ޑޮކްޓަރ ޚަދީޖާ ރަޝީދަށް މި އިނާމު މި އެރުވެނީ، މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާއިން 2021 ވަނަ އަހަރު، ޤާނޫނީ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސޮފީ ހާސިލު ކުރައްވައިފައިވާތީއާއި، ޕީ.އެޗް.ޑީ. އަށް ކުރެއްވި ދިރާސާތަކުގެ އަލީގައި ލިޔުއްވި "ދަ ރިކޮންސިލޮއޭޝަން ޕްރޮސެސް އިން ޑިވޯސް ކޭސަސް އިން މޯލްޑިވްސް: ޗެލަންޖަސް އެންޑް ރިފޯމްސް" ޗެޕްޓަރެއް "ފެމިލީ ލޯ އިން މެލޭޝިއާ އިން ބިއޯންޑް" ފޮތުގައި ޝާއިޢު ކުރައްވައިފައިވާތީއެވެ.
ޑޮކްޓަރ ޚަދީޖާ ރަޝީދުގެ ޕީ.އެޗް.ޑީ. ތީސީސްގެ ދިރާސާއަކީ، ދިވެހިރާއްޖެއަކީ، ދުނިޔޭގެ ނިސްބަތުން ވަރި ގިނަ ޤައުމެއް ކަމުގައި ވެފައި، ވަރި މަދުކުރުމަށް އެންމެ އުނދަގޫ އުފުލަން ޖެހިފައިވާ އެއް ޤައުމު ކަމުގައިވާތީ، ދެމަފިރިން ސުލްހަ ކުރުމުގެ ހަރުދަނާ އުސޫލުތަކެއް ކަނޑައެޅިފައި އޮތުމަކީ، ވަރި މަދުކުރުމަށްޓަކައި އެޅިދާނެ މުހިންމު އެއް ފިޔަވަޅު ކަމަށްވެފައި، ދިވެހިރާއްޖޭގެ ފެމިލީ ކޯޓާއި، މެޖިސްޓްރޭޓް ކޯޓުތަކުގައި، ދެމަފިރިން ސުލްހަ ކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމުގައި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރެވޭތީ، މި ދާއިރާއިން ކުރެވިފައިވާ ދިރާސާއެކެވެ. މިއީ ޢާއިލާއާބެހޭ ކަންކަން ހިންގުމުގެ ނިޒާމުގައި ހުރި ގޮންޖެހުންތައް ތަޙުލީލުކޮށް ސުލްހަކުރުމުގެ މަސައްކަތް ޢަމަލީގޮތުން ކުރުމުގައި ހުރި ދަތި ކަންތައްތައް ދެނެގަނެ، ނިޒާމުގައި ހިމެނޭ، ދެމަފިރިން ސުލްހަ ކުރުމުގެ މަސައްކަތް ކުރެވިދާނެ ގޮތްތަކުގެ ފީޒިބިލިޓީއެއް އެކުލަވައިލުމަށް ކުރެއްވުނު މިފަދަ ފުރަތަމަ ދިރާސާއެވެ.
މި ދިރާސާއަށް މައުލޫމާތު އެއްކުރެއްވުމުގައި ބޭނުންކުރައްވައިފައިވާ ތިން މެތަޑަކީ، އިންޑެޕްތް އިންޓަރވިއުސް، އެކެޑަމިކް ރިވިއުސް އަދި އޮބްޒަރވޭޝަންސްއެވެ.
މި ދިރާސާއިން، މައްސަލަ ހައްލުކުރުމަށްޓަކައި ބޭނުންކުރެވިދާނެ ތަފާތު ހުށަހެޅުންތަކެއް ހޯދުނެވެ. ހަމައެއާއެކު، ޢާއިލާއާބެހޭ ސުލްހައިގެ މައްސަލަތައް ކޯޓުން ބޭރުގައި ހައްލުކުރުމަށްޓަކައި ގޮތްތަކެއް ހޯދި، ރީކޮންސިލިއޭޝަން އަދި މީޑިއޭޝަން، ސިސްޓަމެޓިކް ޕްރޮސެސްއެއްގެ ތެރެއިން ކުރިއަށް ގެންދިޔުމަށްޓަކައި، ދިވެހިރާއްޖޭގައި މީޑިއޭޝަން ސެންޓަރެއް ގާއިމުކުރުމުގެ މުހިންމުކަން ދެނެގަނެވި، މިފަދަ ސެންޓަރެއް ގާއިމުކުރުމަށްޓަކައި ލީގަލް ފްރޭމްވަރކެއް ފަރުމާކުރެވި، ޕްރޮޕޯޒް ކުރެވިފައި ވާނެއެވެ.
ޑޮކްޓަރ ޚަދީޖާ ރަޝީދުގެ ޕީ.އެޗް.ޑީ. ހޯދުންތަކުގެ އަލީގައި، ކައިވެންޏަށް ހޭލުންތެރިކުރުވުމަށް، ޢާއިލާއާ ބެހޭ ކޯޓުން ބާއްވަވާ ސެޝަންތަކުގައި ބައިވެރިވާ ފަރާތްތަކަށް މައުލޫމާތު ދެއްވައި، ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ ބައެއް ކޯޓުތަކުން ހިންގަވާ މައުލޫމާތު ފޯރުކޮށްދިނުމުގެ ސެޝަންތަކަށް އެހީތެރިކަން ދެއްވަމުން ގެންދަވައެވެ.
ޑޮކްޓަރ ޚަދީޖާ ރަޝީދު މިހާރު ހުންނެވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ އެސިސްޓެންޓް ޕްރޮފެސަރގެ މަގާމުގައެވެ.