އަލްފާޟިލާ ޙަބީބާ މުޙައްމަދު
ޗާނދަނީގެ ހއ. އުތީމު

ޙަބީބާ މުޙައްމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 21 އޮކްޓޫބަރު 1987 ގައި، އުތީމުގައި ހުންނަ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ މަސައްކަތު މީހެއްގެ ވަޒީފާއިންނެވެ. މިހާރު ޙަބީބާ މުޙައްމަދު ހުންނެވީވެސް އެ މަރުކަޒުގެ މަސައްކަތު މީހެއްގެ ވަޒީފާގައެވެ.

މި ވޭތުވެދިޔަ 36 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ޙަބީބާ މުޙައްމަދު ކުރައްވައިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒާއި، މެހްމާންސަރާ އަދި ގަނޑުވަރުގެ އިމާރާތާ ގުޅިފައިވާ ތަންތަނާއި ގޯތިތެރެ ކުނިކަހައި ސާފުތާހިރުކޮށް ބެލެހެއްޓެވުމުގެ މަސައްކަތް ހިމެނެއެވެ. އަދި، މަރުކަޒުގެ ގޯތިތެރޭގެ ޕާކުތަކާއި، ގަނޑުވަރު ވަށައިގެންވާ ސަރަހައްދުގައި ހުންނަ ގަސްތައް ބެލެހެއްޓެވުމާއި، ހަނދާނީ މަރުކަޒާއި، މަރުކަޒުގެ ހޯލުގައި ކުލައާއި ދަވާދުލުމާއި، ގަނޑުވަރުގެ ފާރުގައި އުވަލުން ފަދަ މަސައްކަތް ކުރެއްވުން ހިމެނެއެވެ. މީގެއިތުރުން، ގަނޑުވަރާއި، ކަނދުވަލު މިސްކިތުގެ އާބާތުރަފިލުވުމުގެ އެންމެހައި މަސައްކަތްތައް، އެސިސްޓެންޓް ގައިޑުންގެ ބެއްލެވުމުގެ ދަށުން ޢަމަލީގޮތުން ކުރެއްވުންވެސް ހިމެނެއެވެ.

ޙަބީބާ މުޙައްމަދަކީ، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި، ކޮންމެ އަހަރެއްގެ ޤައުމީދުވަސް ފާހަގަކުރުމުގެ ގޮތުން އަތޮޅު ފެންވަރުގައްޔާއި، ޤައުމީ ފެންވަރުގައި ބާއްވާ ޤައުމީ ދުވަހުގެ ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތަކުގައި، ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާ ބޭފުޅެއްވެސް މެއެވެ. އަދި، އުތީމުގައި ހުންނަ ދައުލަތުގެ އެހެން މުއައްސަސާތައް ބައިވެރިވެގެން ހިންގާ ތަފާތު އެކިއެކި އިޖުތިމާއީ ހަރަކާތްތަކުގައި، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު ތަމްސީލު ކުރެއްވުމުގައިވެސް ނަމޫނާ ދައްކަވާ ބޭފުޅެކެވެ.