
ޝަހީމާ ޙުސައިން، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 2 ސެޕްޓެންބަރު 1978 ގައެވެ. ފުރަތަމަ އަދާކުރެއްވީ، އެއަރޕޯޓް އޮފީހުގެ ކޮމިޔުނިކޭޝަން އޮޕަރޭޓަރެއްގެ މަގާމެވެ. އޭރުއްސުރެ ފެށިގެން 46 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައި، ރިޓަޔަރ ކުރެއްވުމާ ހަމައަށް ޚިދުމަތް ކުރެއްވީ އެއަރޕޯޓުގައެވެ. ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ކޮމްޕެނީ ސެކްރެޓެރީގެ މަގާމުގައެވެ. ޝަހީމާ ޙުސައިން ފުރުއްވައިފައިވާ މަގާމުތަކުގެ ތެރޭގައި، ސީނިއަރ ކޮމިއުނިކޭޝަން އޮޕަރޭޓަރކަމާއި، ސީނިއަރ ކޮމިއުނިކޭޝަން އޮފިސަރކަމާއި، އެސިސްޓެންޓް ޑިރެކްޓަރކަމާއި، ޑެޕިއުޓީ ޑިރެކްޓަރކަމާއި، ޑިރެކްޓަރ އަދި އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރ ފަދަ ޒިންމާދާރު މުހިންމު މަގާމުތައް ހިމެނެއެވެ.
ޝަހީމާ ޙުސައިން، ކޮމިއުނިކޭޝަން އޮޕަރޭޓަރގެ މަގާމުގައި ހުންނެވިއިރު، ރާއްޖެއިން ބޭރުން ތަމްރީނު ފުރިހަމަ ކުރެއްވުމަށްފަހު، ވައިގެ ދަތުރު ފަތުރާ ގުޅިގެން ކުރަންޖެހޭ މުއާމަލާތްތައް "މޯސް ކޯޑު"ގެ ޒަރީއާއިންނާއި، "ޓެލެޓައިޕް" އަދި "ޓެލެފޯނީ"ގެ ޒަރީއާއިން ކުރެއްވިއެވެ. އަދި ސީނިއަރ ކޮމިއުނިކޭޝަން އޮފިސަރގެ މަގާމު ފުރުއްވިއިރު، ދާއިރާއާ އަލަށް ގުޅޭ މުވައްޒަފުންނަށް އެ މަސައްކަތް ދަސްކޮށްދެއްވުމުގެ ޒިންމާ އަދާކުރެއްވިއެވެ.
1990ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ކޯޕަރޭޓް ދާއިރާއަށް ބަދަލުކުރެއްވުމާ ގުޅިގެން އެ މަގާމުތަކުގައި ހުންނަވައިގެން ތަފާތު މަސްއޫލިއްޔަތުތައް، ފަރުވާތެރިކަމާއި އިޚުލާޞްތެރިކަމާ އެކުގައި ޝަހީމާ ޙުސައިން އަދާކުރައްވަމުން ގެންދެވިއެވެ. އޭގެ ތެރެއިން، ބޭރުގެ އެހީ ހޯއްދަވައިގެން މުވައްޒަފުންގެ ތަމްރީނުތައް ހަމަޖައްސަވައި، މަތީ ތަޢުލީމު ހޯދުމަށް ރާއްޖެއިން ބޭރަށް މުވައްޒަފުން ފޮނުވުމުގެ މަސްއޫލިއްޔަތު އަދާކުރެއްވިއެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ ފަރާތްތަކާއެކުގައި ކުންފުނިން ކުރަންޖެހޭ މުއާމަލާތުތައް ކުރެއްވުމުގައި، ގަވާއިދުން އެކަންކަން ހިންގަވައި ބެލެހެއްޓެވުމުގެ މަސްއޫލިއްޔަތުވެސް ޝަހީމާ ޙުސައިން އަދާކުރެއްވިއެވެ.
2009ވަނަ އަހަރު ކުންފުނީގެ އޮނިގަނޑަށް ގެނެވުނު ބޮޑު ބަދަލާއެކު، ޝަހީމާ ޙުސައިން، ކޮމްޕެނީ ސެކްރެޓެރީގެ މަގާމަށް ބަދަލުކުރެއްވިއެވެ. ރިޓަޔަރ ކުރެއްވުމާ ހަމައަށް އެ މަގާމުގައި ދެމިހުންނެވީ، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމަވާ ނިންމެވުންތަކާ އެއްގޮތަށް، ކުންފުނިން ތަންފީޒު ކުރަންޖެހޭ އެންމެހައި ކަންކަން ފަރުވާތެރިކަމާއެކުގައި ވިލަރެސް ކުރެއްވުމުގައެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީއަށް މިހާތަނަށް އެންމެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްދެއްވި އަންހެން ބޭފުޅެއްގެ ޝަރަފު ލިބިވަޑައިގަންނަވަނީ، ޝަހީމާ ޙުސައިނަށެވެ. އަދި ހަމައެއާއެކު އެންމެ ދިގު މުއްދަތަކަށް އެ ކުންފުނީގެ ކޮމްޕެނީ ސެކްރެޓެރީގެ މަގާމުވެސް މިހާތަނަށް ފުރުއްވީ ޝަހީމާއެވެ. މިގޮތުން، 21 މާރިޗު 2009 ން ފެށިގެން 2 ނޮވެންބަރު 2024 އާ ހަމައަށް، 15 އަހަރަށްވުރެ ދިގު މުއްދަތަކަށް އެ މަގާމު ފުރުއްވިއެވެ.
ޝަހީމާ ޙުސައިނަކީ ވަރަށް އިޚުލާޞްތެރިކަމާއި ނަޒާހަތްތެރިކަމާއެކު، މަސައްކަތަށް ފަރުވާތެރިކަން ބަހައްޓަވައިގެން ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. އަދި އިސް މަގާމުތަކެއް ފުރުއްވަމުން ގެންދެވުމާއެކު، އޯގާތެރިކަމާއި، ހިތްތިރިކަމާއެކުގައި، މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެއްވި ވެރިއެއްގެ ގޮތުގައިވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ކަންކަން ނިންމެވުމުގައި ގަވާއިދުތަކާއި އުސޫލުތަކަށް ޙުރުމަތްތެރިކޮށް ހިއްތަވައިގެން، އެއާ އެއްގޮތަށް އަބަދުވެސް މަސައްކަތް ކުރެއްވުމަށް އިސްކަންދެއްވި މެއެވެ. 46 އަހަރަށްވުރެ ދިގު ޚިދުމަތުގެ ތާރީޚުގައި ނަސޭހަތެއް، އިންޒާރެއް ނުވަތަ ޖޫރިމަނާއެއް ކުރެވިފައި ނުވާކަން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން ޖެހެއެވެ. ޝަހީމާ ޙުސައިން ރިޓަޔަރ ކުރައްވައިފައިވަނީ، 2 ނޮވެންބަރު 2024ގައެވެ.