އަލްފާޟިލާ ފަހީމާ އާދަމް
މ. މުނިޔާމަންޒިލް

ފަހީމާ އާދަމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 4 ޑިސެންބަރު 1980 ގައި، ކޯޓު ނަންބަރު 1ގެ ދެނަންބަރު ކާތިބާ ކަމުގެ ވަޒީފާއިންނެވެ. އޭގެފަހުން، ކޯޓު ނަންބަރު 6ގެ ކާތިބާ ކަމާއި، އަވަސްނިޔާ ކޯޓުގެ ކާތިބާ ކަމާއި، ސީނިއަރ ކުލާކް ކަމާއި، ކޯޓު ނަންބަރު 4ގެ ސީނިއަރ ކުލާކް ކަމާއި، އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، މަދަނީ ކޯޓުގެ އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، ސެކްރެޓެރީކަން ކުރައްވައިފައި ވެއެވެ. މިހާރު ހުންނެވީ، ސިވިލް ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމުގެ މަގާމުގައެވެ.

ފަހީމާ އާދަމް، ޝަރުޢީ ދާއިރާގެ އިދާރީ މަސައްކަތްތައް ކުރައްވަމުން ގެންދަވާތާ މިހާރު 43 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ. މި ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި، ފަހީމާ އާދަމް ކުރައްވައިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ޝަރީޢަތުގެ މަޖިލީހުގައި ދެކެވޭ ވާހަކަތައް މަޙްޟަރު ކުރެއްވުމާއި، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ފޮތުގައި ލިޔުއްވުމާއި، ޝަރީޢަތުގެ މަޖިލީހުގައި ދެކެވޭ ވާހަކަތައް އަޑުއައްސަވައިގެން ލިޔުއްވުމާއި، ބަޔާންތައް އަޅައިކިޔުމުގެ މަސައްކަތް ހިމެނެއެވެ.

ފަހީމާ އާދަމްގެ ޚިދުމަތް ފެށްޓެވީވެސް، ޝަރުޢީ ދާއިރާއިންނެވެ. މިހާރު ހުންނެވީވެސް، އެ ދާއިރާގެ ޚިދުމަތުގައެވެ. ތެދުވެރިކަމާއި، އިޚުލާޞްތެރިކަމާއެކުގައި ޚިދުމަތް ކުރެއްވުމުގައެވެ.