ފާޠިމަތު ޙަނީފާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ މަސައްކަތު މީހެއްގެ ވަޒީފާގައި، 4 އޮކްޓޫބަރު 1988 ގައެވެ. މިހާރުވެސް ހުންނެވީ، އެ މަގާމުގައެވެ. ވޭތުވެދިޔަ 35 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ޚިދުމަތް ކުރައްވައިފައި ވަނީ، އުތީމުގައި ހުންނަ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައެވެ.
ފާޠިމަތު ޙަނީފާ އަދާކުރައްވަމުން ގެންދަވާ ވަޒީފާގެ މަސްއޫލިއްޔަތުގެ ގޮތުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި، އުތީމު ގަނޑުވަރާއި، ކަނދުވަލު މިސްކިތާއި، އެ މިސްކިތުގެ ގޯތިތެރޭގައިވާ ވެވާއި، ކާނި ގަހާއި، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި ކުރަންޖެހޭ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދެވުން ހިމެނެއެވެ. އަދި ގަނޑުވަރުގައި ލަކުޑިން ހަދައިފައިވާ ބައިތަކުގެ އާބާތުރަ ފިލުވުމުގެ ގޮތުން، ވަރުނީސްލުމާއި، ތަން ނަލަކުރުމަށް ވެލިލުމާއި، އުވަލުން ފަދަ މަސައްކަތްތައްވެސް ފާޠިމަތު ޙަނީފާ ކުރައްވަމުން ގެންދަވައެވެ. އަދި ގަނޑުވަރާއި، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ ގޯތިތެރެ ކުނިކަހައި، ފޮޅައިސާފުކުރުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވައެވެ.
މި ދެންނެވި ކަންކަމުގެ އިތުރުން، ކޮންމެ އަހަރެއްގެ ޤައުމީ ދުވަސް ފާހަގަކުރެއްވުމުގެ ގޮތުން، އަތޮޅު ފެންވަރުގައްޔާއި، ޤައުމީ ފެންވަރުގައި ބާއްވާ ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަމުގައި، ފާޠިމަތު ޙަނީފާ ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވަމުން ގެންދަވައެވެ. ހަމައެހެންމެ، ޤައުމީ ދުވަހަށް ތައްޔާރުވުމުގެ ގޮތުން، މަރުކަޒުގެ ނަންބޯޑު ނަލަކުރުމާއި، ގަނޑުވަރާއި މަރުކަޒުގައި ކުރަން ހުންނަ އެހެނިހެން މަސައްކަތްތައް ކުރުމުގައި، އެހެން މުވައްޒަފުންނާއެކުގައި، ފާޠިމަތު ޙަނީފާ ބައިވެރިވެވަޑައިގަންނަވަމުން ގެންދަވައެވެ.
ފާޠިމަތު ޙަނީފާއަކީ، ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެކުގައި މަސައްކަތް ކުރާ އެހެން މުވައްޒަފުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވާ ބޭފުޅެކެވެ. އަދި، މަރުކަޒުގެ ވަޒީފާއާ އަލަށް ގުޅިވަޑައިގަންނަވާ މުވައްޒަފުންނަށް އެކި ކަންކަމުގައި އެހީތެރިކަން ދެއްވައި، ކަންކަން އޮޅުންފިލުއްވައި ދެއްވަމުންވެސް ގެންދަވާ ބޭފުޅެއްވެސް މެއެވެ.