ފަސްޓް ސާރޖަންޓް ނަސްރީނާ ޙަސަން
ދަފްތަރު. ނަންބަރު ރސ 2923، މާލެ

ފަސްޓް ސާރޖަންޓް ނަސްރީނާ ޙަސަނަކީ، ސިފައިންގެ ޚިދުމަތާ ފުރަތަމަ ގުޅިވަޑައިގެންނެވި ބޭކަނބަލުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭކަނބަލެކެވެ. މެދުނުކެނޑި 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިޚުލާޞްތެރި ކަމާއި ވަފާތެރިކަމާއެކުގައި، ދިވެހި ޢަސްކަރިއްޔާއަށް ޚިދުމަތް ކުރައްވައިފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ހަރުދަނާ ލީޑަރޝިޕެއްގެ ވެރި ބޭކަނބަލެކެވެ.

1 މާރިޗު 1989 ގައި ސިފައިންގެ ޕްރައިވެޓެއްގެ ރޭންކުގައި ޚިދުމަތް ފަށްޓަވައި، މި ވޭތުވެދިޔަ ދިގު މުއްދަތުގައި އެކިއެކި ރޭންކްތަކުން ނަސްރީނާ ޙަސަން ވަނީ ކުރިއެރުން ހޯއްދަވައިފައެވެ. މިގޮތުން، ލާންސް ކޯޕްރަލް ކަމާއި، ކޯޕްރަލް ކަމާއި، ސާރޖަންޓް ކަމާއި، ސްޓާފް ސާރޖަންޓް ކަމާއި، ސާރޖަންޓް ފަސްޓް ކްލާސްގެ ރޭންކުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. މިހާރު، ފަސްޓް ސާރޖަންޓް ނަސްރީނާ ޙަސަނަކީ، އެމް.އެން.ޑީ.އެފް. އެންލިސްޓެޑް ކޯރގެ ސީނިއަރ ރޭންކެއްގައި ހުންނެވި ބޭކަނބަލެކެވެ.

ފަސްޓް ސާރޖަންޓް ނަސްރީނާ ޙަސަން ފުރަތަމަ މަސައްކަތް ކުރައްވައިފައި ވަނީ، ޑިއުޓީ ސެކްޝަންގައެވެ. އެއަށްފަހު، 1994ވަނަ އަހަރު އެން.އެސް.އެސް. މޮޓޯ ޓްރާންސްޕޯޓުގެ އިދާރީ މަސައްކަތުން ފެށިގެން އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސްގެ އެޑްމިން އެން.ސީ.އޯ. އިންޗާރޖުގެ މަގާމުގައި ހުންނަވައިގެން، އެކިއެކި ކަންކަމުގައި އިސް ދައުރެއް އަދާކުރެއްވިއެވެ. 2014ވަނަ އަހަރުން ފެށިގެން ފަސްޓް ސާރޖަންޓް ނަސްރީނާ ޙަސަން ޚިދުމަތް ކުރައްވަމުން ގެންދަވަނީ، އިންޓަރގްރޭޓަޑް ހެޑްކުއަރޓަރޒްގެ ޑައިރެކްޓަރޭޓް އޮފް އެޑްމިނިސްޓްރޭޝަން އެންޑް ޕަރސަނަލް ސަރވިސަސްގައެވެ. އެގޮތުން، ރެކޯޑްސް ޑިޕާޓްމަންޓް ގައްޔާއި، ޕަރސަނަލް އެޑްމިނިސްޓްރޭޝަންގައި ހަރުދަނާކަމާ އެކުގައި ޚިދުމަތް ކުރެއްވުމަށްފަހު، މިހާރު އަދާކުރައްވާ ރެކޯޑްސް ޑިޕާޓްމަންޓުގެ އެން.ސީ.އޯ. އިންޗާރޖުގެ އިތުރުން، އެމް.އެން.ޑީ.އެފް. އެންލިސްޓެޑް ބޯޑުގެ މެންބަރުކަންވެސް ނަސްރީނާ ޙަސަން ކުރައްވަމުން ގެންދަވައެވެ. އަދި ޖޭ 1ގެ އެކްޓިންގ ސީނިއަރ އެންލިސްޓެޑް ލީޑަރު ކަމުގެ މަގާމާއި، އަންހެން ސިފައިންގެ ކޮމިޓީގެ މެންބަރުކަން، ގިނަ ދައުރުތަކެއްގައި ކުރައްވައިފައި ވެއެވެ. އަދި ޤައުމަށް ދިމާވި ބޮޑެތި ކާރިސާތަކުގައްޔާއި، އޮޕަރޭޝަންތަކުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، ސިފައިންގެ ޚިދުމަތަކީ، ޤާބިލު އަންހެނުން ގިނަ އަދަދަކަށް ޚިދުމަތް ކުރަމުންގެންދާ މުއައްސަސާއަކަށް ހެއްދެވުމުގައި، ނަސްރީނާ ޙަސަން އިސް ދައުރެއް އަދާކުރައްވައިފައި ވެއެވެ.

މަސްއޫލިއްޔަތާއި ވާޖިބު އަދާކުރެއްވުމުގައި، އާދަޔާ ޚިލާފު ޚިދުމަތްތަކެއް ކުރައްވައިފައިވާތީ، ޚިދުމަތުގެ ފިލާ 2007ވަނަ އަހަރު ނަސްރީނާ ޙަސަނަށް ލިބިވަޑައިގެންފައި ވެއެވެ. އަދި، އަދާކުރައްވާ ވަޒީފާގެ ގޮތުން އޮފީހަށް ކޮށްދެއްވައިފައިވާ ޚިދުމަތުގެ ދާއިރާއިން "ރެހެންދި އެވޯޑު" ވެސް ނަސްރީނާ ހާސިލު ކުރައްވައިފައި ވެއެވެ.

ފަސްޓް ސާރޖަންޓް ނަސްރީނާ ޙަސަން ސިފައިންގެ ޚިދުމަތުގައި ގިނަ ދުވަހު ހޭދަކުރައްވައިފައި ވަނީ، އިދާރީ މަސައްކަތްތައް ކުރެއްވުމުގައެވެ. ދިގު މުއްދަތެއްގައި މިފަދަ ޒިންމާދާރު މަސައްކަތްތަކެއް އިޚުލާޞްތެރިކަމާއި ހިތްވަރާ އެކުގައި ކުރައްވައިފައިވާކަމީ، ފަސްޓް ސާރޖަންޓް ނަސްރީނާ ޙަސަން، ޤައުމީ ޚިދުމަތަށް ދެއްވާ އިސްކަމާއި ލޯބި ހާމަކޮށްދޭ ކަމެކެވެ.

ފަސްޓް ސާރޖަންޓް ނަސްރީނާ ޙަސަނަކީ، އެން.ސީ.އޯ. އެޑްވާންސްޑް ކޯހާއި، ތަފާތު އެހެން ކޯސްތައް ފުރިހަމަކުރައްވައި، އެކިއެކި ވަރކްޝޮޕްތަކާއި ސެމިނާރުތަކުގައި ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ. ސިފައިންގެ މަސްއޫލިއްޔަތުގެ އިތުރުން، ކުޅިވަރުގެ ދާއިރާއިން ނަސްރީނާ ޙަސަން ވަނީ މުއައްސަސާ ފަޚުރުވެރިވާފަދަ ގިނަ ކާމިޔާބީތަކެއް ހާސިލުކޮށްދެއްވައިފައެވެ. އެގޮތުން، އެކިއެކި ކުޅިވަރުތަކުގައި ކުޅުންތެރިއެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން، ސިފައިންގެ ޓީމަށް ހޯއްދަވައި ދެއްވައިފައިވާ ކާމިޔާބީ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން ޖެހެއެވެ.

ފަސްޓް ސާރޖަންޓް ނަސްރީނާ ޙަސަން ސިފައިންގޭގައި އިޚުލާޞްތެރިކަމާއި ވަފާތެރިކަމާ އެކުގައި ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ޝަރަފުގެ ނިޝާނުގެ ގޮތުގައި، 9 ކުލައާއި، 10 މެޑެލް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލަ، ޚާއްޞަ ޚިދުމަތުގެ ކުލަ، ކާމިޔާބުގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ، އިޚުލާޞްތެރި ޚިދުމަތުގެ ކުލަ، ސިފައިންގެ ޚިދުމަތުގެ ކުލަ ހިމެނެއެވެ. އަދި އަޚުލާޤީ ކުލަ، ތިންފަހަރު ހާސިލު ކުރައްވައިފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ މެޑެލް، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެލް، އިޚުލާޞްތެރި ޚިދުމަތުގެ މެޑެލް، ސިފައިންގެ ޚިދުމަތުގެ މެޑެލް، އަޚުލާޤީ މެޑެލް، ސައްތައިގެ މެޑެލް، 17ވަނަ ސާރކް ސަމިޓުގެ މެޑެލް، ޖުމްހޫރީ 50ގެ މެޑެލް، މިނިވަން 50ގެ މެޑެލް އަދި އިންސާނީ ޚިދުމަތުގެ މެޑެލް ހިމެނެއެވެ.

ފަސްޓް ސާރޖަންޓް ނަސްރީނާ ޙަސަން، ސިފައިންގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ފިރިކަލުންނާއި، ދެ ބޭފުޅުންގެ ފަރާތުން ލިބިވަޑައިގަންނަވާ އެހީތެރިކަން ނަސްރީނާ ޝުކުރުވެރިކަމާއެކު ފާހަގަކުރައްވައެވެ.