ޢަބްދުއްރަޝީދު އާދަމް، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 1 އެޕްރީލް 1979 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ރަތްމަންދޫ އޮފީހުގެ ކާތިބު ކަމުގެ ވަޒީފާއެވެ. އޭގެފަހުން، މުދައްރިސް ކަމުގެ ކޯސް ފުރިހަމަކުރެއްވުމަށްޓަކައި ވަޒީފާއިން ވަކިވެވަޑައިގަތުމަށްފަހު، އަލުން ޚިދުމަތް ފެށްޓެވީ، 1 ޖަނަވަރީ 1984 ގައި، ރާއްޖެތެރޭގެ ޕްރައިމަރީ ޓީޗަރެއްގެ ވަޒީފާއިންނެވެ. އޭގެފަހުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެސިސްޓެންޓް ސުޕަވައިޒަރު ކަމާއި، ސުޕަވައިޒަރު ކަމާއި، ރަތްމަންދޫ ސްކޫލުގެ ސުޕަވައިޒަރު ކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރު ކަމާއި، ޑެޕިއުޓީ ޕްރިންސިޕަލް ކަމާއި، ލީޑިންގ ޓީޗަރު ކަމުގެ މަގާމު އަދާކުރެއްވިއެވެ. 19 ސެޕްޓެންބަރު 2022 ގައި ރަތްމަންދޫ ސްކޫލުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވިއިރު ހުންނެވީ، އެ ސްކޫލުގެ ދިވެހި ޓީޗަރެއްގެ މަގާމުގައެވެ. އޭގެފަހުން، 22 ފެބުރުވަރީ 2024 ން ފެށިގެން އަދާކުރައްވަމުން ގެންދަވަނީ، ރަތްމަންދޫ ޞިއްޙީ މަރުކަޒުގެ އެޑްމިނިސްޓްރޭޓަރ، ހެލްތު ސަރވިސަސް ކަމުގެ މަގާމެވެ. ޞިއްޙީ މަރުކަޒުގެ އިދާރީ ހުރިހާ ކަމެއް ބަލަހައްޓަވަމުން ގެންދަވަނީ، ޢަބްދުއްރަޝީދު އާދަމެވެ.
ޢަބްދުއްރަޝީދު އާދަމަކީ، ރަތްމަންދޫ ސްކޫލުގެ ކުރިއެރުމަށާއި، ދަރިވަރުންގެ ކުރިއެރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އަދި، ސްކޫލުގެ ފެންވަރު ރަނގަޅު ކުރެއްވުމަށް ކުރެވެންހުރި ކަންތައްތަކަކީ ކޮބައިތޯ ބައްލަވައި، އެކަންކަމަށް ޢަމަލީ ސިފަ ގެންނެވުމުގައި، ޢަބްދުއްރަޝީދު އާދަމް ޢަމަލީގޮތުން އަދާކުރެއްވި ދައުރު ފާހަގަކޮށްލަން ޖެހެއެވެ. ޢަބްދުއްރަޝީދު އާދަމަކީ، ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، ކިޔަވައިދެއްވުމުގެ އެންމެހައި ކަންކަން، ދަރިވަރުން ޝައުޤުވެރިވާ ގޮތަށް ކުރެއްވި ބޭފުޅެއްވެސް މެއެވެ.
ޢަބްދުއްރަޝީދު އާދަމް، ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 41 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ.