އަލްފާޟިލް އިބްރާހީމް ސަލީމް
މ. ކުނޑި 2

އިބްރާހީމް ސަލީމް ނުވަތަ އާންމު ނަމުންނަމަ، ކުނޑި ސަލީމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ސިވިލްއޭވިއޭޝަން އޮތޯރިޓީގެ އެސިސްޓެންޓް މެކޭނިކެއްގެ ވަޒީފާއިން، 28 މޭ 1988 ގައެވެ. އޭގެފަހުން، މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ މެކޭނިކް ގްރޭޑް 1ގެ މަގާމާއި، މެކޭނިކް ގްރޭޑް 2ގެ މަގާމާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ މެކޭނިކް ގްރޭޑް 3ގެ މަގާމާއި، ސީނިއަރ މެކޭނިކްގެ މަގާމާއި، ސީނިއަރ ޓެކްނީޝަން މެކޭނިކަލްގެ މަގާމު އަދާކުރައްވައިފައި ވެއެވެ. އިބްރާހީމް ސަލީމް މިހާރު ހުންނެވީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ސީނިއަރ ޓެކްނީޝަން މެކޭނިކަލް ސަރވިސަސްގެ މަގާމުގައެވެ.

މި ވޭތުވެދިޔަ 35 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، އިބްރާހީމް ސަލީމް ޚިދުމަތް ކުރައްވައިފައި ވަނީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގައެވެ. އިބްރާހީމް ސަލީމަކީ، އެއަރޕޯޓް ގްރައުންޑް ސަރވިސްގައި ބޭނުންކުރާ އިކުއިޕްމަންޓުތަކާއި، އެއަރޕޯޓުގައި ބޭނުންކުރާ އާންމު ވެހިކަލްތައް މަރާމާތުކޮށް ބެލެހެއްޓެވުމުގައި، ޤާބިލުކަމާއި، ފަރުވާތެރިކަމާއި، އިޚުލާޞްތެރިކަމާ އެކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި ވެހިކަލް އިކުއިޕްމަންޓް މެއިންޓެނަންސް ސަރވިސަސްގެ ޚިދުމަތް އަޕްގްރޭޑްކޮށް ހިންގުމުގައި، އެކި ގޮތްގޮތުން އެހީތެރިކަން ދެއްވައިފައިވާ ބޭފުޅެއްވެސް މެއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ތައްޔާރުކުރާ މިނިވަންދުވަހުގެ ފުލޯޓު ތައްޔާރުކުރުމުގައި، އިބްރާހީމް ސަލީމް ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވަމުން ގެންދަވައެވެ. އިބްރާހީމް ސަލީމަކީ، އެއަރޕޯޓުގެ ރަސްމީ މަސައްކަތުގެ އިތުރުން، އެއަރޕޯޓުގައި ހިންގާ ތަފާތު ރިކްރިއޭޝަނަލް ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާ ބޭފުޅެއްވެސް މެއެވެ.

ކުންފުނީގެ އެސިސްޓެންޓް މެކޭނިކެއްގެ މަގާމުން ޚިދުމަތް ފެށްޓެވި އިބްރާހީމް ސަލީމް މިހާރު އަދާކުރައްވަމުން ގެންދަވާ މަގާމާ ހަމަޔަށް ވަޑައިގެންނެވުނީ، ކުންފުނީގެ ކުރިއެރުމަށާއި ތަރައްޤީއަށް ކޮށްދެއްވައިފައިވާ މަސައްކަތްތަކުގެ ސަބަބުންނެވެ. އިބްރާހީމް ސަލީމަކީ، އެއަރޕޯޓާ ގުޅޭ ތަފާތު ތަމްރީނުތައް ފުރިހަމަކުރައްވައިފައިވާ އަދި އެ ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއްވެސް މެއެވެ.