އަޙްމަދު ޔޫސުފް މަނިކު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 3 މޭ 1979 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ޑިޕާޓްމަންޓް އޮފް އިލެކްޓްރިސިޓީގެ އެޕްރެންޓިސްއެއްގެ މަގާމެވެ. އޭގެފަހުން، އެ ޑިޕާޓްމަންޓުގެ އިލެކްޓްރިޝަން ކަމާއި، މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑުގެ އިންޖިނިއަރު ކަމާއި، ސުޕަވައިޒަރު ކަމާއި، ސީނިއަރ ސުޕަވައިޒަރު ކަމާއި، އެސިސްޓެންޓް އިލެކްޓްރިކަލް އިންޖިނިއަރު ކަމާއި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ އެސިސްޓެންޓް އިންޖިނިއަރު ކަމާއި، އިންޖިނިއަރު ކަމާއި، ސީނިއަރ އިންޖިނިއަރު ކަމުގެ މަގާމު އަދާކުރެއްވިއެވެ. އަޙްމަދު ޔޫސުފް މަނިކު މިހާރު ހުންނެވީ، ސީނިއަރ ސަރވިސް އިންޖިނިއަރު ކަމުގެ މަގާމުގައެވެ.
މި ވޭތުވެދިޔަ ދިގު މުއްދަތުގައި، އަޙްމަދު ޔޫސުފް މަނިކު ކުރައްވައިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، މާލެއަށް ކަރަންޓު ދިނުމަށްޓަކައި ކުރަންޖެހުނު ގިނަ މަސައްކަތްތައް ހިމެނެއެވެ. އަދި ގްރޭޓަރ މާލޭ ސަރަޙައްދުގައްޔާއި، އަތޮޅުތެރޭގެ އިންޖީނުގެތަކަށް އާންމުކޮށް ކަރަންޓުގެ ޚިދުމަތް ދިނުމަށް ގާއިމުކުރެވިފައިވާ ނެޓްވާރކް ޑިސްޓްރިބިއުޝަން ވިއުގަ ބެލެހެއްޓުމަށް ކުރަންޖެހުނު މަސައްކަތްތައް ކުރެއްވުމާއި، ކުންފުނިން ކަރަންޓުގެ ޚިދުމަތްދޭ ތަންތަނުގައި ދިމާވާ މައްސަލަތަކާ ގުޅިގެން ކަސްޓަމަރުން ހުށަހަޅާ ޝަކުވާތައް ބައްލަވައި، އެކަންކަން ހައްލުކުރުމުގެ މަސައްކަތް ވަގުތުން ވަގުތަށް ކުރެއްވުން ހިމެނެއެވެ. މީގެއިތުރުން، ކަރަންޓުގެ ޚިދުމަތް ދޭ ތަންތަނުގެ ކޭބަލްތަކާއި، ސަޕްލައި ވަޅުލެވިފައިވާ ގޮތުގެ ކުރެހުންތައް ތައްޔާރުކުރެއްވުމާއި، ޓްރާންސްފޯމަރތަކުންނާއި، ޑިސްޓްރިބިއުޝަން ފޮށިތަކުން ކަރަންޓުލެވޭ ތަންތަނުގެ ރެކޯޑު ބެލެހެއްޓެވުމާއި، ޑިސްޓްރިބިއުޝަން ވިއުގާގައި ހިމެނޭ މެޝިނަރީއާއި އިކުއިޕްމަންޓުތައް މަރާމާތު ކުރައްވައި ބެލެހެއްޓެވުމުގެ މަސައްކަތްވެސް އަޙްމަދު ޔޫސުފް މަނިކު ކުރައްވަމުން ގެންދަވައެވެ. އަދި ރައީސް މައުމޫންގެ ރިޔާސީ ދައުރުގައި ހދ. ކުޅުދުއްފުށީގައްޔާއި، ގދ. ތިނަދޫގައި އިންޖީނުގެ އެންމެ ފުރަތަމަ ހުޅުވިއިރު، ހުޅުވުމަށް ކުރަންޖެހުނު އެންމެހައި މަސައްކަތްތައް ކުރެއްވުމުގައި، އެންމެ އިސްކޮށް ހުންނެވީ، އަޙްމަދު ޔޫސުފް މަނިކެވެ.
އަޙްމަދު ޔޫސުފް މަނިކަކީ، ކުންފުނިން ބާއްވާ ޚާއްޞަ ޙަފުލާތަކާއި، މިނޫންވެސް، ކުންފުނީގެ ލެވެލްގައި ކުރެވޭ މުހިންމު މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާ މުވައްޒަފެއްކަން ޚާއްޞަގޮތެއްގައި ފާހަގަކޮށްލަން ޖެހެއެވެ. އަދި 3 ނޮވެންބަރު 1988ގެ ހާދިސާގައި، މާލެއިން ކަރަންޓު ކަނޑައިލުމާ ގުޅިގެން، އަމިއްލައަށް އިސްނަންގަވައިގެން، އެ ނުރައްކާތެރި ވަގުތުގައިވެސް ޚިދުމަތަށް ނުކުމެވަޑައިގެންނެވިކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.
އަޙްމަދު ޔޫސުފް މަނިކު، ދިވެހި ދައުލަތަށް އަދި އިންޖީނުގެއަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 44 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ.