އަލްފާޟިލް މުޙައްމަދު ރިޔާޒް
ވ.ނަލަދުވެލި

 

މުޙައްމަދު ރިޔާޒަކީ، ރާއްޖޭގައި ވޮލީބޯޅަ ކުރިއަރުވައި ތަރައްޤީ ކުރެއްވުމަށް ވަރަށް ހީވާގިކަމާއެކު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ސްކޫލްގައި އުޅުއްވި ދުވަސްވަރު ވޮލީ ކުޅުއްވި ކަމުގައިވިޔަސް، ސްކޫލް ނިންމެވުމަށްފަހު، އޭނާ ފެނިގެންދިޔައީ، ވޮލީ ރެފްރީއެއްގެ ގޮތުންނެވެ. 1993 ވަނަ އަހަރު ވޮލީބޯލް އެސޯސިއޭޝަނުން ހިންގެވި ވޮލީ ރެފްރީން ތަމްރީނު ކުރުމުގެ ކޯހުގައި ރިޔާޒު ބައިވެރިވެވަޑައިގެންނެވި ހިސާބުން ފެށިގެންނެވެ. އެ ކޯހަށްފަހު، އެއަހަރުން ފެށިގެން ރާއްޖޭގައި ބޭއްވުނު އެކިއެކި ވޮލީ މުބާރާތްތަކުގައި ރެފްރީއެއްގެ ގޮތުން ރިޔާޒު ޙަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދެވިއެވެ. އެންމެ ފުރަތަމަ C ލައިސަންސް ރެފްރީއެއްގެ ގޮތުން، އޭނާ މަސައްކަތް ފެށްޓެވިއެވެ. 3 އަހަރު ފަހުން B ލައިސަންސް ރެފްރީއެއްގެ ގޮތުގައި އަދި 1999 އިން ފެށިގެން A ލައިސަންސް ރެފްރީއެއްގެ ގޮތުގައި ޚިދްމަތް ކުރައްވަމުން ގެންދަވާ މުޙައްމަދު ރިޔާޒަކީ، ވޮލީކުޅޭ ގިނަ ކުޅުންތެރިން އިތުބާރުކުރާ ރެފްރީއެކެވެ. އެކަން ރިޔާޒުވަނީ އެތަކެއް މެޗްތަކެއްގައި ސާބިތުކޮށްދެއްވާފައެވެ. 1993 ވަނަ އަހަރުން ފެށިގެން 2007 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ޤައުމީ ފެންވަރުގެ ހުރިހާ ވޮލީބޯޅަ މުބާރާތްތަކެއްގައާއި، އެނޫންވެސް ގިނަ މުބާރާތްތަކެއްގައި ރިޔާޒުވަނީ ރެފްރީކަން ކުރައްވާފައެވެ. 2005 ވަނަ އަހަރުގެ މެއިމަހު، ބައިނަލްއަޤްވާމީ ވޮލީބޯލް ފެޑެރޭޝަންގެ ރެފްރީ ލައިސަންސް މުޙައްމަދު ރިޔާޒަށް ލިބިވަޑައިގެންނެވިއެވެ. އަދި މި ލައިސަންސް ހާސިލު ކުރެއްވި ކަމުގެ ޝަރަފު ހޯއްދެވި ފުރަތަމަ ދިވެހި ވޮލީ ރެފްރީއަކަށް ރިޔާޒު ވެވަޑައިގެންނެވިއެވެ.
 
ރިޔާޒުވަނީ ރާއްޖެއިން ބޭރުގައި ރެފްރީކަމުގެ ތަފާތު ކޯސްތައް ފުރިހަމަކުރައްވައި ތަޖުރިބާ ހޯއްދަވާފައެވެ. އަދި ބައިނަލްއަޤްވާމީ ވޮލީބޯޅަ މުބާރާތްތަކުގައިވެސް ރެފްރީކަން ކުރައްވާފައިވެއެވެ. 1999 ވަނަ އަހަރު ނޭޕާލްގައި ބޭއްވުނު 8 ވަނަ ސާފް ގޭމްސް ވޮލީ މުބާރާތުގަޔާއި، 2004 ވަނަ އަހަރު ސްރީލަންކާގައި ބޭއްވި އޭޝިއަން ޖޫނިއަރ ވޮލީބޯލް ޗެމްޕިއަންޝިޕްގައި ރިޔާޒުވަނީ ރެފްރީކަން ކުރައްވާފައެވެ.
 
މުޙައްމަދު ރިޔާޒުވަނީ ރާއްޖޭގެ ގިނަ އަދަދެއްގެ ވޮލީ ރެފްރީން ތަމްރީނު ކުރައްވާފައެވެ. މިގޮތުން، ރާއްޖޭގެ އެކި ސަރަޙައްދުގައި ވޮލީބޯޅަ ރެފްރީން ތަމްރީނު ކުރެއްވުމަށް ހިންގަވާފައިވާ ޕްރޮގްރާމްތައް ފާހަގަކޮށްލެވެއެވެ. މުޙައްމަދު ރިޔާޒަކީ 1997ން ފެށިގެން ވޮލީބޯލް ރެފްރީ އިންސްޓްރަކްޓަރެއްވެސް މެއެވެ. ޤައުމީ ފެންވަރުގައި ބީޗް ވޮލީބޯޅަ އަލުން ދިވެހިންގެ ތެރެއަށް ތަޢާރުފުކޮށްދެއްވައި، ރާއްޖޭގެ އެކިކަންކޮޅުތަކުގައި، މި ކުޅިވަރު ދިރުވުމުގެ ގޮތުންވެސް ތަފާތު މަސައްކަތްތައް ކުރައްވާފައިވެއެވެ.  
 
ރިޔާޒުވަނީ ވޮލީބޯލް އެސޯސިއޭޝަންގެ ރެފްރީޒް ކޮމިޝަންގެ ސެކްރެޓަރީކަމާއި، ހެޑް ރެފްރީކަމާއި، ޗެއަރމަންކަންވެސް ކުރައްވާފައެވެ. މިއަދު ރިޔާޒަކީ ރާއްޖޭގެ ވޮލީބޯލް އެސޯސިއޭޝަންގެ ރައީސެވެ.  2008 ވަނަ އަހަރު ބޭއްވުނު ވޮލީބޯލް އެސޯސިއޭޝަންގެ ފުރަތަމަ ޢާންމު އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު، މިހާރު ފުރިހަމަކުރައްވަމުން ގެންދަވަނީ، ރައީސްކަމުގެ ދެވަނަ ދައުރެވެ. އެއީ މިދިޔަ އަހަރު ބޭއްވުނު އެސޯސިއޭޝަންގެ ވާދަވެރި އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހުގައެވެ. އޭގެކުރިން އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ކަމާއި، ވައިސް ޗެއަރމަން ކަމުގެ މަޤާމުވެސް ރިޔާޒު ފުރުއްވާފައިވެއެވެ. އަދި ޑިސިޕްލިނަރީ ކޮމިޓީގެ މެންބަރުކަންވެސް އޭނާ ކުރައްވާފައިވެއެވެ.
 
ރިޔާޒު ފާހަގަކުރެވިގެންދަނީ، ވޮލީބޯޅަ ތަރައްޤީ ކުރެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ.  ވޮލީބޯލް އެސޯސިއޭޝަނުން މާލެއާއި އަތޮޅުތަކުގައި ބާއްވާ ޤައުމީ ފެންވަރުގެ ވޮލީ މުބާރާތްތަކާއި، ޒޯން މުބާރާތްތަކާއި، ރިޒޯޓްތަކާއި އޮފީސްތަކުގެ މެދުގައި މުބާރާތްތައް ބާއްވަމުން ގެންދާއިރު، މުބާރާތްތައް ބޭއްވޭ ސަރަޙައްދުތަކަށް ވަޑައިގެން، އެތަނެއްގެ ޙާލަތު ބައްލަވައި، ކަންކަން އިންތިޒާމު ކުރައްވައެވެ. އަދި މިހާރު މިބޭއްވޭ ގިނަ މުބާރާތްތަކަކީ، ސްޕޮންސަރުން ހޯއްދަވައިގެން، އެފަރާތްތަކުން ޚަރަދުކޮށްގެން ހިންގާ މުބާރާތްތައްކަން ފާހަގަކޮށްލެވެއެވެ. މިގޮތުން، ރާއްޖޭގައި ދެވަނައަށް ދެޖިންސުގެ އެންމެގިނަ ބަޔަކު ބައިވެރިވާ އަދި އެންމެ ފޯރިގަދަ އެއް ކުޅިވަރަކީ، ވޮލީ ކަމުގައި ވަނީ ވެފައެވެ.
 
ކުޅިވަރަށް ޚިދްމަތް ކުރެއްވުމުގެ ރޮނގުން 2006 ވަނައަހަރު، ޒުވާނުންގެ ޤައުމީ އިނާމު، މުޙައްމަދު ރިޔާޒަށް ލިބިވަޑައިގެންފައި ވެއެވެ.