ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް ޒުހުރާ އިބްރާހީމް
ޖަވާހިރުމާގެ ކ. ހިންމަފުށި

ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް ޒުހުރާ އިބްރާހީމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި، ޕްރައިވެޓް ރޭންކުގައި 1 މާރިޗު 1989 ގައެވެ. މިގޮތުން، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި މަސައްކަތް ކުރުމަށް އަންހެނުންނަށް ފުރުޞަތު ހުޅުއްވައިލެއްވުމާ ގުޅިގެން ސިފައިންގެ ވަޒީފާއާ ގުޅިވަޑައިގެންނެވި ފުރަތަމަ ބެޗުގައި ޒުހުރާ އިބްރާހީމް ހިމެނިވަޑައިގެންނެވިއެވެ.

އެން.އެސް.އެސް. އާއި، ދިވެހި ފުލުހުންގެ ޚިދުމަތުގައި 35 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ޒުހުރާ އިބްރާހީމް މިހާރު ހުންނެވީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުގައެވެ. ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި، އެން.އެސް.އެސް.ގެ ޕްރައިވެޓް ކަމާއި، ލާންސް ކޯޕްރަލް ކަމާއި، ކޯޕްރަލް ކަމާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޯޕްރަލް ކަމާއި، ސާރޖަންޓް ކަމާއި، ސްޓާފް ސާރޖަންޓް ކަމާއި، ސްޓޭޝަން އިންސްޕެކްޓަރ ކަމާއި، ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް ގްރޭޑް 1ގެ ރޭންކުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ.

ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް ޒުހުރާ އިބްރާހީމް، އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ، އެން.އެސް.އެސް.ގެ ޑިއުޓީ ސެކްޝަންގައެވެ. އޭގެފަހުން، އެން.އެސް.އެސް. މިލިޓަރީ ޓްރޭނިންގ ސެކްޝަންގައްޔާއި، ގާމާދޫ ސެކިއުރިޓީ ޔުނިޓް (ޕޮލިސް ހެޑްކުއަރޓަރޒް) ގައްޔާއި، ޕޮލިސް ހެޑް ކުއަރޓަރޒް (ކޭސް ފައިލިންގ) ގައްޔާއި، އޭ. ސެކްޝަން (ޕޮލިސް ހެޑް ކުއަރޓަރޒް) ގައްޔާއި، ގަލޮޅު ޕޮލިސް ސްޓޭޝަންގައްޔާއި، ފްރޯޑް އެންޑް ފައިނޭންސް ކޭސަސް (ކޮމާޝަލް ކްރައިމް ޔުނިޓް) ގައްޔާއި، ޕްރޮޕަޓީ ކްރައިމް ޑިޕާޓްމަންޓުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. މީގެއިތުރުން، އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގައްޔާއި، ކްރައިމް މެނޭޖްމަންޓް ކޮމާންޑްގައްޔާއި، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގައްޔާއި، ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގައްޔާއި، ދޫނިދޫ ކަސްޓޯޑިއަލްގައްޔާއި، ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓްގައްޔާއި، އައި.ޖީ.އެމް.އެޗް. ޑިއުޓީ އޮފިސަރުގެ މަގާމުގައްޔާއި، މެޑިކަލް ސަރވިސަސް ޑިޕާޓްމަންޓްގައްޔާއި، ލޮޖިސްޓިކަލް ސަރވިސަސް ޑިޕާޓްމަންޓްގައްޔާއި، ޔުނިފޯމް ސެކްޝަން ގައްޔާއި، ކ. ތުލުސްދޫ ޕޮލިސް ސްޓޭޝަންގައިވެސް ޚިދުމަތް ކުރައްވައިފައި ވެއެވެ. މިހާރު ހުންނެވީ، ކ. ހިންމަފުށީ ޕޮލިސް ސްޓޭޝަން ގައެވެ.

ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް ޒުހުރާ އިބްރާހީމް ކުރައްވައިފައިވާ ޚާއްޞަ ބޮޑެތި މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ، ފުލުހުންގެ ޚިދުމަތުގެ ފަރާތުން ހިންގުނު ތަފާތު އޮޕަރޭޝަންތަކުގައްޔާއި، ތަޙުޤީޤު ކުރުމުގެ ދާއިރާގައި ހިތްވަރާއި ޢަޒުމާ އެކުގައި ކުރައްވައިފައިވާ މަސައްކަތްތަކެވެ. މީގެއިތުރުން، ފުލުސް އޮފީހަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ފައިސާ ހޯދައިދޭންޖެހޭ ފަރާތްތަކަށް، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކުގައި، ފައިސާ ހޯދައިދީ، އެ ފައިސާ ރައްދުކޮށްދިނުމަށް މަސައްކަތް ކުރައްވައިފައި ވެއެވެ. އަދި، ކޮރަޕްޝަން ނައްތައިލުމާ ބެހޭގޮތުން ހޭލުންތެރިކުރުވުމަށް 2006ވަނަ އަހަރު ކޮޅުމަޑުލު ވޭމަންޑޫގައި ބޭއްވި މަސައްކަތު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމުގެ އިތުރުން، ފުލުހުންގެ 83ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވުނު ހަރަކާތްތައް އިންތިޒާމު ކުރެއްވުމުގައްޔާއި، ކްރައިމް ޕްރިވެންޝަނާއި މީޑިއާ ގުޅިގެން 2019ވަނަ އަހަރު ކުރިއަށް ގެންދިޔަ "ކުށުގެ ހަ ފަރާތް" ޕުރޮގުރާމުގެ އެޕިސޯޑުގެ މަންޒަރުތައް ނެގުމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، އިޚުލާޞްތެރިކަމާ އެކުގައި މަސައްކަތް ކޮށްދެއްވައިފައި ވެއެވެ. މީގެއިތުރުން، ސުނާމީ ކާރިސާގައްޔާއި، މާލެއަށް ކުރިމަތިވި ފެނުގެ ކާރިސާގައި ކުރެއްވި މަސައްކަތްތަކުގައިވެސް ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް ޒުހުރާ އިބްރާހީމް ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް ޒުހުރާ އިބްރާހީމް، ސިފައިންގޭގައްޔާއި، ދިވެހި ފުލުހުންގެ ޚިދުމަތުގައި އިޚުލާޞްތެރިކަމާއި ވަފާތެރިކަމާ އެކުގައި އަދާކުރެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ޝަރަފުގެ ނިޝާނުގެ ގޮތުގައި 6 ކުލައާއި 9 މެޑެލް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި، އަޚުލާޤީ ކުލަ، ސިފައިންގެ ޚިދުމަތުގެ ކުލަ، އިޚުލާޞްތެރި ޚިދުމަތުގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ، ފުލުހުންގެ ޚިދުމަތުގެ ކުލަ ހިމެނެއެވެ. އަޚުލާޤީ ކުލަ ދެފަހަރު ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، ސައްތައިގެ މެޑެލް، ފުލުހުންގެ މެޑެލް، އަޚުލާޤީ މެޑެލް، މިނިވަން 50ގެ މެޑެލް، އިޚުލާޞްތެރި ޚިދުމަތުގެ މެޑެލް، ސުނާމީ ކާރިސާގެ މެޑެލް، ޖުމްހޫރީ 50ގެ މެޑެލް، ފުލުހުންގެ ޚިދުމަތުގެ މެޑެލް އަދި ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެލް ހިމެނެއެވެ.