މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލް، ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ، 1980ވަނަ އަހަރުގެ ޖުލައި މަހުގެ 3ވަނަ ދުވަހުއެވެ. ލާންސް ކޯޕްރަލް ރޭންކުގައި ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވި، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލް، ދިވެހި ޢަސްކަރިއްޔާގެ އިސް މަގާމުތަކެއް ވަނީ އަދާކުރައްވައިފައެވެ. ޢަސްކަރީ ގިނަ ޔުނިޓުތަކެއްގައި ކޮމާންޑަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން، ކޯސްޓްގާޑުގެ ޑައިރެކްޓަރ ޖެނެރަލް ކަމާއި، ދިވެހި ޢަސްކަރިއްޔާގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމާއި، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު އަދާކުރެއްވިއެވެ. ދިވެހި ޢަސްކަރިއްޔާގެ ޢަސްކަރީ އެންމެ އިސް ކޮމާންޑަރެއްގެ ގޮތުގައި، އެމް.އެން.ޑީ.އެފް.ގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު އަދާކުރެއްވީ، 6 ނޮވެންބަރު 2008 ން 9 ފެބުރުވަރީ 2012 އަށެވެ. މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލް ވަނީ ދިވެހި ޢަސްކަރިއްޔާގައި، 31 އަހަރަށްވުރެ ގިނަ ދުވަހު އިޚުލާޞްތެރިކަމާއި ވަފާތެރިކަމާއެކުގައި ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވައިފައެވެ.
ޢަސްކަރީ ދާއިރާއިން ރާއްޖެއިން ބޭރުން ތަފާތު ގިނަ ކޯސްތަކާއި ތަމްރީނުތައް ފުރިހަމަކުރައްވައިފައިވާ، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަކީ، ދިވެހި ޢަސްކަރިއްޔާގައި އެވަގުތަކަށް ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ މަސައްކަތެއް، އެކަމެއްގެ ލަނޑުދަނޑި ހާސިލުކުރެއްވުމަށްޓަކައި، ދުރަށް ވިސްނައިވަޑައިގެން ކުރެއްވި ނަމޫނާ އިސްވާރެކެވެ. މާގިނަ ވަސީލަތްތަކަކާއި، މާގިނަ ބަޔަކު ނެތި އަދި ޚާއްޞަކޮށް، ޢަސްކަރީ ދާއިރާއިން ތަމްރީނު ވެފައިވާ ސިފައިން ވަރަށް މަދު ދުވަސްވަރެއްގައި، ޢަސްކަރީ ގޮތުން މީހުން ތަމްރީނު ކުރެއްވުމަށާއި، ޢަސްކަރީ ވިސްނުމާއި ފިކުރުގެ ތެރޭގައި ސިފައިން ގެންގުޅުއްވުމަށް ނަމޫނާ މިސާލުން މަގު ދައްކަވައިގެން، ދިވެހި ޢަސްކަރިއްޔާގެ އިންފެންޓްރީ ޔުނިޓުތައް ހިންގެވުމުގައި، ވަރަށް ބުރަ އަދި ކާމިޔާބުކަމާ އެކުގައި ގިނަގުނަ މަސައްކަތްތަކެއް ކުރެއްވިއެވެ. މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލުގެ އަގުހުރި ޢަސްކަރީ ޚިދުމަތްތަކުގެ ތެރެއިން އެންމެ ފާހަގަކުރެވޭ އަދި އެންމެ ކުލަގަދަ ޚިދުމަތަކީ، 1988 ނޮވެންބަރު 3ގެ ޢުދުވާނީ ޙަމަލައިގައި ދިވެހި ޤައުމަށާއި، ދިވެހި ޢަސްކަރިއްޔާއަށް ކޮށްދެއްވި އަގުހުރި ޤައުމީ ޚިދުމަތެވެ.
3 ނޮވެންބަރުގެ ޢުދުވާނީ ޙަމަލާ ކުރިމަތިވިއިރު، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަކީ، ސިފައިންގެ އެތެރޭގައި، ސިފައިންގެ މައި މަރުކަޒުގައި ހުންނެވި ބޭފުޅެކެވެ. އެއީ، އޭރު ސިފައިންގޭގައި އޮންނަ ދެ ޝިފްޓުގެ ތެރެއިން އެއް ޝިފްޓުގެ ކޮމާންޑަރެވެ. ސިފައިންގޭގައި އޭރު އޮތް އިންފެންޓްރީ ޔުނިޓް ކަމުގައިވާ، ޓާސްކް ފޯސްގެ ކޮމާންޑަރެވެ. އަދި އެއީ، ރާއްޖެއިން ބޭރުން ޢަސްކަރީ ތަމްރީނު ފުރިހަމަކުރައްވައިފައި ސިފައިންގޭގައި އޭރު ތިއްބެވި މަދު އޮފިސަރުންގެ ތެރެއިން ޒުވާން އޮފިސަރެކެވެ. ދުޝްމަނުން، ސިފައިންގެ މައި މަރުކަޒަށް ޙަމަލާދޭން ފެށުމުން، ހަތިޔާރު ނަގައިގެން އެންމެ އަވަހަށް ދުޝްމަނުންނާ ދެކޮޅަށް ޙަމަލާ ދެއްވަން ފެށްޓެވި ބޭފުޅުންގެ ތެރޭގައި، އޭރު ލެފްޓިނަންޓް ރޭންކުގައި ހުންނެވި، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލް ހިމެނިވަޑައިގެންނެވިއެވެ. އެ ޙަމަލާގެ ވަރަށް ކުރީކޮޅުގައި، ދުޝްމަނުން، ފުލުސް އޮފީހުގެ ސަރަހައްދަށް ރޮކެޓުން ދިން ޙަމަލާއެއްގައި، ބުރައިގެން އައި އެތިކޮޅަކުން ޖެހިފައި، އެމަނިކުފާނުގެ ވާތުފައި ދެ ތަނަކުން ޒަޚަމުވިއެވެ. އަދި ފައިތިލައަށާއި، ފައިގެ ކަކުލުހުޅުން ތިރިއަށް އެތިކޮޅެއް ވަދެ ޒަޚަމުވި ނަމަވެސް، އެންމެ ތަންފުކެއްވެސް ހިތްވަރު ދޫނުކުރައްވައި، އެންމެ ކުރީ ސަފުގައި ހުންނަވައިގެން ދުޝްމަނުންނާ ދެކޮޅަށް ޖިހާދު ކުރެއްވިއެވެ. ސިފައިންގެ އެތެރޭގެ ކޮމާންޑަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އޭރުގެ މޭޖަރ މުޙައްމަދު ޒާހިރު އެންގެވި ކޮންމެ ކަމެއް، ފަސްޖެހުމެއްނެތި ކުރެއްވުމުގައި، އެ މަނިކުފާނުގެ އަރިހުގައި ދެމިހުންނެވިއެވެ. އަދި އެ ޖިހާދު ކުރިއަށް ގެންދަން ފެނިވަޑައިގަންނަވާ ގޮތުގެ ލަފައާއި މަޝްވަރާ ދެއްވައި، އެންމެ ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ދެއްވި އެއް ބޭފުޅަކީ، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލެވެ.
3 ނޮވެންބަރުގެ ޢުދުވާނީ ޙަމަލައިގައި ސިފައިންގެ މަގުމަތީފާރުގެ ހުޅަނގު ދެކުނު ކަން، ދުޝްމަނުން ގޮއްވާލުމުން، އެ ތަނުން، ދުޝްމަނުން ވަނަނުދީ، އެ ބާގަނޑު ކަވަރުކުރުމަށް ކުރެއްވި މަސައްކަތާއި، ދުޝްމަނުން ޙަމަލާދޭ ގޮތްތައް ދެނެގަނެ، ދުޝްމަނުންނަށް ރައްދުގައި ޙަމަލާދިނުމަށް ސިފައިން ބައިތިއްބާނެ މަގާމުތައް ކަނޑައަޅުއްވައި، އެތަންތަނުގައި ސިފައިން ބައިތިއްބައި، ސިފައިންގެ މައި މަރުކަޒު ދިފާޢު ކުރެއްވުމަށްޓަކައި ކުރެއްވި މަސައްކަތްތައްވެސް ފާހަގަކޮށްލަން ޖެހެއެވެ. މީގެތެރެއިންވެސް، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލުގެ އެންމެ ފާހަގަކޮށްލެވޭ އަދި ހިތްވަރުގަދަ ޚިދުމަތަކީ، ދުޝްމަނުން ސިފައިންގެއަށް ޙަމަލާދެމުން ގެންދަނިކޮށް، ދުޝްމަނުންގެ ހަރަކާތްތައް ހުރިގޮތް ބެއްލެވުމަށް އަމިއްލަފުޅަށް އެދިވަޑައިގެން، ރެކީ ޕެޓްރޯލަށް ސިފައިންގެއިން ބޭރަށް ނުކުތް ހިތްވަރުގަދަ ފަހުލަވާނުންގެ ކޮމާންޑަރެއްގެ ގޮތުގައި ނުކުމެވަޑައިގެންނެވުމެވެ. އެންމެ ފުރަތަމަ، ސިފައިންގެ ވެހިކަލެއްގައި ނުކުންނެވުމަށް ކުރެއްވި މަސައްކަތް ނާކާމިޔާބުވުމުން، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލާއި، އެ މަނިކުފާނުގެ އަރިހުގައި ސިފައިންގެ މަރުކަޒުން ބޭރަށް ނުކުތް ހިތްވަރުގަދަ ސިފައިން ބޭރަށް ނުކުތީ، ފައިމަގުގައެވެ. ދުޝްމަނުންގެ ޙަމަލާތަކުގެ ކުރިމައްޗަށް، ދީނާއި ވަޠަންގެ ދިފާޢުގައި، ފުރާނައަށް ބެލުމެއްނެތި ނުކުންނެވި ހިތްވަރުގަދަ ސިފައިންގެ ތެރެއިން ތިން ބޭފުޅުން ޝަހީދުވިއެވެ. އެހެންނަމަވެސް، ދުޝްމަނުން ރާއްޖެ ދޫކޮށް ފިލައިގެން ދިޔުމުގެ މަސައްކަތް ފެށީ، އެ ހިތްވަރުގަދަ އަދި ޖެހިލުންކުޑަ ޖިހާދުގެ ސަބަބުންނެވެ. އެއީ، ސިފައިންގެ ތެރެއިން ބަޔަކު ހަތިޔާރާއެކުގައި މާލެތެރެއަށް ނުކުމެއްޖެ ކަމާއި، މާލެތެރޭގައި ދުޝްމަނުންނަށް ދެން އަމާންކަމެއް ނެތްކަން އެނގުނު ހިސާބުންނެވެ.
މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލް، ދިވެހި ޢަސްކަރިއްޔާގައި އިޚުލާޞްތެރިކަމާ އެކުގައި އަދާކުރެއްވި ޤައުމީ ޚިދުމަތާއި، ދެއްކެވި މަތިވެރި އަޚުލާޤުގެ ސަބަބުން، ޝަރަފުގެ ނިޝާނުގެ ގޮތުގައި، 9 ކުލައާއި، 11 މެޑެލް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި، ޚާއްޞަ ޚިދުމަތުގެ ކުލަ، ރައީސުލްޖުމްހޫރިއްޔާގެ ކުލަ، ކާމިޔާބުގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ، އިޚުލާޞްތެރި ޚިދުމަތުގެ ކުލަ، ސިފައިންގެ ޚިދުމަތުގެ ކުލަ، އަޚުލާޤީ ކުލަ ހިމެނެއެވެ. މީގެތެރެއިން ކާމިޔާބުގެ ކުލައާއި، އަޚުލާޤީ ކުލަ، ދެފަހަރު ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، 3 ނޮވެންބަރުގެ މެޑެލް، ޖިހާދުގެ ރަތް މެޑެލް، ހުރަވީ ރަން މެޑެލް، ސައްތައިގެ މެޑެލް، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެލް، މަތިވެރި ޚިދުމަތުގެ މެޑެލް، ރައީސުލްޖުމްހޫރިއްޔާގެ މެޑެލް، އިޚުލާޞްތެރި ޚިދުމަތުގެ މެޑެލް، ސިފައިންގެ ޚިދުމަތުގެ މެޑެލް، އަޚުލާޤީ މެޑެލް އަދި ނަމޫނާ ޢަސްކަރީ އިސް ޚިދުމަތްތެރިންގެ މެޑެލް ހިމެނެއެވެ.
މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަކީ، ދިވެހިރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ކަމުގެ މަގާމު 19 މޭ 2014އިން ފެށިގެން 20 ޖަނަވަރީ 2015 އަށް އަދާކުރައްވައިފައިވާ ބޭފުޅެއްވެސް މެއެވެ.
މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލް، ދިވެހި ޢަސްކަރިއްޔާގައި ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު، ޝަރަފުވެރިކަމާ އެކުގައި ރިޓަޔަރ ކުރެއްވީ، 9 ފެބުރުވަރީ 2012 ގައެވެ. އޭގެފަހުން، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ މަގާމުގައި ހުންނަވައި، އެ ހައިސިއްޔަތުންވެސް ދިވެހި ޢަސްކަރިއްޔާއަށް ވަނީ، އަގުހުރި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައެވެ. އެ މަގާމު އަދާކުރައްވައިފައި ވަނީ 20 ޖަނަވަރީ 2015 އިން 14 އޮކްޓޫބަރު 2015 އަށެވެ.