ޙުސައިން ޢަލީއަކީ، 2005ވަނަ އަހަރުން ފެށިގެން، އުފަން ރަށް ނ.ހެނބަދޫގައި ކުރިއަށްގެންދާ އިޖުތިމާޢީ އެކިއެކި ހަރަކާތްތަކުގައްޔާއި، އެހެން ބައެއް ރަށްރަށުގައި ހިންގާ އެކިއެކި ހަރަކާތްތައް ރާއްވަވައި ހިންގެވުމުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާ ބޭފުޅެކެވެ. މިގޮތުން، ރަށު ފެންވަރުގައި ނ. ހެނބަދޫ "ޖޯޝް ޖަމުޢިއްޔާ"ގެ ފަރާތުން ހިންގި އިޖުތިމާޢީ އެކިއެކި ހަރަކާތްތަކުގައްޔާއި، ލ. ގަމު "އައިލޭންޑަރސް އެސޯސިއޭޝަން" އިން ހިންގި ޕުރޮޖެކްޓަކާ ގުޅިގެން، ތިމާވެށްޓާ ބެހޭ ދިރާސާއެއް ހައްދަވައި، ޕުރޮޖެކްޓަށް ބޭނުންވާ ފައިސާ ހޯއްދަވައި ދެއްވުމުގައި، ހިލޭސާބަހަށް މަސައްކަތް ކޮށްދެއްވައިފައި ވެއެވެ. ހަމައެހެންމެ،
ތ. ވިލުފުށީ "ރައިޒިންގ ސްޓާސް ފޮރ ވިލުފުށީ ރެކްރިއޭޝަން"ގެ ފަރާތުން 2016ވަނަ އަހަރު މުޅި ރާއްޖެއަށް ހުޅުވައިލައިގެން މާލޭގައި ބޭއްވި އައިލެންޑު ކަޕް ފުޓްސަލް މުބާރާތް ރާއްވަވައި ހިންގެވުމުގައި، ހިލޭސާބަހަށް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްދެއްވައިފައެވެ. މީގެއިތުރުން، ކުލަބް މޯލްޑިވްސްއިން ބާއްވާ ފުޓްސަލް މުބާރާތްތައް ރާވައި ހިންގުމުގައިވެސް 2019ވަނަ އަހަރުން ފެށިގެން ޙުސައިން ޢަލީ ގެންދަވަނީ، ބައިވެރިވެވަޑައިގަންނަވަމުންނެވެ. އަދި ރެޑްބުލް މޯލްޑިވްސްގެ ފަރާތުން ބާއްވާ އިޖުތިމާޢީ އެކިއެކި ހަރަކާތްތަކާއި، ކުޅިވަރު ހަރަކާތްތައް ރާއްވަވައި އިންތިޒާމު ކުރެއްވުމުގައިވެސް ބައިވެރިވެވަޑައިގަންނަވަމުން ގެންދަވައެވެ.
ޙުސައިން ޢަލީ، ބޭންކް އޮފް މޯލްޑިވްސްގެ ވަޒީފާއާ ގުޅިވަޑައިގަތުމަށްފަހު، އެ ބޭންކުގެ މުވައްޒަފުންގެ ކުލަބް "ޔުނައިޓެޑް ބީ.އެމް.އެލް."ގެ ހިންގާ ކޮމިޓީގައި ހިމެނިވަޑައިގެން، ކުލަބް ހިންގުމުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދަވައެވެ. ހަމަ އެއާއެކު، "މޯލްޑިވްސް ޗައިނާ ޓްރޭޑް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން"ގެ އިޖުތިމާޢީ އެކިއެކި ހަރަކާތްތައް ރާއްވަވައި އިންތިޒާމު ކުރެއްވުމުގައްޔާއި، ޔޫތު ސެންޓަރުގެ ފަރާތުން 2012ވަނަ އަހަރު ބޭއްވުނު "ޒުވާނުންގެ ޢާއިލީ ހަވީރު" އަދި ދުނިޔޭގައި ފާހަގަކުރާ ޒުވާނުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަކުގައި، ޙުސައިން ޢަލީ ހިލޭސާބަހަށް މަސައްކަތް ކޮށްދެއްވައިފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.
މިނިސްޓްރީ އޮފް ހޯމް އެފެއާޒުން 2015ވަނަ އަހަރު އުފެއްދި "ޔޫތު ލީޑަރސް ނެޓްވަރކް"ގެ ދެވަނަ ދައުރުގެ ނައިބު ރައީސްގެ ގޮތުގައި، ޙުސައިން ޢަލީ، ތިން އަހަރުގެ ދައުރެއް އަދާކުރައްވައިފައިވާއިރު، މަގާމުން ވަކިވެވަޑައިގަތުމަށްފަހުގައިވެސް، އެ ޖަމާޢަތުން ހިންގާ ގިނަ ހަރަކާތްތަކުގައި ހިލޭސާބަހަށް ވަނީ މަސައްކަތް ކޮށްދެއްވައިފައެވެ. މިގޮތުން، ރަށްރަށުގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ގްރޭޑް 10 ނިންމާ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގި ކެރިއަރ ގައިޑެންސް ޕުރޮގުރާމުތަކާއި، އެކިއެކި ރަށްރަށުގައި ބޭއްވި ޔޫތު ފޯރަމްތައް ރާވައި ހިންގުމުގައްޔާއި، ޤައުމީ އެކިއެކި މުނާސަބަތުތައް ފާހަގަކުރުމަށް ބޭއްވި ހަރަކާތްތައް ރާއްވަވައި ހިންގެވުމުގައިވެސް ޙުސައިން ޢަލީ ބައިވެރިވެވަޑައިގެންފައި ވެއެވެ.
މީގެތެރެއިންވެސް މިނިވަން 50 ފާހަގަކުރުމަށް ބޭއްވި ކުލަގަދަ ހަރަކާތްތައް ހިންގެވުމުގައްޔާއި، އަދި ކޯވިޑް-19އާ ގުޅިގެން އުފެއްދި ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ދަރުމަވެރިއެއްގެ ގޮތުގައި ކުރެއްވި މަސައްކަތްތަކާއި، އެ ސެންޓަރަށް ދަރުމަވެރިން ހޯދުމަށް ކުރި މަސައްކަތްތަކުގައި، ޙުސައިން ޢަލީ ވަރަށް މުހިއްމު ދައުރެއް އަދާކުރެއްވިއެވެ. މި މަސައްކަތްތަކުގެ އަގު ވަޒަންކުރައްވައި، 2022ވަނަ އަހަރު ބީ.އެމް.އެލް. އިން ވަނީ "ވޮލަންޓިއަރ ސަރވިސް އެވޯޑް" ޙުސައިން ޢަލީއަށް ދެއްވައިފައެވެ.
ޙުސައިން ޢަލީއަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ގޮފިތަކުގެ ނައިބު ރައީސް ކަމުގެ މަގާމާއި، އިތުރު ހަރަކާތްތަކުގެ ނައިބު ރައީސް ކަމުގެ މަގާމު ދެފަހަރެއްގެ މަތިން އަދާކުރައްވައި، ދަރިވަރުންގެ ޔޫނިއަންގެ އެޑްވައިޒަރީ ބޯޑު މެންބަރު ކަމުގެ މަގާމު ފުރުއްވައިފައިވާ ބޭފުޅެކެވެ. އަދި، ދަރިވަރުންގެ ޔޫނިއަންގެ ލީޑަރސް ގްރޫޕް އުފެއްދުމާއި، އެމް.އެން.ޔޫ.އެސް.ޔޫ. ޓު އޯލް ކެމްޕެއިންގައި ޙުސައިން ޢަލީ ކުރެއްވި މަސައްކަތްތައްވެސް ފާހަގަކޮށްލަން ޖެހެއެވެ. މީގެއިތުރުން، 2014ވަނަ އަހަރުން ފެށިގެން ފުޓްސަލް ފިއެސްޓާ ރާއްވަވައި ހިންގެވުމުގައްޔާއި، ޔޫނިއަންގެ އެހެނިހެން ހަރަކާތްތައް އިންތިޒާމު ކުރުމުގައިވެސް، ޙުސައިން ޢަލީ މުހިންމު ދައުރެއް އަދާކުރައްވަމުން ގެންދަވައެވެ.
ދެމިހުންނަނިވި ގޮތެއްގައި ޔޫނިއަންއަށް ކުރެއްވި ޚިދުމަތްތައް ފާހަގަކުރައްވައި، ދަރިވަރުންގެ ޔޫނިއަންގެ އެންމެ މަތީ ޝަރަފު "އެމް.އެން.ޔޫ. ދަރިވަރުންގެ ޔޫނިއަންގެ ޝަރަފުވެރިކަމާއި ޢިއްޒަތްތެރިކަމުގެ ނިޝާނުގެ ވެރިޔާ"ގެ ލަޤަބު 2018ވަނަ އަހަރު ޙުސައިން ޢަލީއަށް ވަނީ އަރުވައިފައެވެ.
ދަރިވަރުންގެ ޔޫނިއަން އަދި ޔުނިވަރސިޓީގެ ހަރަކާތްތަކުގެ ތެރެއިން ދަރިވަރުން ބިނާކުރުމުގެ މަސައްކަތުގައި ދަރުމަވެރިއެއްގެ ގޮތުގައި ޙުސައިން ޢަލީ މިއަދުވެސް ހުންނެވިކަން މި ފުރުޞަތުގައި ފާހަގަކޮށްލަން ޖެހެއެވެ.