މުޙައްމަދު ޒިޔާދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 4 މާރިޗު 1989 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ޑިޕާޓްމަންޓް އޮފް އިލެކްޓްރިސިޓީގެ ވަގުތީ ކޭޝިއަރެއްގެ ވަޒީފާއެވެ. އޭގެފަހުން، މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑުގެ ކޭޝިއަރު ކަމާއި، ސީނިއަރ ކޭޝިއަރު ކަމާއި، އެކައުންޓްސް އޮފިސަރުކަން ކުރެއްވިއެވެ. އަދި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ އެސިސްޓެންޓް މެނޭޖަރު ކަމުގެ މަގާމާއި، ޑެޕިއުޓީ މެނޭޖަރު ކަމުގެ މަގާމާއި، އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަގާމުވެސް އަދާކުރެއްވިއެވެ. މުޙައްމަދު ޒިޔާދު މިހާރު ހުންނެވި، ސަރވިސް މެނޭޖަރު ކަމުގެ މަގާމުގައި ޚިދުމަތް ކުރައްވަމުން ގެންދަވަނީ 16 ސެޕްޓެންބަރު 2018 އިން ފެށިގެންނެވެ.
މުޙައްމަދު ޒިޔާދު އެންމެ ފުރަތަމަ ކުރެއްވީ، އެ ދުވަހަކު އޮފީހަށް ލިބޭ ފައިސާ ބަލައިގަނެ، ލިބޭ ފައިސާގެ ހިސާބުތައް ބެލެހެއްޓެވުމުގެ މަސައްކަތެވެ. އަދި، އެ ދުވަހަކު ލިބޭ ފައިސާ ތިޖޫރީއަށް ޖަމާކޮށް، ތިޖޫރީގައި ހުންނަ ފައިސާގެ ހިސާބުތައް ގަވާއިދުން ބަލަހައްޓަވަމުން ގެންދެވިއެވެ. އެ ދުވަސްވަރު ހުރިހާ ހިސާބުތަކެއްވެސް ބަލަހައްޓަވަމުން ގެންދެވީ، ފޮތުގައި ނޯޓު ކުރައްވައިގެންނެވެ. އޭރުވެސް އެންމެބޮޑަށް ސަމާލުކަން ދެއްވީ، ފައިސާއާބެހޭ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް، ފައިސާއާބެހޭ އެންމެހައި ކަންކަން ބެލެހެއްޓެވުމަށެވެ. ކުންފުނީގެ ފައިސާއާބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓެވުމުގެ އިތުރުން، ގޭގެއިން ކަރަންޓް ކަނޑާލަންޖެހޭ ފަދަ ހާލަތްތަކުގައި، ގޭގެ ވެރިފަރާތާ ބައްދަލުކުރެއްވުމާއި، ޑިޕާޓްމަންޓުން ދޭ ޚިދުމަތްތަކުގެ ރެކޯޑުތައް ބެލެހެއްޓެވުމާއި، ކަސްޓަމަރުންނާއި ކުންފުންޏާ ދެމެދު އެކުލަވައިލަންޖެހޭ އެއްބަސްވުންތައް އެކުލަވައިލެއްވުމުގެ މަސައްކަތްވެސް، މުޙައްމަދު ޒިޔާދު ކުރެއްވިއެވެ.
މުޙައްމަދު ޒިޔާދު މިހާރު ކުރައްވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ކުންފުނީގެ ހެޑް އޮފީހާއި، އިންޖީނުގެތަކުގެ ފަޔަރގެ ކަންތައްތައް ބެލެހެއްޓެވުން ހިމެނެއެވެ.
މުޙައްމަދު ޒިޔާދު ފާހަގަކުރެވިފައި ވަނީ، ފަރުވާތެރިކަމާއެކު މަސައްކަތަށް އިސްކަން ދެއްވައިގެން އިޚުލާޞްތެރިކަމާ އެކުގައި ކުންފުނީގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި، ކަންކަން ނިންމެވުމުގައި ގަވާއިދުތަކާއި އުސޫލުތަކަށް ޙުރުމަތްތެރިކޮށް ހިއްތަވައި، އެއާ އެއްގޮތަށް އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ.