ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީން

ހިޖުރީ ސަނަތުން 548ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހަށް ދިވެހި ޖައްވު ލޯހުޅުވައިލީ، ދިވެހި ޤައުމިއްޔަތުގެ އެންމެ އަސާސީ އެއް ބިންގާ ކަމުގައިވާ، މާތްވެގެންވާ އިސްލާމްދީނުގެ އިރު، ދިވެހި އުދަރެހުން ނިރާލުމާވެސްއެކު، އަދި މާތްވެގެންވާ އިސްލާމްދީނުގެ އަލިގަދަ ދަންމަރުން އަލިކޮށްދެމުންނެވެ. މީގެ 898 އަހަރު ކުރިން ދިއްލުނު، ޤައުމިއްޔަތުގެ މި ހުޅުކޮޅު ނިވުނަ ނުދެއްވައި، ދިވެހިރާއްޖޭގެ ކަންކޮޅުތަކަށް ފަތުރައިލަ ދެއްވުމަށް ﷲގެ ރަޙްމަތްފުޅާއެކު މަސައްކަތްޕުޅުތަކެއް ކޮށްދެއްވި، ގިނަ ބޭފުޅުންތަކެއް ދިވެހިރާއްޖޭގެ ތާރީޚުގެ ފަތްފުށްތަކުގައި ލިޔެވިފައި ވެއެވެ.

އޭގެތެރެއިންވެސް ވަރަށް މުހިންމު މަސައްކަތްޕުޅެއް ކޮށްދެއްވި އެއް ބޭފުޅަކީ، މާލޭ ބޮޑުގަލުގޭ މޫސާދީދީގެ ދޮށީ ދަރިކަލުން ދަރަވަންދޫގޭ ޙުސައިން ދީދީ، ނުވަތަ ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނެވެ. ޞަލާޙުއްދީނުގެ މައިކަނބަލަކީ، ދަރަވަންދޫ ކާސިން ކަލޭފާނުގެ ދޮންކަލޭފާނުގެ ޙައްވާ ތުއްތު މަނިކެއެވެ.

ޙުއްބުލްވަޠަންގެ ނަޣަރާގެ އަޑު، ކަނޑުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް، ރާއްޖޭގެ އުތުރުން ދެކުނަށް، 20ވަނަ ޤަރުނުގެ ތެރޭގައި، ގުގުމަމުން ދިޔައިރު، ޤައުމާއި ވަޠަން ދެކެ ލޯބިވުމުގެ ޝިޢާރު، މުޅި ދިވެހި އުންމަތަށް ފަތުރައިލަ ދެއްވި ދީނީ ޢިލްމުވެރިޔަކީ، އަދި އަދީބަކީ، ޝާޢިރަކީ، މީގެ 143 އަހަރު ކުރީން އައި މޭ މަހެއްގެ 11ވަނަ ދުވަހު އާދެ، މީލާދީގޮތުން 1881ވަނަ އަހަރު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނެވެ.

ޙުސައިން ޞަލާޙުއްދީން ކިޔަވާވިދާޅުވީ، އައްޑުއަތޮޅު އެ ބޭފުޅަކަށްޓަކައި ފަޚުރުވެރިވާ، ދޮންބެއްޔާގެ އަރިހުންނެވެ. އާދެ، ދޮންބެއްޔާއަކީ ކީރިތި ޤުރްއާން ހިތުދަސް ބޭފުޅެއް، ބޭސްވެރިއެއް، އަދި ނުޖޫމީ ޢިލްމުވެރިއެކެވެ. ދޮންބެއްޔާގެ ޢިލްމީ ކޫޒުން މިންވަރެއް ލިބިވަޑައިގެން، ޙުސައިން ޞަލާޙުއްދީން މާލެ ވަޑައިގަތުމަށްފަހު، ޖަމާލުއްދީން ނައިބުތުއްތުގެ އަރިހުންވެސް ކިޔަވައި ވިދާޅުވިއެވެ. ޞަލާޙުއްދީނަކީ ނައިބުތުއްތުއަށް ލިބިވަޑައިގެންފައިވާ ހުރިހާ ޢިލްމެއް އުނގަންނައި ދެވިފައިވާ ބޭފުޅެއް ކަމުގައި، ނައިބުތުއްތު ވަނީ ވިދާޅުވެފައެވެ.

ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނުގެ ޢިލްމީ ކަނޑުގެ ފުންމިން ދެނެގަތުމަށްޓަކައި ދެން އަޅުގަނޑުމެން ދާންޖެހެނީ، މާތްވެގެންވާ ޙިޖާޒުކަރަޔާ ހަމަޔަށެވެ. ދޮންބެއްޔާއާއި، ނައިބުތުއްތުގެ ފަރާތްޕުޅުން ލިބިވަޑައިގެންނެވި ޢިލްމީ އަލިކަމާއެކުގައި ޞަލާޙުއްދީން ދެން އެ ބިމުގައި ހުންނަވައިގެން، ފުންނާބު އުސް ދަތުރުފުޅު ކުރެއްވީ ޙިޖާޒުކަރަޔަށެވެ. އެ މާތް ބިމުގައި ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްފަހު، ދީނީ ޢިލްމުވެރީންގެ އަރިހުން ދީނީ ޢިލްމާއި ޢަރަބިބަސް އިތުރަށް އުނގެނިވަޑައިގެންނެވިއެވެ. ޞަލާޙުއްދީނަށް ކިޔަވައިދެއްވި ޢިލްމުވެރީންގެ ތެރޭގައި، ޢައްލާމާ މުޙައްމަދު ޙަބީބުﷲ އައްސިންގީތީއާއި، އަލްޢައްލާމާ ސައްޔިދު ޒައިނީ ދަޙްލާން ފަދަ މަޝްހޫރު ބޭބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

މައްކާގެ ބަރަކާތްތެރި ބިމުގައި ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު، އެނބުރި އަމިއްލަފުޅު ޤައުމަށް، ދިވެހިރާއްޖެއަށް ވަޑައިގެން ފުރަތަމަވެސް ފެށްޓެވީ، ދިވެހި ދަރީންނަށް ދީނީ ޢިލްމު އުނގަންނަވައި ދެއްވުމުގެ ބުރަ މަސައްކަތްޕުޅެވެ. މިކަމަށްޓަކައި މުޅިން އަމިއްލަފުޅު ގޮތުން ދަރަވަންދޫގޭގައްޔާއި، ޓަކިބެ މިސްކިތުގައްޔާއި އަދި ބައެއްފަހަރަށް ބަގީޗާގޭގައި ކިލާސްތައް ހައްދަވައިގެން ކިޔަވައިދެއްވަމުން ގެންދެވިއެވެ. ނަތީޖާއަކަށްވީ މާގިނަ ދުވަސްތަކެއްނުވެ، މަދަރުސަތުއް ޞަލާޙިއްޔާގެ ނަމުގައި ކިތަންމެ ކުޑަނަމަވެސް މަދަރުސާއެއް ހުޅުވިގެން ދިޔުމެވެ. އޭގެފަހުން، މީލާދީން 1927ވަނަ އަހަރު ރާއްޖޭގައި ހުޅުވުނު ފުރަތަމަ މަދަރުސާ، މަދަރުސަތުއް ސަނިއްޔާގެ ފުރަތަމަ ނާޡިރަކީވެސް ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނެވެ.

އެ މަނިކުފާނުގެ މި އާދަޔާ ޚިލާފު ޢިލްމީ މަސައްކަތްޕުޅުގެ ނަތީޖާއެއްގެ ގޮތުން އުފެދުނު ޢިލްމީ ޤާބިލު ދަރިވަރުންގެ ތެރޭގައި، އައްސައްޔިދު އަލްމަރްޙޫމް ބޮޑުފެންވަޅުގޭ ސީދީ، އަލްއުސްތާޛު އަލްމަރްޙޫމް އަޙްމަދު ކާމިލު ދީދީ، އަލްފާޟިލް އަލްމަރްޙޫމް ޙުސައިން ޙިލްމީ ދީދީ، އައްސައްޔިދު އަލްމަރްޙޫމް ޢަބްދުލްޤައްޔޫމް ދޮންސީދީ، އައްޝައިޚް އަލްމަރްޙޫމް މަލިމް މުޙައްމަދު ދީދީއާއި، އައްޝައިޚް އަލްމަރްޙޫމް އިބްރާހީމް މަލިމް މޫސާ ކަލޭފާނު ފަދަ ބޭބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ.

ދިވެހި ދަރީންނަށް އެ މަނިކުފާނު ކުރެއްވި އެންމެ އަގުބޮޑު ހަދިޔާއަކީ، އެ މަނިކުފާނު މި ފަނާވަނިވި ޢާލަމާ ވަކިވެވަޑައިގެންނެވި ނަމަވެސް، ދިވެހި އުންމަތުގައި އިސްލާމިއްޔަ ނޫރު އަބަދާއިއަބަދު ވިދަވިދާ ހުންނާނޭ ފަދަ ހަދިޔާއެކެވެ. އަދި ޤައުމިއްޔަތުގެ ރޫޙު އަބަދަށްމެ ދިރެމުންދާނޭ މަތިވެރި ޚިދުމަތެކެވެ. އެއީ، އެ މަނިކުފާނު ދިވެހި ދަރީންގެ ޖީލުތަކަށް ކޮށްދެއްވި، ދިރިދެމި ހުންނާނޭ ހަދިޔާއެކެވެ. އާދެ، އެއީ، ކީރިތި ރަސޫލާގެ ސިޔަރަތުގެ ދިވެހި ތަރުޖަމާއެވެ.

މި ބޮޑު މަސައްކަތްޕުޅާ އެ މަނިކުފާނު ކުރިމަތިލެއްވިގޮތާ، އެކަމާމެދު ވިސްނުންފުޅު ގެންގުޅުއްވި ގޮތްވެސް ވަނީ، ކީރިތި ރަސޫލާގެ ސިޔަރަތުގެ ދިވެހި ތަރުޖަމާ ފަށްޓަވަމުން، ހިޖުރީގޮތުން ހާހާ ތިންސަތޭކަ ފަންސާސް ހަވަނަ އަހަރު، އާދެ، މީލާދީން 1937ވަނަ އަހަރު، ސީރަތުގެ ތަރުޖަމާގެ ދީބާޖާގައި ވިދާޅުވެދެއްވައިފައެވެ. އެ މަނިކުފާނުގެ ހިތްޕުޅުގައި މާތްވެގެންވާ އިސްލާމްދީނަށާއި، ދިވެހި ޤައުމުގެ ޙައްޤުގައި އުފެދި ދިރެމުންދިޔަ ލޯބީގެ ލޮބުވެތި ޢިބާރާތްކޮޅު ފަށްޓަވައިފައި ވަނީ މި ދަންނަވާ ޢިބާރާތުންނެވެ.

"ހަމަކަށަވަރުން ސަލާމާއި ޞަލަވާތް ލެއްވި އިތުރު ރަސޫލުﷲގެފާނުންގެ މާތްވެގެންވާ ސިޔަރަތު އުނގެނިގަތުމީ، ހަމަ ކޮންމެ އިސްލާމަކު، އަދި ކިއެއްތަ، ކޮންމެ އިންސާނަކުގެ މައްޗަށްމެ، ކޮންމެހެން ބޭނުންވެގެންވާ ލާޒިމު ކަމެކެވެ. މިހެނީ، ހަމަ ކޮންމެ މީހަކަށްމެ، އެ މީހާގެ ދެ ދުނިޔޭގެ ބާއްޖަވެރިކަން ހޯދައިގަތުމާއި، އެ މީހާ ހައްދަވައި ބޮޑުކުރެއްވި ކަލާނގެ މަޢުރިފާކޮށް ދެނެ، އެކަލާނގެ ކިބައަށް ކުއްތަންވެގަތުމަށް އިޤްތިދާވާންޖެހޭ، އެންމެބޮޑު މުޤްތަދާއަކީ އިތުރު އެކަލޭގެފާނެވެ. އެކަލޭގެފާނު އުޅުއްވި ގޮތްކޮޅުތަކާއި، ކުރެއްވި ކަންތައްތަކާ ނުދެނެހުރެގެން އިޤްތިދާވެ ތަބަޢަވާހުށީ ކޮންގޮތަކުން ހެއްޔެވެ.

މިހައިރު މި ޒަމާނުގައި އިތުރު އެކަލޭގެފާނުންގެ މާތް ސިޔަރަތު ބަހަކަށް ވާހައި ބަހަކުން، އަދި އިސްލާމުންގެ އެކި ޤައުމުޤައުމުގެ މީހުން މޮށެއުޅޭހައި ބަހަކުން، ވަނީ ތަރުޖަމާވެވި ލިޔެވިގެންނެވެ. އަހަރެމެން ދިވެހީންނަކީވެސް ކިތަންމެ ޤައުމު މަދުވެފައި، ރާއްޖެ ކުޑައަކަސް އެންމެން އިސްލާމްވެ، އެކަލޭގެފާނުގެ މާތް ދީނުގައި ފައިތިލަ ސާބިތުކޮށްގެން އުޅޭތާ އަށެއްކަ ސަތޭކަ އަހަރު ވެއްޖެ ބައެކެވެ. މިބައިމީހުންގެ މެދުގައި ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް، އިތުރު އެކަލޭގެފާނުންގެ ސިޔަރަތެއް، މިބައިމީހުން މޮށެއުޅޭ ދިވެހިބަހުން ލިޔެވިގެންނެއް ނުވެއެވެ. އެންމެންނަކަށް ބޭރު ބަސްބަސް އުނގެނިގެން މިފަދަ ކަމެއް ދެނެގަތުމެއް ތަނަވަސް ވެގެންނެއް ނުވާހުއްޓެވެ. މިކަމަށްޓަކައި މި ރާއްޖޭގައި ޢަރަބި ކަލާމް އުނގެނިގެން ތިއްބަވާ ބެއިކަލުންގެ މައްޗަށް އިތުރު އެކަލޭގެފާނުންގެ ސިޔަރަތު ކޮންމެވެސް މިންވަރަކަށް ދިވެހިބަހަށް ތަރުޖަމާ ކުރެވުމީ ކިފާޔަތުގެ ފަރުޟެއް ކަމުގައި ނޫނީ ނިކަމެތި އަޅާއަކަށް ނުފެނެއެވެ. މިހެންވެގެން، މި ނިކަމެތި އަޅާއަށް މާތް ދޭވަތާއިންގެ ފަޟްލުވަންތަކަމުން ޢަރަބި ކަލާމުން ކޮންމެވެސް ހިސާބަކަށް އަންގަވައިފައި ވާތީވެ، މި ފަރުޟު އަދާކުޅައުމުގެ ތައުފީޤް ދެއްވަތްތޯ އެސުވާމީންގެ ކިބައިން އެދި ދުޢާކުރާތާ އެތައް ދުވަހަކަށްފަހު، މިކަމަށް ފަށައިފީމެވެ."

އާދެ، މިއީ، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުއްސުރެ، އަޅުގަނޑުމެން އަހަމުން އަންނަ ކީރިތި ރަސޫލާގެ ސިޔަރަތު ފަށްޓަވަމުން، ޙުސައިން ޞަލާޙުއްދީން ލިޔުއްވައިފައިވާ ޢިބާރާތްކޮޅެވެ. އެ ޢިބާރާތްކޮޅު އަޅުގަނޑުމެންނަށް އަޑުއިވެނީ، މިހާރުވެސް ކީރިތި ރަސޫލާގެ ސިޔަރަތު އަޑުއަހަމުންދާއިރު، އެ އަޑުފުޅުގެ އޮމާންކަމާއި، ލަފުޒުތައް ވިދާޅުވާލެއް ފުރިހަމަކަމަށް އަޅުގަނޑުމެންނަށް ތަޢުރީފު ކުރެވޭ އަޑުގެވެރި، އަލްމަރްޙޫމް ހާޖަރާ މުޙައްމަދު ތައުފީޤު ނުވަތަ ތަޅަމުދިގޭ ތައުފީޤުގެ އަޑުފުޅުންނެވެ.

ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން، ދީނީ ޢިލްމު ރާއްޖޭގައި ފެތުރުއްވުމަށް ބުރަ މަސައްކަތްޕުޅުތަކެއް ކުރެއްވި ފަދައިން، ދިވެހި އަދަބިއްޔާތުގެ ކުރިމަގަށްޓަކައިވެސް ތަނަވަސް ދޮރުތަކެއް ހުޅުއްވައި ދެއްވިއެވެ. އެއީ، ދިވެހިބަހުގެ އަދީބެއް، އުސްތާޛެއް، އަދި ޝާޢިރެއްވެސް މެއެވެ. ދިވެހި އަދަބިއްޔާތުގެ ތެރެއިން ވާހަކަ ލިޔުމާއި، މަޒުމޫނު ލިޔުމުގައި، ދިވެހި އަދަބިއްޔާތުގެ އުންސުރުތައް ހިފެހެއްޓެވުމަށް ދައްކަވައިފައިވާ މަގުތައް ކިތަންމެހައިވެސް ގިނައެވެ. އަދި ފަސޭހަވެފައި ފަށުވިވެސް މެއެވެ. ބަސްކޮށާރު އެހާމެ މުއްސަންޖެވެ. ދޮންބީފާނު ވާހަކައާއި، ނުޢުމާން ވަ މަރްޔަމްގެ ވާހަކައާއި، ބޮޑުތަކުރުފާނު ވާހަކައާއި، ޝައިޚް ޒުބައިރު ފަދަ ފޮތްފޮތުގެ ސަފުހާތަކުގައިވާ ދިވެހިބަހުގެ ރިވެތި ބަސްމަގާއި، ބަހުގެ ހަމަތަކާއި، އުސްލޫބުތައް ދެނެގަންނާކަށް ދައްޗެއް ނުވާނެއެވެ. އަލް މުޢައްލަތުއްޟާހިރާ ފަދަ، ދީނީ ފޮތްފޮތުގައި ދީނީ މައުލޫމާތުތައް ދެއްވުމަށް އެހެރަ ގެންގުޅުއްވައިފައި ހުރި ބަލާޣާތްތެރި ޢިބާރާތްތައް ކިޔައިލުމުން، ދިވެހި ބަހުގެ ފަށުވިކަމާއި ރީތިކަން ހާމަވެގެންދެއެވެ.

ޞަލާޙުއްދީނުގެ އަދަބީ ޚަޒާނާގެ ތެރެއިން ހުޅުވައިފައި ނުހުޅުވާންވީ ދޮރެއް ނެތެވެ. މިރުޒާ ޝަކީބުގެ ނަމުން ނަން މަޝްހޫރުވި ޅެންވެރިޔާ، އަދި ފަތިހުގެތަރީގެ ނަމުން ދިވެހި އަދަބީ ބަގީޗާ ޒީނަތްތެރި ކޮށްދެއްވި އުސްތާޛު ޞަލާޙުއްދީން، ޅެންވެރިކަމުގެ ބަހުރުވައިންވެސް ދެއްވީ، ދީނީ، އަދަބީ، އަޚުލާޤީ، އިޖުތިމާޢީ ފިލާވަޅެވެ.

          "ބިރުވެރިކަމެއް ނުވާނަމަ، ދީނަށް މި ލައިމެހޭ
                ހިރުތާ ކަމާއި އަލިކަމެއް ހިތަކަށް ލިބޭނެހޭ
           ފިތުނައިގެ އަނދިރިކަންނެރެ ދުރުކޮށްލުމުން މުޅީން
                ބިތުސާކަމެއް މެއަށްލިބި ތަނަވަސް ނުވާނެހޭ"

މި ސުވާލު ކުރައްވަމުން ދެން ދެއްކެވީ އެކަމަށް އޮތް ފަރުވާއެވެ. އެއީ، ޢިބުރަތުން ފުރިފައިވި ނަސޭހަތެކެވެ. އެކަމަކު މިފަހަރުވެސް ހަމަ ޅެންބަހުންނެވެ.
         

          "ޒަމާނަށް ހެއިނުލާ ތިބެގެން އަމާނެއް ލިބިނެތޭ ދާކަށް
                ކަމާއިބަހާ މި ދުނިޔޭގައި ހިނގާމަގު ވިސްނަވަން ވާނޭ

            ނެތޭ މޮޅު އެއްކަމެއް ލިބިފައި އަބުރުވެރިއަކު ކަމަށް ވެވިފައި
                ތިމާގެ މަސައްކަތުން ނޫނީ ދިމާއަށް ބާރު ލިބިދާނޭ"

މިހެން ވިދާޅުވެފައި ދެން ވިދާޅުވަނީ:
           "ބޮއިގެންނެ ބޮނޑިތަކެއް މި އިންސާނާ ކުރިއަށް ދަނީ
                 ފޮއިދަށުގައި ޗިސްވެގެންނެ ހީނާފަތަށް ކުލަ އަންނަނީ"

ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނުގެ ޅެންވެރިކަމުގެ ބަގީޗާއަށް ވަދެވިއްޖެނަމަ، ނުކުންނާކަށް އެހައި ފަސޭހައެއް ނުވާނެއެވެ. ޅެން ހައްދަވައިފައި ނެތީ، ވަކި މިވެނި ރޮނގަކުންނޭ ދެންނެވޭކަށް ނެތެވެ. މިހާރު މި ޒަމާނުގައި އަޅުގަނޑުމެން މިއުޅެނީ ދިވެހީންގެ ތަރައްޤީއަށްޓަކައި މަސައްކަތް ކުރަން ނުކުންނަ ދިވެހި ޒުވާނުން މަދުވެގެންނެވެ. 20ވަނަ ޤަރުނު ފެށިގެން އައިއިރު، ދުނިޔޭގެ ޞިނާޢީ އިންޤިލާބުގެ އޮއިވަރާއެކު، މާލޭ ބާޒާރަށް އޮހިގަތް ތަނަވަސްކަމުގެ ތެރޭގައި އައި އުއްސަކުރު ޒަމާނުގެ ތަނަވަސްކަމުން ދިވެހީންގެ މަސައްކަތްތެރި މުލައްދަނޑިތަކުގެ ހީވާގިކަން ކެނޑިގެން އެބަ ދާހެން، ޞަލާޙުއްދީނަށް ހީފުޅުވުމުން، ޅެންބަހުރުވައިން އެ ވާހަކަފުޅުވެސް ވިދާޅުވެލައްވައިފައިވާލެއް ރީއްޗެވެ. އެހައިމެ ފުރިހަމައެވެ. އެއްވެސް ފަރާތަކަށް ކުޑައިމީސްބަހެއް ވިދާޅުނުވެ، ޅެންބަހުން ދިވެހީން އެކަމަށްވެސް ހޭލައްވައިލަ ދެއްވިއެވެ.

          "މާމުޔާ ގިތެޔޮ އުޑުން ވެހިވެހި ވާރޭކަމުގައި
                 ކާނެވަރަކަށް ކެއުމަށް ވާނަމައޭ ހަމަރަނގަޅީ
          ކަނޑުވެ ޝަރުބަތުކަމުގައި ވެލިވެ މުޅިން ހަކުރުކަމަށް
                 މަޑުވެ ފައުރޮށިކަމުގައި ފަރުބަދަތައް ވާނަމަ ރަނގަޅީ
          ކަންނެތެއްކަމަކު އަޖައިބެއްފަދަ ކަންނެތްކަމުގައި
                 ވަންހަ ނިމިދާއިރުވެސް ސޮހޮލުވެ ތިބުމޭ ރަނގަޅީ"

ރައިވަރާ ނުލައި ދިވެހިބަހުގެ ފޮނިމީރުކަމުގެ ވާހަކަ ދައްކައި ނިންމައި ނުލެވޭނެ ކަމުގައި ސުމުއްވުލްއަމީރު މުޙައްމަދު އަމީނުގެ ބަސްފުޅުގެ ޙަޤީޤަތް ވަރަށް ރަނގަޅަށް ހާމަވެގެން ދިޔައީ، ޞަލާޙުއްދީން ދެލި ދަވާދުން މި ރާއްޖޭގެ ދިވެހިބަހަށް ދިރުން ދެއްވަމުން ގެންދެވި ޒަމާނުގެ ތެރެއިންނެވެ.
         "ދާވި ބަބުޅާއެކީ
          ޢާލަމަށް ނަތްތެރި މިޒީ
          ތާޖެކޭ ބުގެ ހެއުނަސީ
          ޗާލު އަދަބުގެ ލިބުނުމީ
          ގާށައަން މި ބުނަނީ ލުންއަ
          ހާށެ ކޮޔާ އުފަލުންއަ"
އިންސާނަކަށް ލިބޭނޭ އެންމެ މަތިވެރި، ވިދާ ބަބުޅާ އަދި ޢާލަމްތަކަށް ޒީނަތްތެރިވި ތާޖަކީ، ތިމާއަށް ރިވެތި އަދަބު އަޚުލާޤެއް ލިބުމުގެ ނަސީބެވެ. ކޮއިފުޅާއޭ މި ބުނާ ވާހަކަ ނިކަން އަހައިބަލާށެވެ.

މި އޯގާތެރި އިޚުލާޞްތެރި ނަސޭހަތްޕުޅާއެކު، އެ މަނިކުފާނުގެ ވަރަށް ބޮޑު ކަންބޮޑުވެވަޑައިގަތުމެއް އެބައޮތްކަން ދޭހަވާ ޢިބާރާތަކުން ލިޔުއްވައިފައިވާ ލިޔުއްވުމެއްވެސް އެބައޮތެވެ. އެ ލިޔުމުގައި ވިދާޅުވެފައި ވެއެވެ.

"ދިވެހީންނަށް، ބޭރު ރަށްރަށުގައި ލިބި އޮތް އެންމެ ޤަދަރުހުރި ކަންފުޅަކީ، އެތައް ޒަމާނަކުއްސުރެ މިއޮތް ކުޑަ ދެރަ، މީސްކޮޅު މަދު ދައުލަތް، މިއޮތް ދަތި ޒަމާނުގައި، އަމިއްލަކަންމަތީގައި އިސްލާމްދީން ހިފަހައްޓައިގެން މުސްތަޤިއްލު ވެރިކަމެއް ކުރާން ތިބޭކަމެވެ.

މިކަމަށް އެންމެން އުފާވެއެވެ. ޢަޖައިބުވެސްވޭމެއެވެ. މިކަން ނެތެނިކޮށް ދިވެހީންނަކީ، އެއްވެސް ބަޔެއް ނޫންކަމަށް ވެދާނެއެވެ. މިއީ ކުޑަ ނިޢުމަތެއް ނޫނެވެ."

މިއީ، މި ދެންނެވި ރައިވަރުން، ދިވެހީންނަށް ޞަލާޙުއްދީން ދެއްވި ނަސޭހަތްޕުޅާއި، އެ މަނިކުފާނުގެ އަތްޕުޅުން ލިޔުއްވި ލިޔުންކޮޅުގައި ކުރެއްވި އިލްތިމާސެވެ. އާދެ، ދިވެހި ޤައުމިއްޔަތުގެ މައިގަނޑު ތިން އަސާސްގެ މަތީގައި ދެމިހުންނަވައި، އުންމަތުގައި ދީނީ ލޯތްބާއި، ޤައުމީ ރޫޙާއި، ބަސްމޮށުންތެރި ކަމުގެ ރިވެތި މަގު ދައްކަވައި ދެއްވުމަށްފަހު، ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ވަނީ މީގެ 76 އަހަރު ކުރީން އައި ސެޕްޓެންބަރު މަހެއްގެ 20ވަނަ ދުވަހު، އާދެ، މީލާދީން 1948ވަނަ އަހަރު އަޅުގަނޑުމެންނާ އަބަދުގެ އަބަދަށް ވަކިވެވަޑައިގެންފައެވެ. ޞަލާޙުއްދީން ވަޅުފުޅުލެވިފައި ވަނީ ސިލޯނުގެ ކުއްޕިއަވައްތެ ގަބުރުސްތާނުގައެވެ. އަޅުގަނޑުމެންގެ ދުޢާއަކީ، އެ މޮޅު ޢިލްމުވެރިޔާގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ރަޙްމަތް، މާތްﷲ މިންވަރު ކުރެއްވުމެވެ. އާމީން!

         "ދުނިޔެ ދޫކޮށްފައި އެ ދާއިރު ފެންނަފަށުގައި އެންމެނަށް
                ފުނިޖަހައިފައި ހުންނަ ފަސްކޮޅަކާ ދެ ގައު ނޫނީ ނެތޭ
         ދާދިއަވަހަށް ނެތި ފަނާވިޔަކަސް އަގެއްނެތް ޖިސްމުތައް
                ތާއަބަދު ދެމިހުންނަ ހެޔޮ ޒިކުރާއަކަށް ނިމުމެއްނެތޭ"