ރައްޔާން އަޙްމަދު މުޙައްމަދު، ކީރިތި ޤުރްއާން ހިތުދަސްކުރުމުގެ ޝައުޤުވެރިކަން އުފެދުނީ، ގޭތެރޭގައި ކުދިންނަށް މާމަ ޤުރްއާން ކިޔަވައިދެއްވާ ތަން ފެނި، ގޭގެ އެންމެންވެސް ޤުރްއާން ކިޔެވުމުގައި ގިނަ ވަގުތު ހޭދަކުރަމުން ގެންދާތީއެވެ. ޤުރްއާން ހިތުދަސްކުރަމުން ގެންދިޔައީ، ހެނދުނުގެ ވަގުތުގައްޔާއި، މަޣްރިބު ނަމާދާއި ޢިޝާ ނަމާދާ ދެމެދުގެ ވަގުތުތަކުގައެވެ. ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ޙިފްޡު ކުލާހުގައި ރައްޔާން ބައިވެރިވީ، 2016ވަނަ އަހަރުގެ ތެރޭގައެވެ. ޙިފްޡުކޮށް ނިމުނީ، އުމުރުން 12 އަހަރުގައި 2020ވަނަ އަހަރުއެވެ. ދުވާލަކު ފޮތެއް މުރާޖަޢާ ކުރަމުން ގެންގޮސް، މުރާޖަޢާ ކުލާހުގައި ކިޔަވަމުން ގެންދަނިކޮށް، ރައްޔާންގެ ދިރިއުޅުން މެލޭޝިޔާއަށް ބަދަލުވުމާ ގުޅިގެން، ދެން އޮތް ބައި ކުރިއަށް ގެންދިޔައީ، މެލޭޝިޔާގައެވެ.
ރައްޔާން އަޙްމަދަށް، ޤުރްއާން ހިތުދަސްކުރުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ، މައިންބަފައިންނާއި، ޢާއިލާގެ މެންބަރުންނާއި، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ މެންބަރުންގެ ފަރާތުންނެވެ. މީގެއިތުރުން، ރައްޔާން މިހާރު ކިޔަވަމުން ގެންދާ މެލޭޝިޔާގެ ސެވެން ސްކައިސް އިސްލާމިކް އިންޓަރނޭޝަނަލް ސްކޫލްގެ އުސްތާޒުންގެ ފަރާތުންނެވެ.
ރައްޔާން އަޙްމަދު، އެއްވަނަ ދަރަޖައިގައި ފާސްވެ، ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރީ، 7 އޮގަސްޓު 2024 ގައެވެ.