މި އިނާމު މި އެރުވެނީ، ޑޮކްޓަރ ޢާއިޝަތު ޝިނާ ޔުނިވަރސިޓީ ބްރޫނާއީ ދާރުއްސަލާމުން 2022 ވަނަ އަހަރު، ތަޢުލީމީ ދާއިރާއިން "ޑޮކްޓަރ އޮފް ފިލޯސޮފީ" ހާސިލު ކުރައްވައިފައިވާތީއާއި، ޕީ.އެޗް.ޑީ. އަށް ކުރެއްވި ދިރާސާގެ އަލީގައި ލިޔުއްވި "އިމްޕޯޓަންސް އޮފް ނޮލެޖް ޝެއަރިންގ އިން ހަޔަރ އެޑިޔުކޭޝަން އިންސްޓިޓިއުޝަންސް" ބައިނަލްއަގުވާމީ ޖަރނަލްއެއްގައި ޝާއިޢުކޮށްފައިވާތީއެވެ.
ޑޮކްޓަރ ޝިނާ ލިޔުއްވި ތީސީސް "ނޮލެޖް ޝެއަރިންގ ޕްރެކްޓިސަސް އެންޑް ދެއަރ ކީ ޑިޓަރމިނަންޓްސް: އަ މިކްސްޑް މެތަޑް ސްޓަޑީ އެމޮންގ އެކެޑެމިކްސް އިން މޯލްޑިވްސް" ބިނާކުރައްވައިފައި ވަނީ، ދިވެހިރާއްޖޭގައި މަތީ ތަޢުލީމުދޭ މަރުކަޒުތަކުގައި ކިޔަވައިދެއްވާ ބޭފުޅުންނަށް ލިބިވަޑައިގެންފައިވާ ޢިލްމާއި، ތަޖުރިބާއާއި، ހުނަރާއި ޚިޔާލު އަދި ކިޔަވައިދެއްވުމަށް ބޭނުންކުރައްވާ އެހެނިހެން ވަސީލަތްތައް، އެކަކު އަނެކަކާ ހިއްސާކުރުމުގެ ރޫޙު އޮތް މިންވަރު ދެނެގަނެ، އެކަންކަމަށް މަގުފަހިކުރުވާ ކަންކަމާއި، ދިމާވާ ދަތި އުނދަގޫ ކަންތައްތައް ދެނެގަތުމުގެ މައްޗަށެވެ. މި ދިރާސާގެ ނަތީޖާއިން ދައްކާގޮތުގައި، މި ދެންނެވި ކަންކަން ހިއްސާކުރުމާއި ނުކުރުން ބިނާވެފައިވަނީ، އެކަކު އަނެކަކަށް ކުރާ އިތުބާރުގެ މައްޗަށެވެ. އަދި މި ދިރާސާއިން، އައު ހޯދުމެއްގެ ގޮތުގައި ފާހަގަވެފައި ވަނީ، އަމިއްލަ ނަފްސަށް އިތުބާރު އޮންނަ ފަރާތްތައް، މި ހަރަކާތްތަކުގައި ޝާމިލުވާ މިންވަރުގެ ބޮޑުކަމެވެ.
މި ދިރާސާގެ މުހިންމުކަން ބިނާވެފައި ވަނީ، ޤައުމުގެ މުސްތަޤްބަލު ބިނާވެގެން މި ދަނީ ތަޢުލީމީ ޤާބިލު ދަރީންތަކެއް މުޖުތަމަޢަށް ނެރެވިގެން ކަމުގައިވީ ހިނދު، މިކަން ކުރައްވަން ތިއްބެވި ފަރާތްތަކަކީ، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައިވެސް ބާރުއަޅުއްވައިފައިވާ ފަދައިން، ޢިލްމު ލިބިގަނެ، އެ ޢިލްމު ފަތުރާ ބަޔަކަށްވުމުގެ މައްޗަށެވެ.
ޕީ.އެޗް.ޑީ. ހާސިލު ކުރެއްވުމަށްފަހު، ޑޮކްޓަރ ޝިނާ މިހާރު ހުންނެވީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުއްލިއްޔާ އޮފް އެޑިޔުކޭޝަންގެ ޑީންގެ މަގާމުގައެވެ. ޔުނިވަރސިޓީގެ ތަފާތު ރިސަރޗް މަސައްކަތްތައް ކުރިއަށް ގެންދެވުމުގެ އިތުރުން، ދަރިވަރުންގެ ތީސީސް ސުޕަވައިޒް ކުރެއްވުމުގެ މަސައްކަތްވެސް، ޑޮކްޓަރ ޝިނާ ގެންދަވަނީ ކުރައްވަމުންނެވެ. މީގެއިތުރުންވެސް، ޑޮކްޓަރ ޢާއިޝަތު ޝިނާ ކުރައްވާ ދިރާސާތައް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަފާތު މަންސަތަކުގައި ގެންދަވަނީ، ހިއްސާ ކުރައްވަމުންނެވެ.