ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާއިން މި އަހަރު ޝަރަފުވެރި ކަމުގެ ޤައުމީ އިނާމު ހާސިލުކުރައްވާ މުޙައްމަދު މާޖިދަކީ، އުމުރުން އެންމެ 15 އަހަރުގައި ވަޒީފާގެ މައިދާނަށް ނުކުމެވަޑައިގެންނެވި ބޭފުޅެކެވެ. ފުރަތަމަ ވަޒީފާ އަދާކުރެއްވީ، މެރިން ޑިޕާޓްމަންޓުގައެވެ. އެ ތަނުގެ ލޯންޗުފަހަރުގެ ކަވަރުތަކާއި ސީޓުތައް ހަލާކުވެފައި ހުރުމުގެ ސަބަބުން، އެ ސީޓުތައް މަރާމާތު ކުރުމުގެ މަސައްކަތް މާޖިދާ ހަވާލުކުރެއްވި ހިސާބަކީ، މި ދާއިރާއަށް ވެދެވަޑައިގެންނެވުނު ހިސާބެވެ.
މުޙައްމަދު މާޖިދު، ފެހުމުގެ މަސައްކަތް ފުރަތަމަ ކުރެއްވީ، ކޮޓަރީގައި ފަހާފޮށި ބަހައްޓަވައިގެންނެވެ. ދުވަސްކޮޅެއް ފަހުން އެކަނި މަސައްކަތް ނުކުރެއްވޭނެ ކަމުގެ އިހުސާސް ކުރެއްވިގެން، ފަހާ މީހަކު އިންޑިއާއިން ގެންނެވިއެވެ. ދާއިރާއަށް ބޭނުންވާ ތަކެތި ރާއްޖެއިން ހޯދުމަކީ، ދަތިކަމަކަށް ވުމުން، ސްރީލަންކާއަށާއި އިންޑިއާއަށް ދަތުރުކުރައްވައިގެން، މަސައްކަތަށް ބޭނުންވާ ތަކެތި ހޯއްދެވިއެވެ. މިގޮތަށް މަސައްކަތް ތަރައްޤީ ކުރައްވަމުން ގެންދަވައި، "ޖާޔާ ކުޝަން"ގެ ނަމުގައި ވަރކްޝޮޕެއް ހުޅުއްވިއެވެ. މަސައްކަތް ފުޅާވަމުންދިޔުމާ ގުޅިގެން، ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުތައް އިތުރުވެ، ރާއްޖެއިން ބޭރުން ގެންނަންޖެހޭ ތަކެތީގެ އަދަދުތައްވެސް އިތުރުވެގެންދިޔައެވެ. އެގޮތުން، ތައިލެންޑަށާއި ޗައިނާއަށް މާޖިދު ދަތުރުކުރައްވައި، ބެލްޓް، ބަރަނި އަދި، ސަތަރި ފަދަ ތަކެތި ގެންނަވައިގެން، މުދަލުގެ ބާވަތްތައް އިތުރުކުރެއްވިއެވެ. މީގެއިތުރުން، އެމެރިކާއާއި، ފްރާންސާއި، ދުބާއީ ފަދަ ޤައުމުތަކުންވެސް އެކި ވައްތަރުގެ ފޮތި ގެންނަވައިގެން، ކަނޑުގެ އުޅަނދުފަހަރަށް ބޭނުންވާ ޚާއްޞަ ފޮތީގެ ބާވަތްތައްވެސް އިތުރުކުރެއްވިއެވެ. މަގުސަދަކަށްވީ އެ ޚިދުމަތް ހޯދަން އަންނަ އެންމެންވެސް ހިތްހަމަޖެހޭ ފެންވަރަކަށް އަތްފޯރާފަށުގައި ޚިދުމަތް ދެއްވުމެވެ.
ޖާޔާ ކުޝަންއަކީ، މުޙައްމަދު މާޖިދުގެ އަމިއްލަ އިންވެސްޓްމަންޓެކެވެ. ލޯކަލް އިންވެސްޓްމަންޓެއްގެ ގޮތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީ ކުރައްވައި، މި މަސައްކަތް މިއަދު ވަނީ ވަރަށް ބޮޑަށް ފުޅާކުރައްވައިފައެވެ. މި މަސައްކަތް މެދުނުކެނޑި މާޖިދު ކުރައްވަމުން ގެންދަވާތާ މިހާރު 38 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.
މުޙައްމަދު މާޖިދު، މައިގަނޑު ގޮތެއްގައި ކުރައްވާ މަސައްކަތްތަކަކީ، ސަތަރި ފެހުމާއި، ދޮރުފޮތި ފެހުމާއި، ސަފާރީ ބޯޓުފަހަރާއި ލޯންޗުފަހަރުގެ ސީޓުތައް ހެދުމާއި، ސޯފާ ގޮނޑި ހެދުމާއި، މިސްކިތްތަކަށް ދޫލައަޅަން ބޭނުންވާ ގޮތަށް ތައްޔާރުކޮށްދެއްވުމެވެ. މި ބާވަތުގެ މަސައްކަތް ކުރުމަށް ބޭނުންވާ ޚާއްޞަ މެޝިންތައްވެސް މާޖިދު ވަނީ ރާއްޖެއިން ބޭރުން ގެންނަވައިފައެވެ. މިގޮތުން، ރިޔާފަހާ މެޝިން، ޚާއްޞަކޮށް، ޔޮޓްފަހަރުގެ ރިޔާފަހާ މެޝިނާއި، ޕެރަސެއިލް އަދި، ޕެރަޝޫޓް ފެހުމަށް ތައްޔާރުކޮށްފައިވާ މެޝިނާއި، ލައިފް ރާފްޓް މެޝިނާއި، ލައިފް ޖެކެޓް އަދި، ލައިފް ރިންގް ތައްޔާރުކުރާ މެޝިނާއި، ހެޑްބޯޑު ހަދާ މެޝިން ހޯއްދަވައިފައި ވެއެވެ. މީގެއިތުރުން، އަލްޓްރާ ސޮނިކް ކެންވަސް ވެލްޑިންގ މެޝިނާއި، ތެރަހުގެ ބަދަލުގައި ހޫނުގެ ޒަރީއާއިން ސަތަރި ތަތްކުރާ މެޝިނާއި އަދި، އަލްޓްރާ ސޮނިކް ލޭސް މެޝިނެއްވެސް މާޖިދު ގެންގުޅުއްވައެވެ.
މުޙައްމަދު މާޖިދު މި މަސައްކަތް ކުރައްވާތާ މިހާ ގިނަ ދުވަސްވީއިރު، މިހާތަނަށް އެއްވެސް ލޯނެއް ނަންގަވައިފައި ނުވާކަން އެއީ، ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ ކަމެކެވެ. މި މަސައްކަތް ކުރައްވަމުން ގެންދެވީ، ލިބިވަޑައިގެންނެވި އާމްދަނީއަކުން ޚަރަދުތައް ހަމަޖައްސަވައިގެންނެވެ. ރާއްޖެއިން ބޭރުން ގިނަ ތަކެތި އެތެރެކުރައްވަމުން ގެންދަވާއިރުވެސް އިރާދަކުރެއްވީތީ، މިހާތަނަށް އެއްވެސް ލޯނެއް ނަންގަވަން ޖެހިވަޑައިގެންފައެއް ނުވެއެވެ.
މުޙައްމަދު މާޖިދު ހިންގަވަމުން ގެންދަވާ، ޖާޔާ ކުޝަންގެ ވަޒީފާގައި ދިވެހިންނާއި، ބިދޭސީން ގެންގުޅުއްވައެވެ. މާޖިދު އުންމީދު ކުރައްވަނީ، ވީހާވެސް ގިނަ ދިވެހިން މި މަސައްކަތަށް އަހުލުވެރި ކުރެއްވުމަށެވެ. ދިވެހިންނަށް މި މަސައްކަތް ދަސްކޮށްދެއްވި ކަމުގައިވިޔަސް، މަސައްކަތުގައި ދެމިތިބޭ ދިވެހިން މަދުވުމަކީ، މާޖިދު ވަރަށް ހިތާމަކުރައްވާ ކަމެކެވެ. މާޖިދު ގަބޫލުކުރައްވާ ގޮތުގައި، މިހާތަނަށް ލިބިވަޑައިގެންނެވި އެންމެބޮޑު އެއް އުފާފުޅަކީ، މި މަސައްކަތް ދަސްކޮށްދެއްވި އެތައް ބަޔަކު މި ރޮނގުން އަމިއްލަ ވިޔަފާރި ފަށައި، އަމިއްލަ ފައިމައްޗަށް ތެދުވެ، މަސައްކަތް ކުރަމުންދާ މަންޒަރު ފެންނަމުންދާކަމެވެ.
މި މަސައްކަތުން މާޖިދަށް މިހާތަނަށް ލިބިވަޑައިގެންނެވި އެންމެބޮޑު ކާމިޔާބީއަކީ، އަދި އެންމެބޮޑު ކުރިއެރުންތަކުގެ ތެރޭގައި ފާހަގަކޮށްލެވެނީ، ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާއިން އުފެއްދުންތެރި ކަމުގެ ރޮނގުން 2012ވަނަ އަހަރު ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަތުމެވެ.
މީގެއިތުރުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެއްގަމާއި ކަނޑު އުޅަނދުތަކުގެ ސީޓުތައް މަރާމާތު ކުރުމުގެ ކޮންޓްރެކްޓަށް މާޖިދު ހުށަހަޅުއްވައި، އެކަން ކާމިޔާބުވެ، އެ މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިވަޑައިގަތުމަކީވެސް މާޖިދު ދެކެވަޑައިގަންނަވާ ގޮތުގައި، ހާސިލު ކުރެވުނު ކާމިޔާބީއެކެވެ. އަދި، ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ ދެ ހޮސްޕިޓަލް ކަމަށްވާ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލާއި، އޭ.ޑީ.ކޭ. ހޮސްޕިޓަލުގެ އެކިއެކި މަސައްކަތްތައްވެސް، ހަމަޖެހިފައި އޮންނަ އުސޫލުގެ ތެރެއިން މެދުނުކެނޑި މާޖިދަށް ލިބިވަޑައިގަންނަވާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.
ހަމައެހެންމެ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި، އެ މަނިކުފާނުގެ އޮފީހާއި، ތީމުގޭގެ އެކި މަސައްކަތްތައް ކުރެއްވުމުގެ ފުރުޞަތު ލިބިގެންދިޔުމަކީ، މާޖިދުގެ ވިޔަފާރިއަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށް މާޖިދު ދެކެވަޑައިގަންނަވައެވެ.
މުޙައްމަދު މާޖިދު، ހިލޭސާބަހަށްވެސް އެކިއެކި މަސައްކަތްތައް ކޮށްދެއްވަމުން ގެންދަވައެވެ. އެންމެ ގިނައިން ކުރައްވަނީ، މިސްކިތްތަކުގެ އެކިއެކި މަސައްކަތްތަކާއި، ސްކޫލް ކުދިންގެ ދަބަސް ހައްދަވައި ދެއްވުމުގެ މަސައްކަތެވެ.
ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިގެ ދާއިރާއިން މުޙައްމަދު މާޖިދަށް މިއަދު ޝަރަފުވެރި ކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާކަން އެއީ، މާޖިދަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު ޝަރަފެކެވެ. އަދި އެއީ، މި މަސައްކަތް، އާ ބާރަކާއި، އާ ރޫޙަކާ އެކުގައި ކުރިއަށް ގެންދެވުމަށް ލިބިވަޑައިގަންނަވާ އިތުރު ހިތްވަރެއްވެސް މެއެވެ.