އަލްފާޟިލް މުޙައްމަދު ވަޙީދު
ގ. އާބާދީ

މުޙައްމަދު ވަޙީދު، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، އުމުރުން އެންމެ 13 އަހަރުގައި، 27 ޖުލައި 1967ގައި، މަޙްކަމަތުލް އަމަންޢާންމުގެ ސިފައިންގެ މީހެއްގެ ވަޒީފާއިންނެވެ. އޭގެފަހުން، ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ ޕްރައިވެޓްގެ ރޭންކުގައްޔާއި، ލާންސް ކޯޕުރަލްގެ ރޭންކުގައްޔާއި، ކޯޕުރަލްގެ ރޭންކުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. 16 ޖަނަވަރީ 1994ގައި، އެންޓި-ކޮރަޕްޝަން ބޯޑަށް ބަދަލުވެވަޑައިގެން، އެ ބޯޑުގެ ސީނިއަރ އިންވެސްޓިގޭޓަރުގެ މަގާމުގައި ޚިދުމަތް ކުރެއްވުމަށްފަހު، 13 ފެބުރުވަރީ 1996ގައި ކަސްޓަމްސްގެ ވަޒީފާއަށް ބަދަލުވެވަޑައިގެންނެވިއެވެ. ކަސްޓަމްސްގެ ސީނިއަރ އިންވެސްޓިގޭޓަރގެ މަގާމާއި، ސުޕްރިންޓެންޑެންޓުގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރގެ މަގާމު އަދާކުރެއްވިއެވެ. މުޙައްމަދު ވަޙީދު، ރިޓަޔަރ ކުރެއްވިއިރު ހުންނެވީ ސީނިއަރ ސުޕްރިންޓެންޑެންޓުގެ މަގާމުގައެވެ.

މުޙައްމަދު ވަޙީދު ސިފައިންގޭގައި ޚިދުމަތް ކުރެއްވިއިރު، އެއަރޕޯޓުގައި މަތިންދާބޯޓު ސެކްޝަންގެ ސެކިއުރިޓީ ބެލެހެއްޓެވުމުގައްޔާއި، ފުލުސް އޮފީހުގައި މައްސަލަބަލާ އެން.ސީ.އޯ.ގެ ގޮތުގައްޔާއި، ޑިއުޓީ ސެކްޝަންގައި ޚިދުމަތް ކުރައްވައި، އެތާނގެ އިދާރީ މަސައްކަތްތައް ކުރައްވައިފައި ވެއެވެ.

ކަސްޓަމްސްގައި ޚިދުމަތް ކުރެއްވިއިރު، މުޙައްމަދު ވަޙީދުވަނީ، ކަސްޓަމްސްގެ އެކި ދާއިރާތައް ހިންގެވުމުގެ މަސްއޫލިއްޔަތު އަދާކުރައްވައިފައެވެ. އެގޮތުން ޑެޕިއުޓީ ސެކްޝަން ހެޑްގެ ހައިސިއްޔަތުން، ސީ-ޕޯޓް ބްރާންޗުގައްޔާއި، އަދި ސެކްޝަން ހެޑްގެ ހައިސިއްޔަތުން ކ.ތިލަފުށީ ކަސްޓަމްސްގައްޔާއި، ސ.ގަމުގެ ކަސްޓަމްސްގައްޔާއި، ސ.ހިތަދޫ ކަސްޓަމްސްގައްޔާއި، ކްރޫ އެންޑް ބެގޭޖް ކްލިއަރެންސްގައި ޚިދުމަތް ކުރައްވައި، ހާބަރ ކްލިއަރެންސް ސެކްޝަން ހިންގެވުމުގެ މަސްއޫލިއްޔަތުވެސް އަދާކުރެއްވިއެވެ. އަދި ބޮންޑެޑް ވެއަރހައުސް ސެކްޝަނާއި، ލީގަލް އެފެއާޒް ސެކްޝަނާއި، ރެކޯޑްސް މެނޭޖުމަންޓް ސެކްޝަނާއި، ހދ.ކުޅުދުއްފުށީ ކަސްޓަމްސްއާއި، ލޮޖިސްޓިކްސް ސެކްޝަނާއި، އަދި ކާގޯ އެގްޒަމިނޭޝަން ސެކްޝަން ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރައްވައިފައިވެއެވެ. މީގެއިތުރުން، ޑިވިޜަން ހެޑްގެ ހައިސިއްޔަތުން، ސައުތު ރީޖަނަލް ކަސްޓަމްސް ހެޑް އޮފީސް (ސ. ގަން) ހިންގެވުމުގެ މަސްއޫލިއްޔަތުވެސް މުޙައްމަދު ވަޙީދު އަދާކުރައްވައިފައި ވެއެވެ.

މުޙައްމަދު ވަޙީދަކީ، އެން.އެސް.އެސް.ގައްޔާއި، އެންޓި-ކޮރަޕްޝަން ބޯޑުގައްޔާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ޚިދުމަތް ކުރެއްވިއިރު، މަސައްކަތުގެ އަޚްލާޤާއި ސުލޫކު ހިފެހެއްޓެވި، ހާޒިރީއަށް ފަރުވާތެރި، ގަވާއިދުތަކާއި އުސޫލުތަކުގައި ހިފެހެއްޓެވި، މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ވަގުތަށް ކަމޭހިއްތަވައިގެން، ތެދުވެރިކަމާއި، އިޚުލާޞްތެރިކަމާއެކުގައި ޚިދުމަތްކުރެއްވި ބޭފުޅެކެވެ.

މުޙައްމަދު ވަޙީދު އެން.އެސް.އެސް.ގައި އިޚުލާޞްތެރިކަމާއި، ވަފާތެރިކަމާއެކުގައި ކޮށްދެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި، ދެއްވި ޝަރަފުގެ ކުލައާއި، މެޑެލްތަކުގެ ތެރޭގައި، އަޚުލާޤީ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލައާއި، 3 ނޮވެންބަރުގެ މެޑެއްޔާއި، ސައްތައިގެ މެޑެލް ހިމެނެއެވެ.

މުޙައްމަދު ވަޙީދު 50 އަހަރަށްވުރެ ގިނަދުވަހު ދައުލަތަށް ޚިދުމަތްކުރެއްވުމަށްފަހު ރިޓަޔަރ ކުރެއްވީ 1 އޮގަސްޓު 2017 ގައެވެ. އޭރު ހުންނެވީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ސީނިއަރ ސުޕްރިންޓެންޑެންޓުގެ މަގާމުގައެވެ. މުޙައްމަދު ވަޙީދު ވަނީ، ކަސްޓަމްސްގައި، 21 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރައްވައިފައެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ކޮށްދެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި، އެ މުއައްސަސާއިން މުޙައްމަދު ވަޙީދަށްވަނީ ޤާބިލުކަމުގެ ކުލަވެސް ދެއްވާފައެވެ.