އަލްފާޟިލް ޙަސަން ވަޙީދު
މ. މެލޯޑިއަމް 7

ޙަސަން ވަޙީދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 1 ޖުލައި 1979ގައި، ޑިޕާޓްމަންޓް އޮފް އިލެކްޓްރިސިޓީގައެވެ. އެތާނގައި ފުރަތަމަ، އެކިއެކި މަސައްކަތް ދަސްކުރެއްވީއެވެ. އޭގެފަހުން، އެ ޑިޕާޓްމަންޓުގެ ފިޓަރ ކަމާއި، މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑުގެ މެކޭނިކް ކަމާއި، އެސިސްޓެންޓް އިންޖިނިއަރ ކަމާއި، އެސިސްޓެންޓް ސުޕަވައިޒަރު ކަމާއި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ ސުޕަވައިޒަރު ކަމާއި، ސީނިއަރ ސުޕަވައިޒަރު ކަމާއި، އެސިސްޓެންޓް އިންޖިނިއަރ ގްރޭޑް 1 ކަމާއި، އިންޖިނިއަރު ކަމާއި، ސަރވިސް އިންޖިނިއަރުކަން ކުރައްވައިފައި ވެއެވެ. 44 އަހަރަށްވުރެ ދިގު މުއްދަތެއްގައި، ދައުލަތަށް އަދި އިންޖީނުގެއަށް ޚިދުމަތް ކުރެއްވުމަށްފަހު، 29 މޭ 2024 ގައި ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، އެ ކުންފުނީގެ ސަރވިސް އިންޖިނިއަރގެ މަގާމުގައެވެ.

ޙަސަން ވަޙީދު، އިންޖީނުގޭގައި ޚިދުމަތް ކުރެއްވިއިރު، ޕަވަރ ޕްލާންޓާއި، ޕަވަރ ޕްލާންޓާ ގުޅުންހުރި ހުރިހާ ތަކެއްޗެއް، އިންޖިނިއަރުންގެ މަޝްވަރާގެ މަތިން މަރާމާތު ކުރައްވައި ބެލެހެއްޓެވުމާއި، ޑީސަލް ޖެނެރޭޓަރުތަކާއި، ލުބޮއިލް ސެޕަރޭޓަރ އަދި އެއަރ ކޮމްޕްރެޝަރ ފަދަ އޮގްޒިލިއަރީ އިކުއިޕްމަންޓުތައް ސަރވިސް ކުރައްވައި ބެލެހެއްޓެވުމުގެ މަސައްކަތް ކުރައްވައިފައި ވެއެވެ. މީގެއިތުރުން، ސީ ވޯޓަރ ސިސްޓަމް، ފިއުލް ސިސްޓަމް އަދި އެއަރ ސިސްޓަމް ފަދަ ނިޒާމުތައް ހުރީ ރަނގަޅު ހާލަތެއްގައިތޯ ބައްލަވައި، މަރާމާތު ކުރެއްވުމާއި، ޑީސެލިނޭޝަން ޕްލާންޓް މެއިންޓެއިންކޮށް ބެލެހެއްޓެވުމުގެ މަސައްކަތާއި، ކުންފުނީގެ ސެންޓްރަލް ސްޓޯރ ބެލެހެއްޓެވުމުގެ މަސައްކަތްވެސް ކުރައްވައިފައި ވެއެވެ.

ޙަސަން ވަޙީދު ފާހަގަވެފައި ވަނީ، ހަވާލުކުރެވޭ ކޮންމެ މަސައްކަތެއްވެސް ވަރަށް ފަރުވާތެރިކަމާއެކުގައި ކުރައްވައިފައިވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި ކުންފުނިން ހިންގި ގިނަ ޕުރޮޖެކްޓުތަކުގައި ޙަސަން ވަޙީދު ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، ކުންފުންޏަށް ފައިދާހުރި ގިނަގުނަ މަސައްކަތްތަކެއްވެސް ކޮށްދެއްވައިފައި ވެއެވެ.