މުޙައްމަދު ސިޔާމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ލޯޑަރެއްގެ މަގާމުގައި، 1 މާރިޗު 1989 ގައެވެ. މި ވޭތުވެދިޔަ 35 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، އެ ކުންފުނީގެ އެއަރ ކްރާފްޓް ހޭންޑްލަރ ކަމާއި، ފޯމަން ކަމާއި، ސީނިއަރ ފޯމަން ކަމުގެ ވަޒީފާ އަދާކުރެއްވިއެވެ. މުޙައްމަދު ސިޔާމް މިހާރު ހުންނެވީ، ސުޕަވައިޒަރު ކަމުގެ މަގާމުގައެވެ.
މުޙައްމަދު ސިޔާމަކީ، ލޯޑަރުގެ ވަޒީފާ އަދާކުރާ މީހުންނަށް ކުންފުނީގެ ފަރާތުން ދޭންޖެހޭ ތަމްރީނުތައް ދިނުމުގައްޔާއި، އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަށްޓަކައި ގިނަގުނަ މަސައްކަތް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ. މުޙައްމަދު ސިޔާމަކީ، މަތިންދާބޯޓުން މުދާ ބޭލުމުގައި ދޭންވާ ސަމާލުކަމާއި، އަހަންމިއްޔަތުކަން ދޭންވީ މިންވަރާ ބެހޭގޮތުން މުވައްޒަފުންނަށް މައުލޫމާތު ދެއްވަމުން ގެންދަވާ ބޭފުޅެއްވެސް މެއެވެ.
މުޙައްމަދު ސިޔާމަކީ، ކުންފުންޏާ ގުޅިވަޑައިގަތީއްސުރެ މިއަދާ ހަމަޔަށް، ފަރުވާތެރިކަމާއި އިޚުލާޞްތެރިކަމާ އެކުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ އަދި ވެރިން ހަވާލުކުރައްވާ މަސައްކަތްތައް ކުރައްވައި، ވަގުތަށް ނިންމަވާ ބޭފުޅެކެވެ. ފަތިހު ޑިއުޓީއަށް ހާޒިރުވާންޖެހޭ ޝިފްޓްގެ ހުރިހާ މުވައްޒަފުންނަށް ކޮންމެ ދުވަހަކުވެސް މުޙައްމަދު ސިޔާމް ގުޅުއްވައިގެން، ޑިއުޓީއަށް ނުކުންނެވުމަށް ބާރުއަޅުއްވަމުން ގެންދަވާކަން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ. މިކަން މިގޮތަށް ކުރައްވަމުން ގެންދަވާތާ މިހާރު 30 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.
މުޙައްމަދު ސިޔާމް ފާހަގަކުރެވިފައި ވަނީ، ކުންފުނިން ހިންގާ ހުރިހާ މަސައްކަތެއްގައިވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާ، އެއްބާރުލުން ދެއްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ. މި ވޭތުވެދިޔަ 35 އަހަރު ދުވަހުގެ ތެރޭގައި މުޙައްމަދު ސިޔާމް، އޮފީހަށް ގަޑިޖެހިފައި ނުވާކަމާއި، ސަލާން ވިދާޅުވެފައި ނުވާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.