ކީރިތި ޤުރްއާން ހިތުދަސްކުރެއްވުމަކީ، މާތްﷲ އަށްޓަކައި އަޅުކަމެއްގެ ގޮތުންނާއި، އަދި ސަޢުދިއްޔާ މޫސާގެ ލޯބިވާ މައިންބަފައިންނަށްޓަކައި އަބަދުވެސް ވަރަށް ކުރައްވަން ބޭނުންފުޅުވި ކަމެކެވެ. ޤުރްއާން ހިތުދަސްކުރައްވަން އެންމެ ފުރަތަމަ ފެށްޓެވީ، އުމުރުން 35 އަހަރުގައި، 2005ވަނަ އަހަރުއެވެ. ފުރަތަމަ ހިތުދަސްކުރެއްވީ ގޭގައެވެ. ދުވާލާއި ރޭގަނޑު ވަގުތު ލިބިވަޑައިގެންނެވި މިންވަރަކުން ކިޔެވުން ކުރިއަށް ގެންދެވިއެވެ. މިގޮތުން، އަމިއްލައަށް 15 ފޮތް ހިތުދަސްކުރެއްވުމަށްފަހު، 2017ވަނަ އަހަރުގެ ތެރޭގައި ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ޙިފްޡު ކުލާހުގައި ބައިވެރިވެވަޑައިގެން، ޤުރްއާން ހިތުދަސްކުރައްވައި ނިންމެވީ، އުމުރުން 49 އަހަރުގައެވެ. ކޯވިޑުގެ ހާލަތާ ގުޅިގެން، މުރާޖަޢާ ކުލާހަށް ވަޑައިގަތުމުގައި ދިމާވި ލަސްތަކެއްގެ ސަބަބުން މުރާޖަޢާ ކުލާހަށް ވަޑައިގަންނަވަން ފެށްޓެވުނީ، 2023ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެއަށްފަހު، ޙިފްޡު ކޮމިޓީއަށް ކިޔުއްވައި ދެއްވައި ނިންމެވީ، އެ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.
ސަޢުދިއްޔާ މޫސާ، ކީރިތި ޤުރްއާން ހިތުދަސްކުރެއްވުމުގައި ހޭދަކުރެއްވި މުއްދަތުގައި، އެންމެބޮޑު ހިތްވަރަކާއި އެހީތެރިކަމެއް ދެއްވީ، ފިރިކަލުންނާއި، ޢާއިލާގެ ފަރާތުންކަން ފާހަގަކުރައްވައެވެ. އަދި މިކަމުގައި މުދައްރިސުންނާއި، އެހެން ފަރާތްތަކުން ލިބިވަޑައިގެންނެވި އެހީތެރިކަންވެސް ފާހަގަކުރައްވައެވެ.
ސަޢުދިއްޔާ މޫސާ، އެއްވަނަ ދަރަޖައިގައި ފާސްވެގެން، ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރެއްވީ، 30 ނޮވެންބަރު 2023 ގައެވެ.