ޢީސާ ޔޫސުފް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 12 ޖަނަވަރީ 1981 ގައެވެ. އޭރުއްސުރެ ޚިދުމަތް ކުރައްވަމުން ގެންދަވަނީ، އެއަރޕޯޓުގައެވެ. ޢީސާ ޔޫސުފް އެއަރޕޯޓުގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ 43 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ.
ޢީސާ ޔޫސުފް ފުރަތަމަ ވަޒީފާ އަދާކުރެއްވީ، ހުޅުލޭ ބީޗް ރެސްޓުގައެވެ. އޭގެފަހުން ޚިދުމަތުން ވަކިވެވަޑައިގަތުމަށްފަހު، އަލުން އެއަރޕޯޓުގެ ވަޒީފާއާ ގުޅިވަޑައިގެން އަދާކުރެއްވީ، މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ މަސައްކަތު މީހެއްގެ ވަޒީފާއެވެ. އޭގެފަހުން، އެ އޮތޯރިޓީގެ ލޯޑަރު ކަމާއި، ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ލޯޑަރު ކަމާއި، ދޮންނަ މީހެއްގެ ވަޒީފާއާއި، ލޭބަރ ގްރޭޑް 2 ކަމާއި، ލޭބަރ ގްރޭޑް 3 ކަމާއި، ސަޕޯޓް ސްޓާފް ކަމާއި، ސީނިއަރ ސަޕޯޓް ސްޓާފްގެ މަގާމު އަދާކުރައްވައިފައި ވެއެވެ. ޢީސާ ޔޫސުފް މިހާރު ހުންނެވީ، ސީނިއަރ ހައުސްކީޕަރގެ މަގާމުގައެވެ.
ޢީސާ ޔޫސުފް ފުރަތަމަ މަސައްކަތް ކުރެއްވީ، އެއަރޕޯޓުގެ ބީޗް ރެސްޓް ކުނިކަހައި ސާފުކުރެއްވުމުގެ މަސައްކަތެވެ. އޭގެފަހުން، މަތިންދާބޯޓަށް ލަގެޖު އަރުވައި ބޭލުމުގެ މަސައްކަތާއި، އެއަރޕޯޓުގެ ސަރުދާރުންނާއި، ގާޑުންނާއި، މަސައްކަތު މީހުންގެ ޔުނިފޯމު ދޮވެ އިސްތިރި ކުރެއްވުމުގެ މަސައްކަތް ކުރެއްވިއެވެ.
ޢީސާ ޔޫސުފަކީ، އިޚުލާޞްތެރިކަމާއި ތެދުވެރިކަމާ އެކުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ މުވައްޒަފެކެވެ. އަދި މުވައްޒަފުންނާ ގުޅިގެން މަސައްކަތްތައް ކުރައްވައި، ހަވާލުކުރައްވާ ކޮންމެ މަސައްކަތެއްވެސް ފަރުވާތެރިކަމާ އެކުގައި ކުރައްވާ ބޭފުޅެކެވެ. އަދި، ކުންފުނިން ހިންގާ ހުރިހާ ކަންކަމެއްގައިވެސް އިސްނަންގަވައިގެން ޢަމަލީގޮތުން ބައިވެރިވެވަޑައިގެން އެއްބާރުލުން ދެއްވަމުން ގެންދަވާ މުވައްޒަފެއްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.