މޫސާ ޙަބީބު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، އެއަރޕޯޓް އޮފީހުގެ ސެކިއުރިޓީ އޮފިސަރެއްގެ ވަޒީފާއިން، 19 ޑިސެންބަރު 1979 ގައެވެ. އޭގެފަހުން، މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ ސެކިއުރިޓީ ސުޕަވައިޒަރު ކަމާއި، ސީނިއަރ ސެކިއުރިޓީ އޮފިސަރު ކަމާއި، ޗީފް ސެކިއުރިޓީ އޮފިސަރު ކަމާއި، ކޯސް ކޯޑިނޭޓަރ ކަމާއި، އެސިސްޓެންޓް ޑިރެކްޓަރ، މެނެޖީރިއަލް ކަމުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. މޫސާ ޙަބީބު، ފަހުން ޚިދުމަތް ކުރައްވަން ގެންދެވީ، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގައެވެ.
މޫސާ ޙަބީބު، އެންމެ ފުރަތަމަ ކުރެއްވީ، ސެކިއުރިޓީ ޗެކް ކުރުމުގެ މަސައްކަތެވެ. އެއީ، އެކްސްރޭ މެޝިންވެސް ހުންނަ ދުވަސްވަރަކަށް ނުވާތީ، އޭރު ޗެކް ކުރައްވަމުން ގެންދެވީ، އެ މީހަކު އެ ގެންދާ އެއްޗެހި ވަކިވަކިން ބައްލަވައިގެންނެވެ. މިގޮތަށް ބައްލަވާއިރު، އެއީ، އެ އެއަރލައިނަކުން ހުއްދަކުރާ އެއްޗެއްތޯ ކަށަވަރު ކުރައްވައެވެ. މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ހުޅުވި، ޚިދުމަތް ދޭން ފެށުމުން، ފުލައިޓުތައް ގިނަވެ، އޭގެފަހުން ސެކިއުރިޓީގެ ކަންކަންވެސް، ފަސޭހަ ވަސީލަތްތަކާ އެކުގައި ބަލަހައްޓަވަމުން ގެންދެވިއެވެ. އަދި ވަޒީފާއިން ރިޓަޔަރ ކުރެއްވުމާ ހަމަޔަށް އެއިރަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވައި، ވަސީލަތްތައް އިތުރުކުރައްވަމުން ގެންދެވީ، ވަރަށް ޒިންމާދާރުކަމާއެކުގައިކަން ފާހަގަކޮށްލަން ޖެހެއެވެ.
މޫސާ ޙަބީބު ކުރައްވައިފައިވާ މައިގަނޑު އެހެން މަސައްކަތްތަކުގެ ތެރޭގައި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާއި، ސްޓްރެޓީޖިކް ހިއުމަން ރިސޯސް ޕްލޭން އެކުލަވައިލެއްވުން ހިމެނެއެވެ. މީގެއިތުރުން، އޭވިއޭޝަން ސެކިއުރިޓީގެ ޚިދުމަތް، ހަލުވިކަމާއި އޮމާންކަމާއެކުގައި ގެންދިޔުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ގެންނެވުމާއި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ދޭ ޚިދުމަތްތަކުގެ ތެރެއިން ކޮންމެހެން ރިވިއު ކުރަންޖެހޭ ކަންތައްތައް ރިވިއުކޮށް، ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްވެސް ވަރަށް ފުރިހަމައަށް ކުރައްވައިފައި ވެއެވެ. އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ފައިސާއާއި، އޮޑިޓާބެހޭ ކަންކަން ބަލަހައްޓަވައި، ޒިންމާދާރުކަމާ އެކުގައި، އެ މަސްއޫލިއްޔަތު، މޫސާ ޙަބީބު އަދާކުރައްވައިފައިވާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.
މޫސާ ޙަބީބަކީ، އެއަރ ސޭފްޓީއާއި، ސެކިއުރިޓީއާ ބެހޭ ތަމްރީނުތައް ފުރިހަމަ ކުރައްވައިފައިވާ ބޭފުޅެކެވެ. މިގޮތުން ލިބިވަޑައިގެންނެވި ތަޖުރިބާގެ އަލީގައްޔާއި، އަމިއްލަފުޅަށް މައުލޫމާތު ހޯއްދަވައިގެން، އެހެން މުވައްޒަފުން ތަމްރީނު ކުރައްވައިފައި ވެއެވެ.
39 އަހަރަށްވުރެ ދިގު މުއްދަތެއްގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް ޚިދުމަތް ކުރެއްވުމަށްފަހު، 5 މާރިޗު 2019 ގައި ޚިދުމަތުން ވަކިވެވަޑައިގެންނެވިއިރު، މޫސާ ޙަބީބު ހުންނެވީ، ކޮމަޑާންޓުގެ މަގާމުގައެވެ. ގައެވެ. ރިޓަޔަރ ކުރެއްވުމުގެ ފަހުންވެސް ސެކިއުރިޓީއާ ގުޅޭ ތަމްރީނުތައް، ކުންފުނީގެ މުވައްޒަފުންނަށް، މޫސާ ޙަބީބު ދެއްވަމުން ގެންދަވައެވެ.