ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޖާދުﷲ މަޖީދު
ހުޅުމާލެ. ފްލެޓްނަންބަރު 02-2-104

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޖާދުﷲ މަޖީދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި، ޕްރައިވެޓެއްގެ ރޭންކުގައި 16 މާރިޗު 1989 ގައެވެ. ދައުލަތުގެ ޚިދުމަތުގައި ހޭދަކުރެއްވި 35 އަހަރަށްވުރެ ދިގު މުއްދަތުގައި، އެން.އެސް.އެސް.ގެ ޕްރައިވެޓް ކަމާއި، ލާންސް ކޯޕްރަލް ކަމާއި، ކޯޕްރަލް ކަމާއި، ސާރޖަންޓް ކަމާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސާރޖަންޓް ކަމާއި، ސްޓާފް ސާރޖަންޓް ކަމާއި، ސްޓޭޝަން އިންސްޕެކްޓަރ ކަމާއި، ޗީފް ސްޓޭޝަން އިންސްޕެކްޓަރ ކަމާއި، ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް ކަމާއި، އިންސްޕެކްޓަރ އޮފް ޕޮލިސް ކަމާއި، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ގްރޭޑް 1 ކަމާއި، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ގްރޭޑް 2ގެ ރޭންކުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ.

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޖާދުﷲ މަޖީދު ދިވެހި ޢަސްކަރިއްޔާގެ ޚިދުމަތާ ގުޅިވަޑައިގެންނެވުމަށްފަހު، އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ، ޑިއުޓީ ސެކްޝަންގައެވެ. އޭގެފަހުން، އެމް.އެން.ޑީ.އެފް. ހަނިމާދޫ ސްޓޭޝަންގައްޔާއި، މާލެ ވިލިނގިލީ އަވަށު ސްޓޭޝަންގައްޔާއި، ޅ. ފެލިވަރު ސްޓޭޝަންގައްޔާއި، އެން.އެސް.އެސް. ސ. ގަން ޔުނިޓުގައްޔާއި، ދޫނިދޫ ކަސްޓޯޑިއަލްގައްޔާއި، ގަލޮޅު ޕޮލިސް ސްޓޭޝަންގައިވެސް މަސައްކަތް ކުރައްވައިފައި ވެއެވެ. މީގެއިތުރުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެކިއެކި ޑިޕާޓްމަންޓްތަކުގައްޔާއި، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރިންގ ސަރވިސްގައްޔާއި، އިންފްރާސްޓްރަކްޗަރ އެންޑް ބިލްޑިންގ ޑިވެލޮޕްމަންޓްގައްޔާއި، ލޮޖިސްޓިކް އެންޑް ބިލްޑިންގ މެއިންޓެނަންސްގައިވެސް މަސައްކަތް ކުރައްވައިފައި ވެއެވެ.

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޖާދުﷲ މަޖީދު ކުރައްވައިފައިވާ ޚާއްޞަ ބޮޑެތި މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ، ތަޙުޤީޤު ކުރުމުގެ ދާއިރާއިންނާއި، ޕޮލިސް ސަރވިސްއިން ހިންގި ތަފާތު އެކިއެކި އޮޕަރޭޝަންތަކުގައި ހިތްވަރާއި ޢަޒުމާ އެކުގައި ކުރައްވައިފައިވާ މަސައްކަތްތަކެވެ.

މީގެއިތުރުން، ޕޮލިސް ހެޑްކުއަރޓާޒަށް ހުށަހެޅިފައި ހުރި މައްސަލަތަކުގެ އަދަދު މަދުކުރެއްވުމުގެ ގޮތުން، މައްސަލަތައް ތަޙުޤީޤުކޮށް ނިންމެވުމަށް ކުރައްވައިފައިވާ މަސައްކަތްތަކާއި، ވައްކަމުގެ އެކިއެކި މައްސަލަތައް ތަޙުޤީޤު ކުރެއްވުމުގައި ކުރައްވައިފައިވާ މަސައްކަތްތަކާއި، މާލެއަކީ ރައްކާތެރި އަމާން ތަނަކަށް ހެދުމަށްޓަކައި ހިންގި ޚާއްޞަ އޮޕަރޭޝަން ކާމިޔާބުކަމާއެކުގައި ހިންގުމަށްޓަކައި އިޚުލާޞްތެރިކަމާއެކު ކޮށްދެއްވި ޚިދުމަތްތައްވެސް ފާހަގަކޮށްލަން ޖެހެއެވެ. މީގެއިތުރުން، ރިޔާސީ އިންތިޚާބާ ގުޅިގެން ހިންގުނު "އޮޕަރޭޝަން ބްލޫވޭވް" ގައްޔާއި، ސުނާމީ ކާރިސާގައްޔާއި، މާލެއަށް ކުރިމަތިވި ފެނުގެ ކާރިސާގައިވެސް، ޖާދުﷲ މަޖީދު ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޖާދުﷲ މަޖީދު، ސިފައިންގޭގައްޔާއި، ދިވެހި ފުލުހުންގެ ޚިދުމަތުގައި އިޚުލާޞްތެރިކަމާއި ވަފާތެރިކަމާއެކުގައި އަދާކުރެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ޝަރަފުގެ ނިޝާނުގެ ގޮތުގައި، 5 ކުލައާއި، 10 މެޑެލް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި، އަޚުލާޤީ ކުލަ، އިޚުލާޞްތެރި ޚިދުމަތުގެ ކުލަ، ފުލުހުންގެ ޚިދުމަތުގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ ހިމެނެއެވެ. އަޚުލާޤީ ކުލަ ދެފަހަރު ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، ސައްތައިގެ މެޑެލް، ފުލުހުންގެ މެޑެލް، ސުނާމީ ކާރިސާގެ މެޑެލް، އަޚުލާޤީ މެޑެލް، އިޚުލާޞްތެރި ޚިދުމަތުގެ މެޑެލް، ފުލުހުންގެ ޚިދުމަތުގެ މެޑެލް، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެލް، މަތިވެރި ޚިދުމަތުގެ މެޑެލް، މިނިވަން 50ގެ މެޑެލް އަދި ޖުމްހޫރީ 50ގެ މެޑެލް ހިމެނެއެވެ.