ޒަކަރިއްޔާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ވުޒާރަތުއްޞިއްޙާގެ ހެލްތު އެސިސްޓެންޓެއް ގޮތުގައި 8 ޖޫން 1961 ގައެވެ. ފުރަތަމަ ޚިދުމަތް ކުރެއްވީ، ކ.ގުރައިދޫގައެވެ. އެއީ، ބިޔާދުއާއި، ވިލިނގިލިވަރުގައި ތިބޭ ބަލިމީހުންނަށް ފަރުވާ ދެއްވުމަށެވެ. ޚިދުމަތުގައި ހޭދަކުރެއްވި 45 އަހަރަށްވުރެ ދިގު މުއްދަތުގައި އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި، ޕަބްލިކް ހެލްތު ޑިވިޜަނާއި، މިނިސްޓްރީ އޮފް ހެލްތާއި، ކޮންޓްރޯލް އޮފް ކޮމިއުނިކެބްލް ޑިޒީޒަސް ޑިވިޜަނާއި، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ސީނިއަރ ހެލްތު އެސިސްޓެންޓުގެ މަގާމު ހިމެނެއެވެ. އަދި، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިއޫ.އެޗް.އޯ.)ގެ ދަށުން ހިންގި މެލޭރިޔާ ޕްރޮޖެކްޓުގެ ސީނިއަރ ހެލްތު އެސިސްޓެންޓުގެ މަގާމުވެސް ފުރުއްވިއެވެ. މީގެ އިތުރުން، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ސީނިއަރ ހެލްތު އެސިސްޓެންޓުގެ މަގާމާއި، ޖަމާއަތުގެ ޞިއްޙީ އެހީތެރިޔާ ނަންބަރު 1 ގެ މަގާމާއި، ސުޕަވައިޒަރުގެ މަގާމާއި، ރީޖަނަލް ހެލްތު އޮފިސަރުގެ މަގާމުވެސް އަދާކުރައްވައިފައި ވެއެވެ. އަދި އޭގެފަހުން ވަނީ، ޅ. އަތޮޅު ހޮސްޕިޓަލުގެ ރީޖަނަލް ހެލްތު އޮފިސަރުގެ މަގާމާއި، ޕްރޮގްރާމު ކޯޑިނޭޓަރުގެ މަގާމު އަދާކުރައްވައިފައެވެ. މުޙައްމަދު ޒަކަރިއްޔާ 1 މޭ 2008 ގައި ޚިދުމަތުން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ޅ.އަތޮޅު ހޮސްޕިޓަލްގެ ޕްރޮގުރާމު ކޯޑިނޭޓަރުގެ މަގާމުގައެވެ.
ހެލްތު އެސިސްޓެންޓެއްގެ ގޮތުގައި ކ. ގުރައިދޫގައި ޚިދުމަތްކުރެއްވިއިރު ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް ޚިދުމަތަކީ، ބިޔާދުއާއި، ވިލިނގިލިވަރުގައި ކަރަންޓީނު ކޮށްފައިތިބޭ ޖުޒާމް ބަލީގެ ބަލިމީހުންނަށް ބޭސްދިނުމާއި އެހީތެރިކަން ފޯރުކޮށްދެއްވުމަށްޓަކައި، ކޮންމެ ދުވަހަކު ދެއިރު ގުރައިދޫން ބިޔާދުއަށާއި، ވިލިނގިލިވަރަށް ކުރެއްވި ދަތުރުތަކެވެ. އަދި ހަމަ އެއާއެކުގައި، މުޅި ރާއްޖޭގައި މެލޭރިއާ ބަލީގެ ވަބާ ފެތުރުނު ދުވަސްވަރު، އެބަލީގެ ޝިކާރަޔަކަށް ވެފައި ތިބި މީހުންނަށް ޞިއްޙީ އެހީތެރިކަން ފޯރުކޮށްދެއްވުމަށްޓަކައި، ރާއްޖޭގެ އެކިކަންކޮޅުތަކަށް "ސިލްވަރ ކްރެސްޓް" ގައި ކުރެއްވި ދަތުރުތައްވެސް ފާހަގަކޮށްލަން ޖެހެއެވެ. އަދި ރާއްޖޭގައި އޭރު ތިބި ފައިލޭރިއާގެ ބަލިމީހުންނަށް ފަރުވާދެއްވައި، ރާއްޖެއިން އެބަލި ނައްތާލުމަށްޓަކައި ކުރެވުނު މަސައްކަތުގައި، ބައްޔަށް ޓެސްޓުކުރެވޭ މީހުންގެ ލޭނެގުމާއި، އެމީހުންނަށް ބޭސް ދިނުމަށްޓަކައި އަތޮޅުތަކަށް ދަތުރުކުރެއްވި ޞިއްޙީ އެހީތެރިންގެ ތެރޭގައިވެސް މުޙައްމަދު ޒަކަރިއްޔާ ހިމެނިވަޑައިގެންނެވިއެވެ.
މުޙައްމަދު ޒަކަރިއްޔާ، ދައުލަތަށް ޚިދުމަތްކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ޞިއްޙީ ދާއިރާއިން މީހުން ހޭލުންތެރި ކުރުވުމަށްޓައި ކުރެއްވި މަސައްކަތްޕުޅު ތަކަކީވެސް ފާހަގަކޮށްލަންޖެހޭ މަސައްކަތްތަކެކެވެ. އެގޮތުން، އަތޮޅު ފެންވަރުގައްޔާއި، ރަށު ފެންވަރުގައި ޞިއްޙީ ގޮތުން މީހުން ހޭލުންތެރި ކުރުވުމަށާއި، ކުއްލި ފަރުވާ ދިނުމުގެ ހުނަރުތައް ދަސްކޮށްދިނުމަށްޓަކައި ހިންގެވި "ފަސްޓްއެއިޑް" ކްލާސްތަކުގައި ކިޔަވައިދެއްވުމާއި، ޞިއްޙީ އެކިއެކި މައުޟޫޢުތަކަށް ލިޔުއްވައިފައިވާ ލިޔުއްވުންތަކަކީ، މި ރޮނގުން މުޙައްމަދު ޒަކަރިއްޔާ ކޮށްދެއްވި ފާހަގަކޮށްލަންޖެހޭ އަގުހުރި ޚިދުމަތްތަކެކެވެ.
މުޙައްމަދު ޒަކަރިއްޔާ ފާހަގަ ކުރެވެނީ، އަމިއްލަ ނަފްސަށްވުރެ، ވަޒީފާގެ މަސްއޫލިއްޔަތާއި ވާޖިބު އިސްކުރައްވައި، އުސޫލުތަކުގައި ހިފަހައްޓަވައިގެން ޚިދުމަތް ކުރެއްވި، އަދުގެ ޖީލަށް ނަމޫނާ ޚިދުމަތްތެރިއެއްގެ ގޮތުގައެވެ.
މުޙައްމަދު ޒަކަރިއްޔާއަށް ވަނީ، ދިވެހިރާއްޖޭގައި ޞިއްޙީ ޚިދުމަތް ކުރުމުގެ ރޮނގުން 1980ވަނަ އަހަރު ޢާންމުޚިދުމަތުގެ ހިތްވަރުދިނުމުގެ އިނާމާއި، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހި ބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން 2014ވަނަ އަހަރު، ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައެވެ.