އިންސްޕެކްޓަރ އޮފް ޕޮލިސް ނަޞީރު ޢަލީ
ހުޅުމާލެ. ފްލެޓްނަންބަރު 02-ޖީ-108

އިންސްޕެކްޓަރ އޮފް ޕޮލިސް ނަޞީރު ޢަލީ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި، ޕްރައިވެޓެއްގެ ރޭންކުގައި 16 މާރިޗް 1989 ގައެވެ. 35 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ނަޞީރު ޢަލީ މިހާރު ހުންނެވީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުގައެވެ. ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި، ޕްރައިވެޓް ކަމާއި، ލާންސް ކޯޕްރަލް ކަމާއި، ކޯޕްރަލް ކަމާއި، ސާރޖަންޓް ކަމާއި، ސްޓާފް ސާރޖަންޓް ކަމާއި، ސްޓޭޝަން އިންސްޕެކްޓަރ ކަމާއި، ޗީފް ސްޓޭޝަން އިންސްޕެކްޓަރ ކަމާއި، ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ.

އިންސްޕެކްޓަރ އޮފް ޕޮލިސް ނަޞީރު ޢަލީ، ދިވެހި ޢަސްކަރިއްޔާއާއި ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގެންނެވުމަށްފަހު، އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ، ގާމާދޫ ޖަލު ސެކިއުރިޓީގައެވެ. އޭގެފަހުން، އެމް.އެން.ޑީ.އެފް. ދޫނިދޫގައްޔާއި، ސެކިއުރިޓީ ޑިވިޜަންގައްޔާއި، ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ވެލްފެއަރ ސެކްޝަންގައްޔާއި، ޑްރަގް އެންފޯސްމަންޓް ޔުނިޓުގައްޔާއި، އާމަރީގައްޔާއި، އެން.ސީ.އޯ. އެޑްމިންގައްޔާއި، އިވެންޓް މެނޭޖްމަންޓް ސެކްޝަންގައްޔާއި، ދޫނިދޫ ކަސްޓޯޑިއަލްގައްޔާއި، ލޮޖިސްޓިކް އެންޑް މެއިންޓެނަންސްގައި މަސައްކަތް ކުރައްވައިފައި ވެއެވެ.

އިންސްޕެކްޓަރ އޮފް ޕޮލިސް ނަޞީރު ޢަލީ ކުރައްވައިފައިވާ ޚާއްޞަ ބޮޑެތި މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ، ތަޙުޤީޤު ކުރުމުގެ ދާއިރާއިންނާއި، ފުލުހުންގެ ޚިދުމަތުގެ ފަރާތުން ހިންގުނު ތަފާތު އެކިއެކި އޮޕަރޭޝަންތަކުގައްޔާއި، ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބާއްވާ އެކިއެކި އިވެންޓްތަކުގައި، ހިތްވަރާއި ޢަޒުމާ އެކުގައި ކުރައްވައިފައިވާ މަސައްކަތްތަކެވެ. މީގެއިތުރުން، 1994ވަނަ އަހަރު ކ. ފަރުކޮޅުފުށީގައި ހިނގި އަލިފާނުގެ ހާދިސާގައި، އެ މަސައްކަތް ނިމެންދެން ކުރަންޖެހުނު ހުރިހާ މަސައްކަތެއްގައި ނަޞީރު ޢަލީ ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި 1994ވަނަ އަހަރު މާލޭގައި ތަފާތު ބާވަތްބާވަތުގެ ކުށްކުރުން ގިނަވެ، އާންމުވަމުންދާތީ، އެކަން ކޮންޓްރޯލް ކުރުމަށްޓަކައި ހިންގެވި އޮޕަރޭޝަންގައްޔާއި، 2005ވަނަ އަހަރު، ޑްރަގް އެންފޯސްމަންޓް ޔުނިޓަށް ހުށަހެޅުނު މައްސަލަތައް ބައްލަވައި މަދުކުރެއްވުމަށާއި، 2006ވަނަ އަހަރު ފުލުހުންގެ އިދާރާއަށް ހުށަހެޅުނު ބޮޑެތި މައްސަލަތައް ބައްލަވައި ނިންމެވުމުގައި އެކަށީގެންވާ ކާމިޔާބީއެއް ހާސިލު ކުރައްވައިފައި ވެއެވެ. މީގެ އިތުރުން، 2008ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބާ ގުޅިގެން ހިންގި ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ މަސައްކަތުގައްޔާއި، 2008ވަނަ އަހަރުގެ މާރިޗު 18 އިން މޭ 18 އަށް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ "އޯޑަރސް އެންޑް ޕްރޮސީޖަރސް" އެކުލަވައިލުމަށް ބޭއްވި ވަރކްޝޮޕްގައްޔާއި، އައްޑުއާއި ފުވައްމުލަކުގައި ބޭއްވި ސާރކް ސަމިޓުގެ އިންޓަރނަލް ސެކިއުރިޓީގެ ލޮޖިސްޓިކް ޓީމުގެ މެންބަރެއްގެ ގޮތުގައި ނަޞީރު ޢަލީ ބައިވެރިވެވަޑައިގެން، އިޚުލާޞްތެރިކަމާ އެކުގައި ކޮށްދެއްވި ޚިދުމަތްތައް ފާހަގަކޮށްލަން ޖެހެއެވެ.

ފުލުހުންގެ ވަޒީފާގެ އިތުރުން، އަމިއްލައަށް އިސްނަންގަވައިގެން 2013ވަނަ އަހަރު މުހިންމު ޚިދުމަތްތަކެއް ނަޞީރު ޢަލީ ވަނީ ކޮށްދެއްވައިފައެވެ. އަދި، ފުލުހުންގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، އެކި އަހަރުތަކުގައި ބޭއްވި ހަރަކާތްތަކުގައްޔާއި، އިސް ބޭފުޅެއްގެ ގޮތުގައި ހުންނަވައިގެން ދޫނިދޫގައި މިސްކިތެއް ބިނާކުރުމަށް ކުރެވުނު އެންމެހައި މަސައްކަތްތަކުގައްޔާއި، ޒަމާނީ ފެންވަރަށް އަދި ތިމާވެށްޓާ ރައްޓެހިގޮތަށް ދޫނިދޫގައި ކުނި ނައްތައިލުމުގެ މަސައްކަތް ކުރަން ފެށުމަށްޓަކައި ކުރެވުނު މަސައްކަތްތަކުގައި، ނަޞީރު ޢަލީ އިސް ދައުރެއް އަދާކުރައްވައިފައި ވެއެވެ. އަދި ކޯވިޑް-19އާ ގުޅިގެން ޤައުމީ ފެންވަރުގައި ކުރެވުނު މަސައްކަތްތަކުގައްޔާއި، 2023ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބާ ގުޅިގެން ކުރިއަށް ގެންދިޔަ "އޮޕަރޭޝަން ބްލޫވޭވް 2023" ކާމިޔާބުކަމާ އެކުގައި ނިންމާލުމުގައްޔާއި، ސުނާމީ ކާރިސާގައްޔާއި، މާލެއަށް ކުރިމަތިވި ފެނުގެ ކާރިސާގައި، އިންސްޕެކްޓަރ އޮފް ޕޮލިސް ނަޞީރު ޢަލީ، ޢަމަލީގޮތުން ބައިވެރިވެވަޑައިގެން ޚިދުމަތް ކޮށްދެއްވައިފައި ވެއެވެ.

އިންސްޕެކްޓަރ އޮފް ޕޮލިސް ނަޞީރު ޢަލީއަށް ވަނީ، ސިފައިންގޭގައްޔާއި، ދިވެހި ފުލުހުންގެ ޚިދުމަތުގައި އިޚުލާޞްތެރިކަމާއި ވަފާތެރިކަމާއެކުގައި އަދާކުރެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ޝަރަފުގެ ނިޝާނުގެ ގޮތުގައި، 5 ކުލައާއި، 9 މެޑެލް ލިބިވަޑައިގެންފައެވެ. ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި، އަޚުލާޤީ ކުލަ، ފުލުހުންގެ ޚިދުމަތުގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ، އިޚުލާޞްތެރި ޚިދުމަތުގެ ކުލަ ހިމެނެއެވެ. އަޚުލާޤީ ކުލަ ދެފަހަރު ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، ސައްތައިގެ މެޑެލް، ފުލުހުންގެ މެޑެލް، ސުނާމީ ކާރިސާގެ މެޑެލް، ފުލުހުންގެ ޚިދުމަތުގެ މެޑެލް، މިނިވަން 50ގެ މެޑެލް، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެލް، އިޚުލާޞްތެރި ޚިދުމަތުގެ މެޑެލް، ޖުމްހޫރީ 50ގެ މެޑެލް އަދި ފުރާނަ ސަލާމަތް ކުރުމުގެ ރިހި މެޑެލް ހިމެނެއެވެ.

އިންސްޕެކްޓަރ އޮފް ޕޮލިސް ނަޞީރު ޢަލީ، ޚިދުމަތް ކުރައްވަމުން ގެންދަވަނީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ އުސޫލުތަކާއި ގަވާއިދުތަކާ އެއްގޮތަށް، ތެދުވެރިކަމާއި، އިޚުލާޞްތެރިކަމާ އެކުގައެވެ.