މުޙައްމަދު ފާއިޒް އިބްރާހީމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 19 ޑިސެންބަރު 1988 ގައި، ޑިޕާޓްމަންޓް އޮފް އިލެކްޓްރިސިޓީގެ ގްރީސަރެއްގެ ވަޒީފާއިންނެވެ. އޭގެފަހުން، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ އިންޖިން އޮޕަރޭޓަރު ކަމާއި، ޓެކްނީޝަން ކަމާއި، ސީނިއަރ ޓެކްނީޝަން ކަމާއި، ސުޕަވައިޒަރުކަން ކުރައްވައިފައި ވެއެވެ. މުޙައްމަދު ފާއިޒު މިހާރު ހުންނެވީ، ސްޓޭޝަން ސުޕަވައިޒަރު ކަމުގެ މަގާމުގައެވެ.
މި ވޭތުވެދިޔަ 35 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، މުޙައްމަދު ފާއިޒް ކުރައްވައިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ޕަވަރހައުސްގެ ޖެނެރޭޓަރުތައް ބެލެހެއްޓެވުމާއި، އިންޖީނުތައް އޯވަރހޯލް ކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި އިންޖީނުތަކަށް ދިމާވާ އެކިއެކި މައްސަލަތައް، ވީ އެންމެ އަވަހަކަށް ހައްލުކޮށްދެއްވުންވެސް ހިމެނެއެވެ.
މުޙައްމަދު ފާއިޒަކީ، ހަވާލުކުރެވޭ ކޮންމެ މަސައްކަތެއްވެސް ޝައުޤުވެރިކަމާއި، ފަރުވާތެރިކަމާ އެކުގައި ކުރައްވަމުން ގެންދަވާ، ހާޒިރީއަށް ފަރުވާބަހައްޓަވާ ބޭފުޅެކެވެ. އަދި، ތެދުވެރިކަމާއި، އަމާނާތްތެރިކަމާ އެކުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ، އެހެން މުވައްޒަފުންނަށް ރީތި މިސާލެއް ދައްކަވަމުން ގެންދަވާ ނަމޫނާ ޚިދުމަތްތެރިއެއްވެސް މެއެވެ.