އާސިރު ޢާރިފް ޔޫސުފް، ކީރިތި ޤުރްއާން ހިތުދަސްކުރުމަށް ޝައުޤުވެރިކަން އުފެދުނީ، ނަރސަރީގައި ކިޔެވި ސްކޫލް ކަމަށްވާ، ނައިފަރު ލައިފް ލޯންގ ލަރނިންގ ޕްރީސްކޫލް (އެލް.އެލް.ޕީ.) ގައި ކިޔެވި ދުވަސްވަރުއެވެ. އެ ސްކޫލްގައި ޤައުމީ މަންހަޖަށް ކިޔަވައިދިނުމުގައި، ޢައްމާ ފޮތް ދަސްކުރުމުގެ އިތުރުން، ޢަރަބި ބަސް އުނގަންނައިދެއެވެ. އެހެންކަމުން، ކީރިތި ޤުރްއާން ހިތުދަސްކުރަން ފެށުމުން، އެކަމަށް ޝައުޤުވެރިކަން އިތުރުވެ، ދަސްކުރަން ފަސޭހަވެގެން ދިޔަކަން، އާސިރަށް ފާހަގަކުރެވުނެވެ. އަމިއްލައަށް އަދި ޤުރްއާން ކުލާސްތަކުގައި ބައިވެރިވެގެން ހިތުދަސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ.
ޤުރްއާން ހިތުދަސްކުރުމުގައި، އާންމު ގޮތެއްގައި ފަތިސް ނަމާދަށްފަހު، ގަޑިއެއްހާއިރު ހޭދަކުރެއެވެ. އަދި، ކޮންމެ ދުވަހަކު ސަފުހާއެއް ހިތުދަސްކޮށް، އޭގެ ކުރީ ދެ ދުވަހު ދަސްކުރި ދެ ސަފުހާއާއެކު ކިޔައިދެމުން ގެންދިޔައެވެ.
ކީރިތި ޤުރްއާން އެއްކޮށް ހިތުދަސްކޮށް ނިމުނީ، 2023ވަނަ އަހަރުގެ ތެރޭގައެވެ. އޭރު އާސިރުގެ އުމުރަކީ 14 އަހަރެވެ. ޤުރްއާން މުރާޖަޢާ ކުރުމުގައި، އާސިރު ދެގޮތެއް ޚިޔާރުކުރިއެވެ. އެއީ، ކުރު މުރާޖަޢާ ކުރުމާއި، ދިގު މުރާޖަޢާ ކުރުމެވެ. މުރާޖަޢާ ކުރުމަށް އަހަރެއްހާ ދުވަސް ހޭދަވިއެވެ.
ކީރިތި ޤުރްއާން ހިތުދަސްކުރުމުގައި، އާސިރަށް ވަރަށްގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބުނެވެ. ޚާއްޞަކޮށް، މަންމައާއި ބައްޕަ ދެއްވި އެހީތެރިކަމާއި އެއްބާރުލުން ޝުކުރުވެރިކަމާއެކު އާސިރު ފާހަގަކުރެއެވެ.
އާސިރު ޢާރިފް ޔޫސުފް، 1 ވަނަ ދަރަޖައިގައި ފާސްވެ، ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރީ، 3 ޖުލައި 2024 ގައެވެ.