ޢަބްދުﷲ ރަޝީދު، ކީރިތި ޤުރްއާން ހިތުދަސްކުރައްވަން ފެށްޓެވީ، 1 ޖަނަވަރީ 1976 ގައެވެ. އެއީ، އިންޑިޔާގެ ގުޖްރާތުގެ ތަރާޖުގައި ހުންނަ މަދްރަސާ މިފްތާޙުލް ޢުލޫމުންނެވެ. އެ މަދަރުސާގެ ޙިފްޡު ކުލާހުގައި ބައިވެރިވެވަޑައިގެން، ކީރިތި ޤުރްއާން ހިތުދަސްކުރައްވަން ފެށްޓެވީ، ވަރަށް ބޮޑު ޝައުޤުވެރިކަމަކާ އެކުގައެވެ. ދުވާލާއި ރޭގަނޑުގެ ގިނަ ވަގުތުތަކުގައި ޤުރްއާން ހިތުދަސް ކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. މާތްﷲގެ ރަޙްމަތްފުޅާއި ވާގިފުޅާއެކު، ޢަބްދުﷲ ރަޝީދު ޤުރްއާން ހިތުދަސްކުރައްވައި ނިންމެވީ، 1979ވަނަ އަހަރުގެ ތެރޭގައެވެ. އޭރު އުމުރަކީ 15 އަހަރެވެ. ކީރިތި ޤުރްއާން މުރާޖަޢާ ކުރެއްވުމަށްޓަކައި އަހަރެއްހާ ދުވަސް ހޭދަކުރެއްވިއެވެ.
ޢަބްދުﷲ ރަޝީދު، ޤުރްއާން ހިތުދަސްކުރެއްވުމަށްޓަކައި އެހީތެރިވެދެއްވި މައިންބަފައިންނާއި، ޢާއިލާގެ މެންބަރުންނާއި، އުސްތާޒުންނާއި، ރަޙްމަތްތެރިން ކޮށްދެއްވި މަސައްކަތް ފާހަގަކުރައްވައެވެ.
ޢަބްދުﷲ ރަޝީދު، އެއްވަނަ ދަރަޖައިގައި ފާސްވެ، ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރެއްވީ، 27 ސެޕްޓެންބަރު 2023 ގައެވެ.