ކީރިތި ޤުރްއާން ހިތުދަސްކުރުމަށް ޝައުޤުވެރިވީ، އިޒްކާން ޙާފިޡަކަށް ހެދުމަށްޓަކައި އެންމެ ކުޑައިރު މަންމަ ފެށްޓެވި މަސައްކަތުގެ ތެރެއިންނެވެ. އިޒްކާން، ޤުރްއާން ހިތުދަސްކުރަމުން ގެންދިޔައީ، ވަކި ގަޑިތަކަކަށް ބަހައިލައިގެންނެއް ނޫނެވެ. ނަމަވެސް، ކޮންމެ ދުވަހަކުވެސް ދެފަހަރު ނުވަތަ އެއަށްވުރެ ގިނަ ފަހަރު ކިޔެވޭތޯ ބަލަމުންނެވެ. ގޭގައި ދަސްކުރުމަށްފަހު، ޢިލްމު އިންސްޓިޓިއުޓްގައި ބައިވެރިވެގެން ކިޔެވުން ކުރިއަށް ގެންދިޔައެވެ.
އިޒްކާން ޢަޖީބް ޙުސައިން، ކީރިތި ޤުރްއާން ހިތުދަސްކޮށް ނިންމީ، 2022ވަނަ އަހަރު، އުމުރުން 10 އަހަރުގައެވެ. އޭގެފަހުން ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގައި މުރާޖަޢާ ކުރުމަށް 4 މަހެއްހާ ދުވަސް ހޭދަކުރިއެވެ. އަދި މުރާޖަޢާ ކުރުމަށް ކޮންމެ ދުވަހަކުވެސް ގޭގައި ދެ ގަޑިއެއްހާއިރު ހޭދަކުރިއެވެ.
އިޒްކާނަށް ކީރިތި ޤުރްއާން ހިތުދަސްކޮށްދިނުމަށް މަންމަ ކޮށްދެއްވި މަސައްކަތާއި، ބައްޕަ އެކަމަށް ދެއްވި އެއްބާރުލުން ފާހަގަކުރެއެވެ. އަދި، ޤުރްއާން ހިތުދަސްވުމާ ހަމަޔަށް، ޢިލްމު އިންސްޓިޓިއުޓުން ދެއްވި އެއްބާރުލެއްވުމާއި، ހުރިހާ މުދައްރިސުން ކޮށްދެއްވި މަސައްކަތްވެސް އިޒްކާން ފާހަގަކުރެއެވެ.
އިޒްކާން ޢަޖީބް ޙުސައިން، އެއްވަނަ ދަރަޖައިގައި ފާސްވެ، ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރީ، 18 ފެބުރުވަރީ 2024 ގައެވެ.