އަލްފާޟިލް މޫސާ ފަތުޙީ
ދަފްތަރު. ނަންބަރު ރސ 6622، މާލެ

މޫސާ ފަތުޙީ، ދައުލަތުގެ ޚިދުމަތް ފެށްޓެވީ، 21 ޖުލައި 1986 ގައި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ އެސިސްޓެންޓް އިލެކްޓްރިޝަނެއްގެ ވަޒީފާއިންނެވެ. މި ވޭތުވެދިޔަ 37 އަހަރަށްވުރެ ދިގު މުއްދަތުގައި، އެ ކުންފުނީގެ އެކި މަގާމުތައް މޫސާ ފަތުޙީ އަދާކުރައްވައިފައި ވެއެވެ. އެ މަގާމުތަކުގެ ތެރޭގައި، އިލެކްޓްރިޝަން ގްރޭޑް 3ގެ މަގާމާއި، ސީނިއަރ އިލެކްޓްރިޝަންގެ މަގާމު ހިމެނެއެވެ. މޫސާ ފަތުޙީ މިހާރު ހުންނެވީ، ސަރވިސް އިންޖިނިއަރ ކަމުގެ މަގާމުގައެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގައި، މޫސާ ފަތުޙީ ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، އެމް.ޓީ.ސީ.ސީ. އިން މަސައްކަތް ކުރަމުން ގެންދާ ރީޖަނަލް އެއަރޕޯޓުތަކުގެ ލައިޓިންގ ސިސްޓަމްގެ މަސައްކަތްތަކާއި، ތާރުއެޅުމުގެ މަސައްކަތް ހިމެނެއެވެ. މިހާރުވެސް ކުންފުނީގެ ތިލަފުށީ ސައިޓުގައި އިންޖިނިއަރިންގ މަސައްކަތާއި، އިލެކްޓްރިކަލް މަސައްކަތްތައް، މޫސާ ފަތުޙީ ކުރައްވަމުން ގެންދަވައެވެ. މޫސާ ފަތުޙީއަކީ، ކުންފުނީގެ ޚިދުމަތާ އަލަށް ގުޅޭ މުވައްޒަފުންނަށް އިލެކްޓްރިކަލް މަސައްކަތްތައް ދަސްކޮށްދެއްވަމުން ގެންދަވާ ބޭފުޅެއްވެސް މެއެވެ. އެގޮތުން ތަމްރީނު ކުރެއްވި މުވައްޒަފުން މިއަދު އެ ކުންފުނީގެ ވަޒީފާތަކުގައި ދެމިތިބިކަން އެއީ، މޫސާ ފަތުޙީއަށް ލިބިވަޑައިގެންނެވި ވަރަށްބޮޑު ކާމިޔާބީއެކެވެ.

މޫސާ ފަތުޙީ ފާހަގަކުރެވިފައި ވަނީ، ކުންފުނީގެ އެކިއެކި މަސައްކަތްތަކަށް އިސްކަން ދެއްވައިގެން، ވަރަށް ފަރުވާތެރިކަމާ އެކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ނަމޫނާ ބޭފުޅެއްގެ ގޮތުގައެވެ. އަދި ކުންފުނިން ބާއްވަވާ އެކިއެކި ޚާއްޞަ ރަސްމިއްޔާތުތަކުގައްޔާއި، ޙަފުލާތަކުގައްޔާއި، މިނޫންވެސް އެހެން ކަންކަމުގައި މޫސާ ފަތުޙީ ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވަމުން ގެންދަވައެވެ.