މޫނިސާ ޢަބްދުއްރަޙީމް، ސްކޫލްގައި ކިޔަވައި ވިދާޅުވި ދުވަސްވަރު، ކީރިތި ޤުރްއާނުން 10 ފޮތް ހިތުން ދަސްކުރައްވައިފައިވާތީ، ޤުރްއާން އެކީގައި ދަސްކުރެއްވުމުގެ ޝައުޤުވެރިކަން ހިތްޕުޅުގައި އުފެދި، 2016ވަނަ އަހަރު ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ޙިފްޡު ކުލާހުގައި ބައިވެރިވެވަޑައިގެން، ޤުރްއާން ހިތުދަސްކުރައްވަން ފެށްޓެވިއެވެ.
މޫނިސާ ޢަބްދުއްރަޙީމް، ކީރިތި ޤުރްއާން ހިތުދަސްކުރައްވަމުން ގެންދެވީ، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ގަވާއިދުގައިވާ ގޮތަށް، ފިލާވަޅު ކިޔައިދެއްވަމުން، ދަސްކުރެއްވި ފޮތްތައް، ދިގު މުރާޖަޢާއެއްގެ ގޮތުގައި ކިޔުއްވައި ދެއްވަމުންނެވެ. ޤުރްއާން އެކީގައި ހިތުދަސްކުރައްވައި ނިންމަވައިލެއްވީ، 5 އަހަރެއްހައި ދުވަހުގެ ތެރޭގައެވެ. ކޯވިޑާ ގުޅިގެން، ކުލާސްތަކުގެ ކިޔެވުން މެދުކަނޑައިލުމާއެކު، ކިޔެވުމަށް މަޑުޖެހުމެއް އައުމަށްފަހު، 2023ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި މުރާޖަޢާ ކުލާހުން ފުރުޞަތު ލިބިވަޑައިގެންނެވިއެވެ. އިމްތިޙާނުގައި ބައިވެރިވެވަޑައިގަތީ، 2024ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައެވެ.
މޫނިސާ ޢަބްދުއްރަޙީމް، ކީރިތި ޤުރްއާން ހިތުދަސްކުރައްވަން ފެށްޓެވުމުގައި، މަންމައާއި ބައްޕަ އަދި ފިރިކަލުންނާއި، ޢާއިލާއިން ކޮށްދެއްވި މަސައްކަތާއި، ކިޔަވައިދެއްވި މުދައްރިސުން ދެއްވި ހިތްވަރު ޚާއްޞަގޮތެއްގައި ފާހަގަކުރައްވައެވެ.
މޫނިސާ ޢަބްދުއްރަޙީމް، އެއްވަނަ ދަރަޖައިގައި ފާސްވެ، ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރެއްވީ، 6 ޖޫން 2024 ގައެވެ.