މުޙައްމަދު ސިނާން، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 8 އޮކްޓޫބަރު 1984 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ސަރުދާރެއްގެ ވަޒީފާއެވެ. އޭގެފަހުން، ޕްރޮޖެކްޓް ސުޕަވައިޒަރު ކަމާއި، ޑެޕިއުޓީ އޮފިސަރު ކަމާއި، ފޯމަން ކަމާއި، ސީނިއަރ ސުޕަވައިޒަރު ކަމާއި، ސުޕަވައިޒަރު ކަމާއި، ސީނިއަރ އޮޕަރޭޝަންސް އޮފިސަރު ކަމާއި، ސީނިއަރ ސޭފްޓީ އިންސްޕެކްޓަރު ކަމާއި، ޑެކް މާސްޓަރުކަން ކުރައްވައިފައި ވެއެވެ. މުޙައްމަދު ސިނާން މިހާރު ހުންނެވީ، ސީނިއަރ ޑޮކް މާސްޓަރ ކަމުގެ މަގާމުގައެވެ.
މުޙައްމަދު ސިނާން، އެމް.ޓީ.ސީ.ސީ.ގެ ސޯމިލްގައި ފުރަތަމަ ކުރެއްވީ، ލަކުޑި ކީހުމުގެ މަސައްކަތެވެ. އެއީ، އެކި ފަރާތްތަކުން ގެންނަ ލަކުޑިތަކާއި، ދޯނިފަހަރު ބަނުމަށް ބޭނުންކުރާ ލަކުޑި ކީހުމުގެ މަސައްކަތެވެ.
ޑޮކް މާސްޓަރެއްގެ ހައިސިއްޔަތުން މުޙައްމަދު ސިނާން މިހާރު ކުރައްވަނީ، އޮޑިފަހަރު އެހެލައި ބޭލުމުގެ މަސައްކަތް ސުޕަވައިޒް ކުރެއްވުމެވެ. އެކަމުގެ އެންމެ އިސް ބޭފުޅަކަށް ހުންނަވައިގެން، އެހެލަންޖެހޭ ދޯނިފަހަރު އައުމުން، އެ ދޯނިފަހަރުގެ ކޮންޑިޝަން ހުރީ ކިހިނެއްތޯ ބައްލަވައި، އުޅަނދު ބަނުމުގައި ބޭނުންކޮށްފައިވާ ބާވަތްތަކުގެ މައްޗަށް ބައްލަވައި، އުޅަނދު އެހެލުމުގެ ކަންތައްތައް ފަރުވާތެރިކަމާއެކުގައި ކުރިއަށް ގެންދަވައެވެ.
މުޙައްމަދު ސިނާން، އެމް.ޓީ.ސީ.ސީ.ގެ ޕުރޮޖެކްޓް ސައިޓްތަކުގައި ސުޕަވައިޒަރެއްގެ ގޮތުގައި ހުންނަވައިގެން، ހެޑް އޮފީހާއި، ސޭލް ސެންޓަރުގެ މަސައްކަތްތަކާއި، އިންޖިނިއަރިންގ ޑިޕާޓްމަންޓުގެ މަސައްކަތްތަކާއި، ރަށްރަށުގެ ފަޅު ފުންކުރުމުގެ މަސައްކަތްތައް ކުރައްވަމުން ގެންދެވިއިރު، އެންމެބޮޑު އިސްކަމެއް ދެއްވީ، ކުންފުނީގެ ކުރިއެރުމަށާއި ލާބައާއި މަންފާއަށްޓަކައި، އެ ކުރައްވާ ކަމެއް ކުރެއްވުމުގެ މައްޗަށެވެ.
މުޙައްމަދު ސިނާން ފާހަގަވެފައި ވަނީ، ގަޑިއަށް ފަރުވާބަހައްޓަވައިގެން، މަސައްކަތްތަކަށް ވަރަށްބޮޑު އިސްކަމެއް ދެއްވާ ބޭފުޅެއްގެ ގޮތުގައެވެ. ތިލަފުށީގައި ހުންނަ އެމް.ޓީ.ސީ.ސީ.ގެ ބޯޓުޔާޑުގެ މަސައްކަތްތައް، ދުވަހުން ދުވަހަށް ބައްލަވައި، ކުރައްވަންޖެހޭ ކަންތައްތައް ކުރެއްވުމުގައި، އެންމެ އިސްބޭފުޅެއްގެ ގޮތުގައިވެސް ހުންނަވަނީ، މުޙައްމަދު ސިނާނެވެ.
މުޙައްމަދު ސިނާނަކީ، ކުންފުނީގެ މަސައްކަތް ކުރާ ތަންތަނަށާއި، މުވައްޒަފުންގެ ރައްކާތެރިކަމަށް އިސްކަން ދެއްވާ، ކުންފުނީގެ ފަރާތުން ބާއްވަވާ އެކިއެކި ހަފުލާތަކުގައިވެސް އިސްނަންގަވައިގެން ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާ ނަމޫނާ ޚިދުމަތްތެރިއެކެވެ. މުޙައްމަދު ސިނާނު ވަނީ، 39 އަހަރަށްވުރެ ގިނަދުވަހު ދައުލަތަށް ޚިދުމަތް ކުރައްވައިފައެވެ.